ރޮނާލްޑޯ އާއި ބޭލް ނެތަސް ރެއާލްއަށް ޔޫއެފާ ސުޕަރ ކަޕް ކާމިޔާބު ކުރެވޭނެ: ރާމޯސް

ރެއާލް މެޑްރިޑްގެ ވޭލްސް ތަރި ބޭލް(ކ) އާއި ޕޯޗުގަލް ތަރި ރޮނާލްޑޯ(ވ): އެ ދެ ކުޅުންތެރިންގެ އިތުރުން ކްރޫސް އާއި، ނަވާސް އަދި ޕެޕޭ ވެސް މިރޭގެ މެޗުގައި ނުފެންނާނެ --- ފޮޓޯ: ގެޓީ

ޔޫއެފާ ސުޕަރ ކަޕުގައި މިރޭ ސެވިއްޔާއާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅޭ މެޗުގައި އެޓީމުގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ވޭލްސް ތަރި ގެރެތު ބޭލް ނެތަސް މޮޅުވެވޭނެ ކަމަށް ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް ބުނެފިއެވެ.

ޔޫރޮޕާ ލީގުގެ ޗެމްޕިއަން ސެވިއްޔާއާ ދެކޮޅަށް ނުކުންނަ މެޗުގައި ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން ރެއާލް އިން ރޮނާލްޑޯ އާއި ބޭލްގެ އިތުރުން ޖަރުމަން މިޑްފީލްޑަރު ޓޯނީ ކްރޫސް އާއި، ގޯލްކީޕަރު ކޭލާ ނަވާސް އަދި ޕޯޗުގަލް ޑިފެންޑަރު ޕެޕޭ ވެސް ނުފެންނާނެއެވެ. އޭގެ ތެރެއިން ރޮނާލްޑޯ އާއި ބޭލް އަށް މެޗުގައި ބައިވެރިނުވެވެނީ ފިޓްނަސް މައްސަލަތަކަކާ ގުޅިގެންނެވެ.

"އަހަރެމެންގެ ވަރަށް މުހިއްމު ކުޅުންތެރިންތަކަކަށް މެޗު ގެއްލޭނެ. އެކަމަކު މިހާރު އޮތް ސްކޮޑާ މެދު ހިތްހަމަޖެހޭ. އަހަރެމެންނާއެކު މިހާރު ތިބި ކުޅުންތެރިންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ. އެ ކުޅުންތެރިންނަށް ކުރެވެން ހުރި މަސައްކަތެއް ދައްކާލުމަށް ކުޅުންތެރިން ތިބީ ތައްޔާރަށް. މިހާރު އޮތް ޓީމާއެކު އަހަރެމެންނަށް ސުޕަރ ކަޕް ކާމިޔާބު ކުރެވޭނެ،" ސްޕެއިން ޑިފެންޑަރު ރާމޯސް ބުންޏެވެ.

ރާމޯސް ބުނީ، ބޮޑު މެޗެއް ކުޅުމަށް އަދި މާ އަވަސް ނޫން ކަމަށާއި ސީޒަނަށް ތައްޔާރުވުމަށް ރެއާލް އިން ރަނގަޅު މެޗުތަކެއް ކުޅެފައިވާ ކަމަށެވެ. އަދި ކާމިޔާބަކާއެކު ސީޒަން ފެށުމަށް ތައްޔާރުކަމަށް ވެސް އޭނާ ބުންޏެވެ.

ރެއާލް އާއި ސެވިއްޔާ ބައްދަލުކުރާ ޔޫއެފާ ސުޕަރ ކަޕްގެ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން މިރޭ 11:45 ގައެވެ.

comment ކޮމެންޓް