ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މަރުހޫމް ޑރ އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމުގެ ކުށް ސާބިތުވެފައިވާ ހ. ލޮބީ ހުސައިން ހުމާމް އަހްމަދުގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމަކީ އިސްލާމީ ޝަރީއަތުގެ އަސާސުތަކާ ޚިލާފު ކަމެއް ކަމަށް ބުނެ، ހުމާމް ނުމެރުމަށް އޮކްސްފޯޑް ޔުނިވާސިޓީގައި މަސައްކަތް ކުރައްވާ މަޝްހޫރު ދީނީ އިލްމުވެރިޔާ ޠާރިޤު ރަމަޟާން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ކިބައިން އެދިވަޑައިގެންފި އެވެ.
އޮކްސްފޯޑް ޔުނިވާސިޓީގައި އިސްލާމީ ތައުލީމު ކިޔަވައިދެއްވާ ޕްރޮފެސަރު ޠާރިޤު ރަމަޟާން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖެއަށް ޒިޔާރަތް ކުރެއްވި އެވެ. އަދި އިސްލާމިކް މިނިސްޓްރީން ކުރިޔަށް ގެންދިޔަ "ދަ މެސެޖު" ޕްރޮގްރާމުގައި ތަގުރީރު ކުރެއްވި އިރު، އޭނާގެ ޒިޔާރަތުގައި އޭނާ ވަނީ ރައީސް ޔާމީނާ ވެސް ބައްދަލު ކުރައްވައިފަ އެވެ.
ރައީސް ޔާމީނަށް ޠާރިޤު ރަމަޟާން ފޮނުއްވި ސިޓީގައި ވިދާޅުވީ ރާއްޖެއަށް އޭނާ ކުރި ދަތުރުގައި، ރާއްޖޭގެ ބައެއް އިލްމުވެރިންނާއި ބައްދަލުކުރެއްވި ކަމަށާއި، ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް އިސްލާމީ ޝަރީޢާ ހިމެނުމާ ބެހޭ މަޝްވަރާތަކެއްގައި އޭނާ ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.
"އެ މަޝްވަރާތަކުގައި އަޅުގަނޑު ބުނިން ކުށްވެރިއަކަށް ވެސް ހަމަހަމަ އަދި ދެފުށް ފެންނަ އިންސާފުވެރި ޝަރީއަތެއް ދިނުމަށް މުހިންމު ކަމަށް. އަދި އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް މަރުގެ ހުކުމް ތަންފީޒު ކުރުމަށް އަޅުގަނޑު ތާއީދު ވެސް ކުރިން،" އޭނާ ވިދާޅުވި އެވެ.
އެހެން ނަމަވެސް ޠާރިޤު ވިދާޅުވީ މަރުގެ ހުކުމް އިއްވައި، އެ ހުކުމް ތަންފީޒު ކުރުމަށް ތައްޔާރުވެފައިވާ ހުސައިން ހުމާމް އަހްމަދުގެ މައްސަލައިގައި ބޮޑެތި ކަންބޮޑުވުންތަކަކާއި ޝައްކުތަކެއް އުޅޭ ކަމަށެވެ.
ޠާރިޤު ވިދާޅުވީ، ޑރ އަފްރާޝީމް އަވަހާރަކޮށްލި ކަމަށް ހުމާމް އިއުތިރާފުވި އިއުތިރާފުވުމަކީ، އޭނާގެ އާއިލާއަށް ގެއްލުން ދޭނެ ކަމަށް ބުނެ ފުލުހުން އޭނާއަށް ބިރުދެއްކުމުން އޭނާ ވި އިއުތިރާފެއް ކަމަށް ހުމާމް ބުނެފައިވާ ކަމަށާއި މި ކަމަކީ ޝަރީޢަތެއް ކުރާ އިރު ޝަރީއަތުގެ ސައްހަ ކަމާ މެދު ސުވާލު އުފެއްދުމުގެ ޖާގަ ލިބޭ އެންމެ ފުރަތަމަ އެއް ހާދިސާ ކަމަށެވެ.
ހުމާމްގެ ނަފްސާނީ ބައްޔެއް ހުންނަ ކަމަށް އޭނާގެ އާއިލާއިން ބުނާ އިރު، ޠާރިޤު ވިދާޅުވީ ހުމާމްގެ ނަފްސާނީ ހާލަތު ދެނެގަތުމަށް ޓެސްޓެއް ހެދިފައި ނުވާ ކަމަށާއި، ނަފްސާނީ ބައްޔެއް ހުންނަ މީހަކަށް މަރުގެ ހުކުމް ތަންފީޒު ކުރުމަކީ ބައިނަލްއަގުވާމީ ގާނޫނުން ތަން ދޭ ކަމެއް ނޫން ކަމަށެވެ.
