ޔޫރޯ 2016 ނިމިގެންދިޔަ އިރު، އެންމެ ބާރަށް ދެކެވޭ އެއް ވާހަކައަކީ ޗެމްޕިއަންކަން ހޯދި ޕޯޗުގަލް ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ވާހަކަ އެވެ. ފްރާންސްއާ ދެކޮޅަށް ކުޅުނު ޔޫރޯގެ ފައިނަލް މެޗު ފެށިތާ ދިހަ މިނެޓް ނުވަނީސް ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ޕޯޗުގަލަށް ރޮނާލްޑޯގެ ބޭނުން ހިފިފައެއް ނުވެ އެވެ. މެޗުގެ 25 މިނެޓަށް ފަހު، އޭނާ އަށް ޖެހުނީ ކަކުލުގައި ބެންޑޭޖް ގަނޑެއް އަޅައިގެން ބާކީބައި ބެންޗުގައި އިނދެގެން ކުޅިބަލާށެވެ.
ފައިނަލް މެޗުގައި އަމިއްލަ ގައުމުގައި ކުޅެމުންދިޔަ ފްރާންސްގެ މައްޗަށް ޕޯޗުގަލަށް ނަތީޖާ ނެރެވުނީ އިތުރު ވަގުތު ކުޅެގެންނެވެ. އެ މެޗުގައި ފްރާންސްގެ މައްޗަށް 1-0 ލަނޑުގެ ހައިރާންކުރަނިވި ނަތީޖާ ޕޯޗުގަލަށް ނެރެވުނީ ރޮނާލްޑޯގެ އަނިޔާގެ ސަބަބުން ދަނޑުން ފައިބަން ޖެހުނީމަ ކަމަށް ބުނެވިދާނެ އެވެ.

ޔޫރޯގެ ފައިނަލް މެޗުގައި ޕޯޗުގަލްގެ ރޮނާލްޑޯ އަށް އަނިޔާވެފައި --- ފޮޓޯ: އޭޕީ
ފުރަތަމަ ކަމެއްގެ ގޮތުގައި ރޮނާލްޑޯ އަށް އަނިޔާ ނުވެ، ދަނޑުމަތީގައި ހުރި ނަމަ، ޕޯޗުގަލް މޮޅުކޮށްދިން ލަނޑު ޖެހި ކުޅުންތެރިޔާ ކަމަށްވާ އެޑާ އަށް ކުޅެން އެރުމުގެ ފުރުސަތު ނުލިބުނީހެވެ. ފްރާންސްގެ ލިލް އަށް ކުޅޭ އުމުރުން 28 އަހަރުގެ ފޯވަޑް އެޑާ ފައިނަލް މެޗަށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އިރު، އޭގެ ކުރީ މެޗުތަކުގައި އޭނާ ފެނިގެންދިޔައީ ކުޑަ ވަގުތުކޮޅެއްގަ އެވެ. ޕޯޗުގަލުން ގްރޫޕް ސްޓޭޖުގައި އައިސްލެންޑާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ހަތް މިނެޓަށް އޭނާ ފެނުނު އިރު، ދެން ފެނިފައިވަނީ ގްރޫޕް ސްޓޭޖުގައި އޮސްޓްރިއާއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗުގައި ވެސް އޭނާ ފެނިފައި ވަނީ މެޗު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށެވެ.
ޔޫރޯގައި ޕޯޗުގަލް ޓީމުން ރޮނާލްޑޯ ފެނިގެންދިޔައީ އަރިމަތިން ކުޅޭ ވިންގަރެއްގެ ބަދަލުގައި އެންމެ ކުރިން ކުޅޭ ފޯވަޑެއްގެ ގޮތުގައެވެ. މެޗުގެ އިތުރު ވަގުތު ކުޅެން ޖެހުނަސް އޭނާ ކުޅޭނީ ހަމަ އެ މަގާމަށެވެ. އަދި އޭރުން އެޑާ އަށް މެޗުގައި ބައިވެރިވުމުގެ ފުރުސަތެއް ވެސް ނުލިބޭނެ އެވެ. ނޮކްއައުޓް ބުރުގައި ޕޯޗުގަލް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު 90 މިނެޓަށްވުރެ އިތުރަށް ކުޅެން ޖެހުނު ނަމަވެސް، ސްވަންސީ ސިޓީގެ ކުރީގެ ފޯވަޑް އެޑާ ފެނިފައެއް ނުވެ އެވެ.

