ބައިބަލާ ޗެލެންޖްގެ ޗެމްޕިއަންކަން ޓީނޭޖަށް، މިސްޓަ ބައިބަލާއަކަށް ޝިރޫ

"އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444"ގެ ޗެމްޕިއަންކަން ހޯދި ކްލަބު ޓީނޭޖު -- ސަން ފޮޓޯ

ފިތުރު އީދާ ގުޅުވައިގެން ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބޭއްވި "އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444" ގެ ޗެމްޕިއަންކަން ކްލަބު ޓީނޭޖުން ހޯދައިފިއެވެ.

ޖުމުލަ 34 ޓީމަކާއެކު ހުޅުމާލޭގައި ކުރިއަށްގެންދިޔަ އެ މުބާރާތުގައި މިރޭ ކުޅުނު ފައިނަލުގައި އެއްކޮޅުން ވާދަކުރި ޓީނޭޖަކީ މިދިޔަ އަހަރުގެ ފައިނަލުގައި ވެސް ކުޅުނު ޓީމެކެވެ. މިދިޔަ އަހަރުގެ ފައިނަލުގައި ޓީނޭޖް ވަނީ ކްލަބު އޯވަންއޯ އަތުން ބަލިވެފައެވެ.

"އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444"ގެ ފައިނަލުގައި ޓީނޭޖާއި ހުޅުމާލެ ސްޕޯޓްސް ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ

މިރޭ ކުޅުނު ފައިނަލުގައި ޓީނޭޖުން ނުކުތީ މުބާރާތުގައި ވަރުގަދަ ކުޅުމެއް ދެއްކި ހުޅުމާލޭ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. އެ މެޗުން ޓީނޭޖު މޮޅުވީ ސީދާ ދެ ގޭމުންނެވެ.

އެ މެޗުގެ ފުރަތަމަ ގޭމް ޓީނޭޖުން ފެށީ އެތެރެއިންނެވެ. އެތެރެއިން ވަރުގަދަ ކުޅުމެއް ދައްކައި، ޓީނޭޖުން އެ ގޭމް ގެންދިޔައީ 15-4 އިންނެވެ. އަދި ދެވަނަ ގޭމްގައި ވެސް ޓީނޭޖުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ އިރު، އެޓީމުން އެ ގޭމް ގެންދިޔައީ 9-5 އިންނެވެ.

ޗެމްޕިއަންކަން ހޯދި ޓީނޭޖަށް އިނާމެއްގެ ގޮތުގައި އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވާ އިރު، ރަނަރަޕް ހުޅުމާލެ ސްޕޯޓްސްއަށް ދީފައިވަނީ 40،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. އަދި ފެއާޕްލޭ ޓީމަކަށް ހޮވިފައިވަނީ މަސްއޮޑި ޓައިޓަންސްއެވެ. އެޓީމަށް ދީފައިވަނީ 5،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

އެ މުބާރާތުގެ މިސްޓަ ބައިބަލާއަކަށް ހޮވިފައިވަނީ ހުޅުމާލެ ސްޕޯޓްސްގެ ޝިރުއާން މުސްތަފާ (ޝިރޫ) އެވެ. އޭނާއަށް ވަނީ 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.

"އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444"ގެ މިސްޓަ ބައިބަލާއަކަށް ހޮވުނު ޝިރުއާން މުސްތަފާ (ޝިރޫ) -- ސަން ފޮޓޯ

އެ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން ވެސް ވަނީ ހޮވައިފައެވެ. އެ ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ޓީނޭޖުގެ އަހުމަދު މުހައްމަދު (އައްމަޑޭ) އާއި އެޓީމުގެ އަސްލަމް ވަހީދާއި އީސްޓް ކޯސްޓްގެ ހަސަން މާހިރު (ހަންޓޭ) އާއި ވީކޭ ސްޕޯޓްސްގެ މުހައްމަދު ނަޒީހު ހަނީފް (ނަޒިއްޓޭ) އަދި ހުޅުމާލެ ސްޕޯޓްސްގެ އިސްމާއިލް ނިހާނެވެ.

ފައިނަލް މެޗުގެ ކުރިން މިރޭ ވަނީ ސެމީ ފައިނަލުގެ ދެ މެޗު ވެސް ކުޅެފައެވެ. ހުޅުމާލެ ސްޕޯޓްސް އިން ފައިނަލުގެ ޖާގައެއް ހޯދީ ސެމީގެ ފުރަތަމަ މެޗުގައި ވީކޭ ސްޕޯޓްސް ބަލިކޮށްގެންނެވެ. އެ މެޗުގެ ފުރަތަމަ ގޭމް 17-1 އިން ހުޅުމާލެ ސްޕޯޓްސް އިން ގެންދިޔަ އިރު، ދެވަނަ ގޭމް ނިމިގެންދިޔައީ 5-5 އިން އެއްވަރުވެގެންނެވެ. އެހެންކަމުން އެ މެޗުން ހުޅުމާލެ ސްޕޯޓްސް ވަނީ މޮޅުވެފައެވެ.

ޓީނޭޖުން ފައިނަލުގެ ޖާގައެއް ހޯދީ ސެމީގެ ދެވަނަ މެޗުގައި ޔުނައިޓެޑް އީސްޓް ކޯސްޓް ބަލިކޮށްގެންނެވެ. އެ މެޗުގެ ފުރަތަމަ ގޭމް 9-8 އިން ޓީނޭޖް ގެންދިޔަ އިރު، ދެވަނަ ގޭމް 8-6 އިން ގެންދިޔައީ އީސްޓް ކޯސްޓެވެ. އަދި ޓީނޭޖުން ގަދަ ހިފުން ކާމިޔާބުކުރީ 2-1 އިންނެވެ.

މިއަހަރުގެ ބައިބަލާ ޗެލެންޖުގެ ޓައިޓަލް ސްޕޮންސަރަކަށް އެމްޓީސީސީ ހަމަޖައްސާފައިވާ އިރު، އޮފިޝަލް ޕާޓްނަރަކީ އާބަންކޯއެވެ. އަދި ބްރޯޑްކާސްޓިން ޕާޓްނަރަކީ ސަން ސިޔާމް މީޑިއާއެވެ.

comment ކޮމެންޓް