އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444 ގައި ކްލަބު ޓީނޭޖުން ހޯދި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން މާލޭގައި ހަވާ އެރުވުމަށް ނިންމައިފިއެވެ.
ބައިބަލާ ޗެލެންޖުގެ ޗެމްޕިއަންކަން ޓީނޭޖުން ހޯދީ މިދިޔަ ހުކުރު ދުވަހުގެ ރޭ ކުޅުނު އެ މުބާރާތުގެ ފައިނަލުގައި ހުޅުމާލެ ސްޕޯޓްސް ބަލިކޮށްގެންނެވެ. އެ މެޗުން ޓީނޭޖު މޮޅުވީ ސީދާ ދެ ގޭމުންނެވެ.
މިދިޔަ އަހަރުގެ ރަނަރަޕުންގެ ގޮތުގައި ނުކުމެ، މިއަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ކްލަބު ޓީނޭޖަކީ މިހާރު ހަތަރު އަހަރެއްގެ ޗެމްޕިއަނުންނެވެ. އެޓީމުން ވަނީ މިއަހަރުގެ އިތުރުން 2001، 2004 އަދި 2017 ގައި ބޭއްވި ބައިބަލާ ޗެލެންޖުގެ ވެސް ޗެމްޕިއަންކަން ހޯދައިފައެވެ.
ކްލަބު ޓީނޭޖުން މިއަދު ބުނީ ބައިބަލާ ޗެލެންޖުގައި އެޓީމުން ހޯދި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން މާދަމާ ރޭ 9:00 ގައި އުސްފަސްގަނޑު ސަރަހައްދުގައި ހަވާ އެރުވުމަށް ނިންމާފައިވާ ކަމަށާއި އެކަމުގައި ބައިވެރިވުމަށް ހުރިހާ ފަރާތްތަކަށް ވެސް ދައުވަތު އަރުވާ ކަމަށެވެ.
އޭގެ އިތުރުން އަންނަ ބުރާސްފަތި ދުވަހުގެ ރޭ 9:00 ގައި ވެސް ޓީނޭޖުން ވަނީ ހަފުލާއެއް ބޭއްވުމަށް ނިންމައިފައެވެ. ޓީނޭޖުގެ ބައިބަލާ ޕްރެކްޓިސް ރިންގުގައި ބާއްވާ އެ ހަފުލާއަކީ އެޓީމުގެ ކުޅުންތެރިންނާއި މެންބަރުންނަށް ހާއްސަކޮށްގެން ބާއްވާ ހަފުލާއެކެވެ.
މިފަހަރުގެ އީދު ބައިބަލާ ޗެލެންޖުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ވެސް ޓީނޭޖުގެ ދެ ކުޅުންތެރިޔަކު ހިމެނުނެވެ. އެއީ ޓީނޭޖުގެ އަހުމަދު މުހައްމަދު (އައްމަޑޭ) އާއި އެޓީމުގެ އަސްލަމް ވަހީދެވެ.