ރޮނާލްޑޯ(ވ)، ފައިނަލް މެޗުގައި ޕޯޗުގަލް މޮޅުކޮށްދިން ލަނޑު ޖަހައިދިން އެޑާ(ކ)އާއެކު --- ފޮޓޯ: އޭޕީ
ފައިނަލް މެޗުގައި އެޓޭކިން ފުޓްބޯޅައެއްގެ ހިޔާލު ގެންގުޅުމުން ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް އަށް ތައުރީފް ހައްގެވެ. އޭނާގެ އެ ހިޔާލާއެކު މެޗުގެ 79 ވަނަ މިނެޓުގައި ގެނައި ބަދަލަކީ މެޗުން މޮޅުކޮށްދިން ބަދަލެވެ. މެދުތެރޭގައި ހަރަކާތްތެރިވި ރެނާޓޯ ސަންޗޭޒްގެ ބަދަލުގައި ފޯވަޑް އެޑާ ކުޅެން ނެރުމުން ވަރަށް ރަނގަޅު ނަތީޖާއެއް ފެނިގެންދިޔަ އެވެ.
ބަދަލު ގެނައިތާ ގަޑިއިރެއް ނުވަނީސް ކޯޗު ސަންޓޯސް ބޭނުންވި ނަތީޖާ ފެނިގެންދިޔައީ އެޑާ ޖެހި ލަނޑުންނެވެ. އަނިޔާވެގެން ރޮނާލްޑޯ ފޭބި ހިސާބުން ޕޯޗުގަލުން އިތުރަށް ފަހަތަށް ޖެހިގެން ކުޅޭތަން ފެނުނެވެ. ޕޯޗުގަލަށް ދެން ފައިދާވީ ރިކާޑޯ ކަރެސްމާގެ ފަރާތުންނެވެ. އޭނާ އަރިމަތިން ކުޅޭ ކުޅުމުން ޕޯޗުގަލަށް އޭގެ ފައިދާ ލިބެމުންދިޔަ އެވެ. ކަރެސްމާ އަކީ ރޮނާލްޑޯ އަށްވުރެ މޮޅު ކުޅުންތެރިއެއް ނޫނެވެ. ނަމަވެސް ފައިނަލް މެޗުގައި އުމުރުން 32 އަހަރުގެ ކަރެސްމާ ރަނގަޅު ކުޅުމެއް ދެއްކި އެވެ.

ޔޫރޯގެ ފައިނަލް މެޗުގައި ޕޯޗުގަލްގެ ރޮނާލްޑޯ އަށް އަނިޔާވުމުން އަށިގަނޑުގައި ދަނޑުން ބާލަނީ --- ފޮޓޯ: އޭޕީ
މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނު ފްރާންސްގެ މައްޗަށް ޕޯޗުގަލަށް ކުރި ހޯދުނީ ރޮނާލްޑޯ އަނިޔާވެގެން ފައިބަން ޖެހުމުން އައި ބޮޑު ބަދަލުންނެވެ. ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނެނު ރޮނާލްޑޯ ނެތި ކުޅެން ޖެހުމުން ޕޯޗުގަލަށް ލިބުނީ މުބާރާތް ކާމިޔާބު ކުރުމުގެ ހިތްވަރެވެ. ޕޯޗުގަލްގެ ފަރާތުން ފެނިގެންދިޔައީ ކުރިއަށްވުރެ ބޮޑަށް ޓީމެއްގެ ގޮތުގައި ކުޅޭ ތަނެވެ. ރޮނާލްޑޯ ހުރި ނަމަ، އޭނާ އަށް ބޯޅަ ނުލިބުމުން ހިތްހަމަނުޖެހިގެން ޓީމުގެ ކުޅުންތެރިންގެ ނާގާބިލުކަން ދައްކުވައިދޭ ބަސްތަކެއް ރައްދުކުރާނެ އެވެ. އެއީ ކުރިން ވެސް މުބާރާތުގެ ތެރެއިން އޭނާގެ ފަރާތުން ފެނުނު ކަމެކެވެ.
މެޗުގެ އިތުރު ވަގުތުގެ 30 މިނެޓު ކުޅެން ޖެހުމާއެކު ރޮނާލްޑޯގެ ފައިދާ މުޅިން ތަފާތު ސިފައެއްގައި ފެންނަން ފެށި އެވެ. ބެންޗުގައި އިނދެގެން ކޯޗެއްގެ ގޮތުގައި ރޮނާލްޑޯ ދިން އިރުޝާދުތަކުގެ ސަބަބުން ޕޯޗުގަލަށް ވަރަށް ރަނގަޅު ފައިދާއެއް ލިބިގެންދިޔަ އެވެ. އެހެންވުމުން ބުނެވޭނީ ރޮނާލްޑޯ އަށް އަނިޔާވުމުން ރަނގަޅު ޓީމްމޭޓެއްގެ ސިފައިގެން އޭނާ ފެނިގެންދިޔަ އެވެ.

ޕޯޗުގަލްގެ ކޯޗު ސަންޓޯސްއާއެކު ރޮނާލްޑޯ ޓީމަށް އިރުޝާދުދެނީ --- ފޮޓޯ: އޭޕީ
ރޮނާލްޑޯ އަކީ ޕޯޗުގަލްގެ އެންމެ މޮޅު ކުޅުންތެރިޔާ އެވެ. އަދި އޭނާ އަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔެކެވެ. ފައިނަލް މެޗުގައި ހެޓްރިކެއް ނުވަތަ ޕޯޗުގަލަށް ރޮނާލްޑޯ ލަނޑެއް ޖަހައި ދިނަސް، މީހުންނަށް ހައިރާންކަމެއް ނުލިބޭނެ އެވެ. ސަބަބަކީ އޭނާ އަކީ އެ ފެންވަރުގެ ކުޅުންތެރިއެއް ކަން މީހުންނަށް އެނގޭތީ އެވެ. ނަމަވެސް މި ފަހަރު ރޮނާލްޑޯ ނެތި ޕޯޗުގަލަށް ފައިދާވި އެވެ. ޕޯޗުގަލަށް އެންމެ ފައިދާ ހުރި ކުޅުންތެރިޔާ އަށް ރޮނާލްޑޯ އެއް މިފަހަރަކު ނުވި އެވެ.