މޯލްޑިވްސް ރިޓަޔަމެންޓް ޕެންޝަން ސްކީމުގައި ބައިވެރިވެފައިވާ ފަރާތްތަކުގެ ޕެންޝަން ފައިސާ، އިންޝޫރަންސް ކުންފުންޏަކުން ދޭ އެނުއިޓީ ޕްރޮޑަކްޓެއް މެދުވެރިކޮށް ހޯދުމުގެ އިޚްތިޔާރު ދިނުމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ނިންމައިފި އެވެ.
އެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، ޕެންޝަން ލިބޭ އުމުރު ހަމަވާ ފަރާތްތަކަށް ޕެންޝަން ފައިސާ، އެނުއިޓީ ޕްރޮޑަކްޓެއްގެ ގޮތުގައި ދޫކުރުމުގެ އިޚްތިޔާރު ދިނުމަށް ގަސްދު ކުރާ ކަމަށެވެ.
އަދި އެފަދައިން ވިއްކޭ އެނުއިޓީ ޕްރޮޑަކްޓަކީ ރާއްޖޭގައި ލައިފް އިންޝޫރަންސް ޚިދުމަތް ދިނުމުގެ ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ދޫކޮށްފައިވާ ކުންފުންޏަކުން ދޭ ޕްރޮޑަކްޓަކަށް ވާން ޖެހޭ ކަމަށް ވެސް ޕެންޝަން އޮފީހުގެ ބަޔާނުގައި ވެ އެވެ.
ޕެންޝަން އޮފީހުން ބުނީ، އެ އޮފީހާ ގުޅިގެން، މޯލްޑިވްސް ރިޓަޔަމެންޓް ޕެންޝަން ސްކީމުގެ ބައިވެރިންނަށް އެނުއިޓީ ޕްރޮޑަކްޓެއް މެދުވެރިކޮށް ޕެންޝަން ފައިސާ ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރުމަށް ހުޅުވާލާ ކަމަށެވެ.
އެގޮތުން، މޭ މަހުގެ ހަތަރުވަނަ ދުވަހު އޮފީސް ބަންދުވުުގެ ކުރިން، ޕެންޝަން އޮފީހަށް އެކްސްޕެޝަން އޮފް އިންޓެރެސްޓް ހުށަހެޅުމަށް އެ އޮފީހުން އެދެ އެވެ.
ރާއްޖޭގައި އިންޝޫރަންސްގެ ޚިދުމަތް ގިނަ ކުންފުނިތަކަކުން ދެ އެވެ. އޭގެ ތެރޭގައި އެލައިޑް އިންޝޫރަންސް، ސްރީލަންކަން އިންޝޫރަންސް ކޯޕަރޭޝަން، ސޭލިންކޯ އިންޝޫރަންސާއި އަމާނާ ތަކާފުލްގެ އިތުރުން، ދާދި ފަހުން އިންޝުރަންސް ޚިދުމަތް ދިނުމުގެ ހުއްދަ ދިން 100 ޕަސަންޓު ދިވެހި ކުންފުންޏެއް ކަމުގައިވާ ސޮލަރެލް އިންޝޫރަންސް ޕްރައިވެޓް ލިމިޓެޑް ހިމެނެ އެވެ.