ގެދޮރު ގަތުމަށް ބީއެމްއެލުން ނަގާ ލޯނުގެ ޑައުންޕޭމެންޓަށް ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތް ހަދައިފި

ބީއެމްއެލް ހޯމް ލޯނަށް ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތް ހަމަޖެއްސުމަށް މިއަދު ބީއެމްއެލްއާއި ޕެންޝަން އޮފީހާ ދެމެދު އެއްބަސްވުމެއް އެކުލަވާލުން -- ސަން ފޮޓޯ/ މާހިލް މުހައްމަދު

ގެދޮރު ގަތުމަށް ބޭންކް އޮފް މޯލްޑިވްސްއިން ދޫކުރާ ބީއެމްއެލް ހޯމް ލޯނުގެ ޑައުން ޕޭމަންޓަށް ދައްކަންޖެހޭ 20 ޕަސަންޓު ފައިސާއަށް ޕެންޝަން ފަންޑުގައިވާ ފައިސާ ދެއްކޭ އިންތިޒާމު ބޭންކް އޮފް މޯލްޑިވްސްއިން ހަމަޖައްސައިފި އެވެ.

މިކަން ހަމަޖެއްސުމުގެ ގޮތުން މިއަަދު ބީއެމްއެލް އާއި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާ ދެމެދު ވަނީ ސޮއިކޮށްފަ އެވެ. ބީއެމްއެލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ އެވެ. އަދި ޕެންޝަން އޮފީހުގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މުހައްމަދު ހުސައިން މަނިކެވެ.

އެ އެއްބަސްވުމުގެ ދަށުން، ގެދޮރު ގަތުމަށް ބީއެމްއެލުން ނަގާ ހޯމް ލޯނަށް އަމިއްލައަށް ޚަރަދުކުރަންޖެހޭ 20 ޕަސަންޓުގެ ތެރޭގައި، ރިޓަޔަމަންޓް ސޭވިންގްސް އެކައުންޓުގައި ރައްކާ ކޮށްފައިވާ ފައިސާ ބޭނުން ކުރެވޭނެ އެވެ. ލޯނުގެ މުއްދަތުގައި އެ ފައިސާ ޕެންޝަން އޮފީހުގައި ކޮލަޓަރައިޒް (ރަހުނު) ކުރެވޭނެ ކަމަށް ބޭންކުން ބުނެ އެވެ.

މީގެ އިތުރުން، ރިޓަޔަމަންޓް ސޭވިންގްސް އެކައުންޓުގައި ހުރި ޕެންޝަން ފައިސާއިަށް އިކުއިޓީ ނުވަތަ ޑައުންޕޭމެންޓުގެ ގޮތުގައި ދައްކަންޖެހޭ އަދަދު ހަމަ ނުވާ ނަމަ، ބާކީ ބައި އަމިއްލައަށް ހަމަޖެއްސޭނެ އެވެ. އަދި އާއިލާގެ މެމްބަރުންގެ ރިޓަޔަމަންޓް ސޭވިންގްސް އެކައުންޓުގައި ހުރި ފައިސާ އެއްކޮށްލައިގެން ވެސް ލޯނުގައި ބޭނުންކުރެވޭނެ ކަމަށް ބޭންކުން ބުނެ އެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ މިއަދުން ފެށިގެން ގެދޮރު ގަުތމުގެ ކަންކަމަށް، ރިޓަޔަމެންޓް ޕެންޝަން ސޭވިންގްސްގައިވާ ފައިސާ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ބޭނުން ކުރެވޭނެ ކަމަށެވެ.

"ގެދޮރަށް އޮތް ޑިމާންޑު ބޮޑުކަން އެންމެންނަށް ވެސް އެނގޭ. އެކަމަކު އެންމެ ބޮޑު ހުރަހަކީ ޑައުންޕޭމެންޓަށް ދައްކަންޖެހޭ ފައިސާ ރައްކާ ކުރެވިފައި ނެތުން. އަޅުގަނޑުމެން މި އެހީތެރިވެދެނީ މިކަަމަށް ހައްލަކާ އެކު،" ހީލީ ވިދާޅުވި އެވެ.

ޕެންޝަން އޮފީހުގެ ސީއީއޯ މުހައްމަދު ހަސަން މަނިކު ވިދާޅުވީ، މި ޚިދުމަތަކީ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ.

އޭނާ ވިދާޅުވީ މި ގޮތަށް ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތަށް ހަމަޖެހިގެން ދިޔައީ ދޮޅު އަހަރެއްހާ ދުވަހުގެ މަޝްވަރާތަކެއްކޮށް، ޕެންޝަނާ ބެހޭ ގާނޫނަށާއި އެގާނޫނުގެ ދަށުން ހެދި ގަވާއިދުތަކަށް ވެސް ބަދަލުތަކެއް ގެނެސްގެން ގެނައި ބަދަލުތަކެއް ކަމަށެވެ.

ޕެންޝަން އޮފީހުން ބުނީ އިތުރު މިފަދަ އިތުރު މުއައްސަސާތަކުން ދޭ ޚިދުމަތްތަކަށް ޕެންޝަން ފައިސާ ބޭނުން ކުރެވޭނެ އިންތިޒާމު ވަރަށް އަވަހަށް ހަމަޖެހިގެން ދާނެ ކަމަށެވެ.

ޕެންޝަން އޮފީހުން މީގެ ކުރިން ވަނީ، އިންޝޫރަންސް ޕްރޮޑަކްޓެއްގެ ގޮތުގައި ޕެންޝަން ފައިސާ ދޫކުރުމަށް ވެސް ނިންމައިފަ އެވެ.

comment ކޮމެންޓް