ބެލްޖިއަމް ގައުމީ ޓީމުގެ ކޯޗުކަމުން ވިލްމޮޓްސް ވަކިކޮށްފި

ބެލްޖިއަމް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުގެ މަގާމުން ވަކިކުރި މާކް ވިލްމޮޓްސް: އޭނާ އަކީ ބެލްޖިއަމް އަށް ގިނަ ކުރިއެރުންތަކެއް ހޯދައިދިން ކޯޗެއް ---

ބެލްޖިއަމް ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމުން މާކް ވިލްމޮޓްސް ވަކިކޮށްފި އެވެ.

އުމުރުން 47 އަހަރުގެ ކޯޗު ވިލްމޮޓްސް ބެލްޖިއަމް ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމާ ހަވާލުވީ 2012 ވަނަ އަހަރުގެ ތެރޭގައެވެ.

ބެލްޖިއަމްގެ ޓީމާ ހަވާލުވުމަށް ފަހު، ވިލްމޮޓްސް ވަނީ ވޯލްޑް ކަޕް 2014ގެ ކުއާޓާ ފައިނަލާ ހަމައަށް ގެންގޮސްދީ، އެ ޓީމަށް ގިނަ ކުރިއެރުންތަކެއް ހޯދައިދީފަ އެވެ. ޔޫރޯ 2016ގެ ކުއާޓާ އަށް ބެލްޖިއަމް ދަތުރުކުރި ނަމަވެސް، ހައިރާންކުރަނިވި ގޮތަކަށް މުބާރާތުގައި އަލަށް ވާދަކުރަމުންދިޔަ ވޭލްސް އަތުން ވަނީ ބަލިވެފަ އެވެ.

ބެލްޖިއަން ފުޓްބޯލް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ހަތަރު އަހަރު ދުވަސްތެރޭ ވިލްމޮޓްސް ކޮށްދީފައިވާ ކަންތައްތަކަށް ޝުކުރު އަދާކުރާ ކަމަށާއި މަގާމުން ވިލްމޮޓްސް ވަކިކޮށްފައިވަނީ ޔޫރޯގައި ކަނޑައެޅުނު ޓާގެޓް ހާސިލް ނުކުރެވުމާ ގުޅިގެން ކަމަށެވެ.

"ވިލްމޮޓްސްގެ އިރުޝާދުގެ ދަށުން ބެލްޖިއަމް ވަނީ ފީފާ ރޭންކިންގެ 54 އިން އެއްވަނަ އަށް އަރުވައިދީފައި. އަދި އޭނާ ހަވާލުވި ފަހުން ގައުމީ ޓީމު ކުޅުނު 51 މެޗުގެ ތެރެއިން 34 މެޗުން މޮޅުވެ، އަށް މެޗުން ވަނީ އެއްވަރުވެފައި. އެ މުއްދަތުގެ ތެރޭގައި ވިލްމޮޓްސް ހޯދައިދިން ކުރިއެރުންތަކަށް ޝުކުރު އަދާކުރަން،" ބެލްޖިއަން ފުޓްބޯޅަ އެސޯސިއޭޝަނުން ނެރުނު ބަޔާނުގައިވެ އެވެ.

ވިލްމޮޓްސްއާއެކު ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތުން ކުރިން އޮތީ ވޯލްޑް ކަޕް 2018 ނިމެންދެން އެ ޓީމުގެ ކޯޗެއްގެ ގޮތުގައި އޭނާ ހުންނަ ގޮތަށެވެ. ނަމަވެސް މިހާރު އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ އެ އެއްބަސްވުން އުވާލައިފަ އެވެ.

comment ކޮމެންޓް