އީ ވޯޓިން ބޭނުންކުރާ އިންތިހާބުތަކުގައި ބައިވެރި ނުވާން އެމްޑީޕީން ނިންމައިފި

މިހާރު ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގެ ތެރެއިން --- ފޮޓޯ/ ޓްވީޓާ

އިލެކްޓްރޯނިކް ވޯޓިން ނުވަތަ އިވޯޓިން ބޭނުންކުރާ އިންތިހާބުތަކުގައި ބައިވެރި ނުވާން އިދިކޮޅު އެމްޑީޕީން ރަސްމީކޮށް ނިންމައިފިއެވެ.

މިހާރު ކުރިއަށްދާ އެމްޑީޕީ ގައުމީ މަޖިލިހުގެ 146 ވަނަ ބައްދުލުވުމުގައި އެގޮތަށް ފާސްކުރީ، އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒު ހުށަހެޅުއްވި ގަރާރަކަށް ބަހުސް ކުރުމަށްފަހު، ޖަލްސާގައި ތިއްބެވި 32 މެމްބަރުންގެ ތެރެއިން 31 މެމްބަރުންގެ ތާއީދާ އެކުގައެވެ.

އެ ގަރާރަށް ބަހުސް ކުރަމުން ގައުމީ މަޖިލީހުގެ މެމްބަރުން ވަނީ އީ ވޯޓިން ނިޒާމުގެ ސަބަބުން މިނިވަން އިންތިހާބެއް ނުބޭއްވޭނެ ކަމަށް ފާހަގަކޮށް، ރާއްޖެއަށް އީވޯޓިން ތައާރަފްކުރަން އިލެކްޝަން ކޮމިޝަނުން ނިންމާފައިވަނީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން އިންތިހާބު ކޮށްދިނުމަށް ކަމަށް ތުހުމަތުކޮށްފައެވެ.

އަންނަ ޖެނުއަރީ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއެކު ރާއްޖޭގައި އީވޯޓިންގ ތައާރަފު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުންދާ އިރު، އިދިކޮޅު ސިޔާސީ ފަރާތްތަކާއި ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ އެކަމާ މެދު ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އެގޮތުން އީޔޫ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ މިޝަން އިން މިދިޔަ މަހު ބުނެފައި ވަނީ 350،000 މީހުން ހަމަނުވާ ރާއްޖޭގައި އީ ވޯޓިން ތައާރަފްކުރަން އުޅުމަކީ ރާއްޖެއާ ނުގުޅޭ ކަމެއް ކަމަށެވެ. އަދި އީވޯޓިންގ ނިޒާމު ތައާރަފު ކުރުމުން ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރެވޭނެ ކަމުގެ ޔަގީންކަން ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން އިތުރު ކޮށްދޭން ޖެހޭނެ ކަމަށް ބުންޏެވެ.

އެހެންނަމަވެސް، މި އޯގަސްޓް މަހުގެ ހަތަރު ވަނަ ދުވަހު، ބަނޑޮސް އައިލެންޑް ރިސޯޓުގައި ނިންމާލި، ފޯރަމް އޮފް އިލެކްޝަން މެނޭޖްމެންޓް ބޮޑީސް އޮފް ސައުތު އޭޝިއާ (ފެމްބޯސާ)ގެ ހަތްވަނަ ބައްދަލުވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ، ރާއްޖޭގައި އީވޯޓިންގ ނިޒާމު ތައާރަފު ކުރުމަށް ރާއްޖޭގެ އާބާދީގައި މައްސަލައެއް ނެތް ކަމަށް ފެމްބޯސާގެ ބައްދަލުވުންތަކުގައި ބައިވެރިވި ގައުމުތަކުގެ އިލެކްޝަންސް ކޮމިޝަނުތަކުން އެއްބަސްވެފައިވާ ކަމަށެވެ.

comment ކޮމެންޓް