ޕީޕީއެމްގެ ޕީޖީ ވައިބާ ގްރޫޕުން މެމްބަރު މުސްތަފާ ބޭރުކޮށްލައިފި

ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ -- ފޮޓޯ/ މަޖިލިސް

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ވައިބާ ގްރޫޕުން ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ބޭރުކޮށްފިއެވެ.

ޕީޕީއެމްގެ ވައިބަރ ގްރޫޕުން މުސްތަފާ ބޭރުކޮށްފައިވާކަން އޭނާ ވަނީ ސަން އަށް ކަަށަވަރުކޮށްދެއްވައިފައެވެ.

މުސްތަފާ ވިދާޅުވީ، އޭނާ ވައިބާ ގްރޫޕުން ބޭރުކުރީ، ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަބުރު ރައްކާތެރި ކުރުމާއި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ބިލާގުޅޭގޮތުން އޭނާގެ ހުރި ކަންބޮޑުވުންތަކެއް މިއަދު އެ ގްރޫޕްގައި ހިއްސާކުރުމުން އެކަމާ މެދު ހިނގި ހޫނު ބަހުސުތަކަކަށް ފަހު ކަމަށެވެ.

"އަޅުގަނޑު ދެންނެވިން، މައްސަލައަކީ އަބުރުގެ ބިލެއް ފާސްކުރުމެއް ނޫނޭ. އެކަމަކުވެސް ރާއްޖޭގެ ޝަރުއީދާއިރާ އޮތްގޮތުން މިފަދަ ބިލެއް ފާސްކުރުމުން، އޭގެ ނާޖާއިޒު ފަައިދާ ނެގޭގޮތަށް އެބަ އޮތޭ. އެގޮތުން މެންބަރުންނަށް ވެސް މީގެ ބިރު އެބައޮތޭ. އަޅުގަނޑު އެގޮތަށް ތަފާތު އެންގަލްތަކުން ފެކްޓްސްއާ އެކު ވާހަކަ ދެއްކީ،" އޭނާ ވިދާޅުވިއެވެ.

މުސްތަފާ ވިދާޅުވީ، އަބުރުގެ ބިލަކީ އޮންނަން ޖެހޭ ބިލެއް ކަމަށާއި އެހެން ނަމަވެސް، އެފަދަ ބިލެއް ފާސްކުރަން ޖެހޭނީ، "ދުލާއި ގަލަމުގެ މިނިވަންކަން މަރާލާފަދަ ގޮތަކަށް ނޫން" ކަމަށެވެ.

"މިފަދަ ބިލެއް ފާސްވެގެން އަންނައިރު، އަޅުގަނޑު ދެންނެވިން، އެބަޖެހެއޭ މެންބަރުންގެ ހިމާޔަތުގައިވެސް ކަންތައްތަކެއް ކުރަން. އެގޮތުން ޖޫރިމަނާ ނުދެއްކިގެން މެންބަރަކަށް ގޮނޑި ގެއްލޭފަދަ ހާލަތެއް މެދުވެރިވުން ވަރަށް ކައިރި. އަޅުގަނޑު ދެންނެވީ އެފަދަ ހާލަތެއްގައި މެންބަރުންގެ ދައުރު ހަމަވުމުގެ ކުރީން އެފަދަ ހުކުމެއް އިއްވި ނަމަވެސް ތަންފީޒުކުރުން ފަސްކުރެވޭފަދަ އިނާޔަތްތަކެއް ލިބޭގޮތަށް އިމްތިޔާޒުތަކެއް ދޭން،" އޭނާ ވިދާޅުވިއެވެ.

މުސްތަފާ ވިދާޅުވީ، "އަބުރު ރައްކާތެރި ކުރުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ބިލް ފާސްވެގެން އަންނަން ޖެހޭނީ ރައްޔިތުން ހަލަބޮލިވެ ބަޔަކު ޖަލަށް ދާންޖެހޭ ފަދަ ގޮތަކަށް ނޫން،" ކަމަށެވެ.

މީގެ އިތުރުން، ޕީޕީއެމްގެ ވައިބަރ ގްރޫޕްގެ ސްކްރީންޝޮޓްތައް ލީކުރުމުގެ ތުހުމަތުވެސް އޭނާގެ ބޮލުގައި އަޅުވާފައިވާ ކަމަށާއި އެހެން ނަމަވެސް، އެފަދަކަމެއް އޭނާ ނުކުރައްވާކަން މިހާރު ސާބިތުކޮށްދެއްވާފައި ވާނޭކަމަށްވެސް މުސްތަފާ ވިދާޅުވިއެވެ.

"އަޅުގަނޑަށް ވެސް އެނގޭ އެފަދަ ކަންކަންކުރާ ބަޔަކު އުޅޭކަން. އެކަމަކު އަޅުގަނޑެއް ހަމަ ގައިމުވެސް އެފަދަކަމެއް ކޮށްފައެއް ނޯންނާނެ. ދެން މިހާރު އެބޭފުޅުންނަށް ކޮންވިންސްކޮށްދީފަ އޮންނާނީވެސް އެކަން. އެބޭފުޅުން ގަބޫލުކުރައްވާނެ އެކަން،" މުސްތަފާ ވިދާޅުވިއެވެ.

އެ ބިލް ފާސްވުމުގެ ސަބަބުން މަޖިލިސް މެމްބަރުން "ތާށިވާނެ" ކަމަށާއި ސާބިތު ދަރަނީގެ ހުކުމްތައް މެމްބަރުންގެ މައްޗަށް އަންނާނެ ކަމަށް ވައިބާ ގްރޫޕްގައި މުސްތަފާ ވަނީ ވިދާޅުވެފައެވެ.

މުސްތަފާ ވިދާޅުވީ ސާބިތު ދަރަނީގެ ހުކުމެއް އިއްވިޔަސް ފަސް އަހަރު ވަންދެން މަޖިލީސް މެމްބަރު ކަމުގައި ހުރެވޭނެ ގޮތަށް މަޖިލީސް މެމްބަރުންގެ އިމްތިޔާޒުގެ ގާނޫނު އިސްލާހު ކުރަން އޭނާ އަށް ފެނިވަޑައިގަންނަވާ ކަމަށެވެ. އަދި އެގޮތަށް ގާނޫނު އިސްލާހު ކުރުމުން އެ ބިލަށް ތާއީދު ކުރައްވާނެ ކަމަށް ވެސް ވައިބާ ގްރޫޕްގައި އޭނާ ވަނީ ވިދާޅުވެފައެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ވެސް ޕީޕީއެމްގެ ވައިބާ ގްރޫޕުން މުސްތަފާ ބޭރުކުރިއެވެ. އެފަހަރު އޭނާއާ ދޭތެރޭގައި ފިޔަވަޅު އެޅީ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޕީޕީއެމް އިން ތައްޔާރު ކުރި ލިޔުމާ ދެކޮޅަށް އެ ޕާޓީގެ ޕީޖީ ގްރޫޕްގައި ވާހަކަ ދައްކައި މަސްލަހަތު ނަގާލުމަށް މަސައްކަތް ކުރުމުންކަމަށް ބުނެއެވެ.

comment ކޮމެންޓް