ބައިބަލާ މުބާރާތުގެ ޗެމްޕިއަންކަން އީގަލްސް އިން ތުރީ ޑީ ހޯދައިފި

ބައިބަލާ މުބާރާތުގެ ޗެމްޕިއަން އީގަލްސް އިން ތުރީ ޑީ --- ސަން ފޮޓޯ

ކޮންމެ ފިޠުރު އީދަކާ ގުޅިގެން ބައިބަލާ އެސޯސިއޭޝަނުން ބާއްވާ މުބާރާތްތަކުގެ ތެރެއިން މި އަހަރު ބޭއްވި ބައިބަލާ މުބާރާތުގެ ޗެމްޕިއަންކަން އީގަލްސް އިން ތުރީ ޑީ ހޯދައިފި އެވެ.

އެ މުބާރާތުގެ ޗެމްޕިއަންކަން އީގަލްސް އިން ތުރީ ޑީ ހޯދީ ފައިނަލުގައި މަސްއޮޑި ސްޕޯޓްސް ކްލަބު ބަލިކޮށްގެންނެވެ. މިއީ އިގްލްސް އިން ތުރީ ޑީ އެ މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

ފައިނަލް މެޗަށްފަހު ވަނަވަނަ އަށް ހޮވުނު ކުޅުންތެރިންނާއި ޓީމުތަކަށް ވަނީ އިނާމު ހަވާލުކޮށްފަ އެވެ. މުބާރާތުގެ ޗެމްޕިއަން އީގަލްސް އިން ތުރީ ޑީ އަށް ފައިސާގެ އިނާމެއްގެ ގޮތުގައި އެއް ލައްކަ ރުފިޔާ ލިބުނު އިރު، ރަނަރަޕް މަސްއޮޑި ސްޕޯޓްސް ކްލަބަށް ފައިސާގެ އިނާމެއްގެ ގޮތުގައި ލިބިފައިވަނީ 40،000 ރުފިޔާ އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ މިސްޓަ ބައިބަލާ އަށް ހޮވިފައިވަނީ މަސްއޮޑި ސްޕޯޓްސް ކްލަބުގެ އަސްލަމް ވަހީދެވެ. އޭނާ އަށް އިނާމެއްގެ ގޮތުގައި 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބިފައިވާ އިރު، ފެއާޕްލޭ ޓީމަށް ހޮވުނު އުމްޕާލުމްޕާ އަށް ވެސް އިނާމެއްގެ ގޮތުގައި 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބިފައިވެ އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރެއިން ޕޮއިންޓްގެ ގޮތުން އެއްވަރުވުމުން ފަސް ވަނައިގައި ދެ ކުޅުންތެރިން ހިމެނުނެވެ. އެހެންކަމުން އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހަ ކުޅުންތެރިން ހިމެނުނެވެ. އެއީ ގްރީން ސްޓްރީޓްގެ އިބްރާހިމް ސަމީހު އާއި އީގަލްސް އިން ތުރީ ޑީގެ އިސްމާއިލް ޒިހާން އާއި، އެ ޓީމުގެ އިބްރާހިމް އަތީގާއި، އެ ޓީމުގެ ހަމްދު އަލީ އާއި، ބުރު ޕާކުގެ މުފްލިހު ރަޝީދު އަދި އުމްޕާލުމްޕާގެ އިބްރާހިމް އަބްދުއްސައްތާރެވެ.

comment ކޮމެންޓް