ޕީޕީއެމްގެ ވައިބާ ގްރޫޕުން މުސްތަފާ ވަކިކޮށްފި

މުސްތަފާ ނައިބު ރައީސް އަދީބާ އެކު ---- ސަން ފައިލް ފޮޓޯ

ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޕީޕީއެމް އިން ތައްޔާރު ކުރާ ލިޔުމާ ދެކޮޅަށް އެ ޕާޓީގެ ޕީޖީ ގްރޫޕްގައި ވާހަކަ ދައްކައި މަސްލަހަތު ނަގާލުމަށް މަސައްކަތް ކުރުމުން އޭނާ އެ ގްރޫޕްގެ ވައިބާ ގްރޫޕުން ވަކިކޮށްފި އެވެ.

ސަން އާ ވާހަކަ ދެއްކެވި ޕީޕީއެމް އަށް ނިސްބަތްވާ މެމްބަރަކު ވިދާޅުވީ އެ ޕާޓީގެ ޕީޖީ ގްރޫޕުން ވަކި ގޮތަކަށް ކަމެއްގައި ނިންމުމުން، އެ މެމްބަރެއްގެ ހިޔާލު ތަފާތުވިއަސް އެކަމާ ދެކޮޅު ނެހެދޭނެ ކަމަށެވެ.

ޕީޖީ ގްރޫޕްގެ ނިންމުމާ ޚިލާފަށް މުސްތަފާ މުޅި ގްރޫޕްގެ މަސްލަހަތު ގެއްލޭ ގޮތަށް ވާހަކަ ދައްކަވާފައިވާ ކަމަށް ވެސް އެ މެމްބަރު ވިދާޅުވި އެވެ.

ޕީޕީއެމް، އެމްޑީއޭ ޕާލަމެންޓްރީ ގްރޫޕުން އިއްޔެ ފާސްކޮށްފައި ވަނީ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށާއި އެކަމާ ދެކޮޅު ހައްދަވާ މެމްބަރުންނާ މެދު ފިޔަވަޅު އެޅުމަށެވެ.

މިކަމާ ބެހޭގޮތުން މުސްތަފާގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު މުސްތަފާ އަކީ އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި އެ ދާއިރާއަށް އިންތިޚާބުވެވަޑައިގެންނެވި ބޭފުޅެކެވެ. އޭނާ ޕީޕީއެމަށް ސޮއިކުރައްވާފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 31 ވަނަ ދުވަހު އެވެ.

މުސްތަފާ ޕީޕީއެމްގެ ލީޑާޝިޕް ބަދުނާމު ކުރާ ކަމަށް ބުނެ އޭނާގެ މައްސަލަ މިދިޔަ މަހުގެ ތެރޭގައި ވަނީ އެ ޕާޓީގެ ސުލޫކީ ކޮމިޓީއަށް ހުށަހަޅައިފަ އެވެ.

ސުލޫކީ ކޮމެޓީއަށް މުސްތަފާގެ މައްސަލަ ހުށަހަޅާފައި ވަނީ ޕާޓީގެ ލީޑާޝިޕް ބަދުނާމުވާ ގޮތަށް އެއްވެސް ވާހަކައެއް ނުދެއްކުމަށް ނަސޭހަތްތެރިވެފައި ވަނިކޮށް ޕާޓީ ބަދުނާމުވާ ގޮތަށް އޭނާ ވާހަކަދައްކަވާފައި ވާތީ ކަމަށް ޕީޕީއެމުން ބުންޏެވެ.

comment ކޮމެންޓް