އެނގިވަޑައިގަންނަވާނެ ގޮތުގައި، އިސްލާމީ ޝަރީއަތުގައި ވާ ގޮތުން ގާތިލުގެ ނަފްސާނީ ހާލަތަކީ އޭނާއާ އެއްކޮޅަށް ބުރަވަނެ ނުކުތާއެއް. އެހެންވެ އިސްލާމީ ޝަރީއަތުގައި ބުނަނީ ޝައްކެއް ނެތް މިންވަރަށް މިކަން ކަށަވަރު ކުރަންޖެހޭ ކަމަށާއި ކުޑަކުޑަ ޝައްކެއް އޮތް ނަމަވެސް ހުކުމް ތަންފީޒު ނުކުރެވޭނެ ކަމަށް،ޠާރިޤު ރަމަޟާން
އޭނާ އިތުރަށް ވިދާޅުވީ އަވަހާރަކޮށްލެވުނު ޑރ އަފްރާޝީމްގެ ވާރިސުންގެ ތެރޭގައި 18 އަހަރުން ދަށުގެ ދެ ކުދިން ހިމެނޭ ކަމަށާއި، އަފްރާޝީމްގެ ގާތިލުގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރީ އެ ދެ ކުދިންނަށް 18 އަހަރުވެ، މަރަށް މަރު ހިފުމާ މެދު އެ ދެކުދިންގެ ބަހެއް ނުހޯދާ ކަމަށެވެ. އަދި އެކުދިންގެ ބަހެއް ނުހޯދުމަކީ، އަފްރާޝީމްގެ ބައެއް ވާރިސުން މަރަށް މަރު ހިފުމަށް އެއްބަސް ނުވުން ފަދަ ކަމެއް ކަމަށެވެ.
"ކަން އޮތީ މިހެން ނަމަ މިއީ ވެސް އިސްލާމީ އަސާސުތަކާ ދެކޮޅަށް ކުރެވޭ ކަމެއް. ޝަރީޢާއާ އެއްގޮތަށް ކަން ކުރަންޖެހޭ ނަމަ، އާއިލާގެ ނިންމުމަށް އިހްތިރާމު ކުރަން ޖެހޭނެ،" ޠާރިޤު ރަމަޟާން ވިދާޅުވި އެވެ.
ހުމާމްގެ މައްޗަށް އިއްވި މަރުގެ ހުކުމާ މެދު ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން އަފްރާޝީމްގެ އާއިލާއިން ވަނީ، އެ މަރުގެ ތަހުގީގު ފުރިހަމަ ނުވާތީ ހުމާމްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރަން ބޭނުން ނުވާކަމަށް ބުނެ ކޯޓަށް ސިޓީއެއް ފޮނުވާފަ އެވެ. އެހެން ނަމަވެސް ސުޕްރީމް ކޯޓުން ވަނީ ހުމާމް މެރުމަށް ތާއީދު ކޮށްފައެވެ.
މިކަމަށް އިޝާރާތް ކުރައްވައި، ޠާރިޤު ރަމަޟާން ރައީސް ޔާމީނަށް ފޮނުއްވި ސިޓީގައި ވިދާޅުވީ، މަރުގެ ހުކުމް ތަންފީޒު ކުރަން ބޭނުން ނުވާކަމަށް ބުނާ ބުނުމަކާ މެދު އަޅާނުލައި ދޫކޮށް ނުލެވޭނެ ކަމަށެވެ. ޠާރިޤު ވިދާޅުވި ގޮތުގައި ގިސާސް ހިފުމުގެ ކުރިން، މަރާލެވުނު މީހާގެ ވާރިސުން ގާތިލަށް މަރުގެ އަދަބު ދޭން ބޭނުން ނުވާކަމަށް ބުނެފި ނަމަ، ސަރުކާރުން ނުވަތަ އާންމު ރައްޔިތުން ވެސް އެކަމާ ކޮންމެ ގޮތަކަށް ދެކޭ ނަމަވެސް ވާރިސުންގެ ނިންމުމަށް އިހްތިރާމު ކުރަންޖެހޭނެ ކަމަށެވެ.
މި ސަބަބުތަކާ ހުރެ، ހުމާމްގެ މައްޗަށް ކުރި މަރުގެ ހުކުމް ތަންފީޒު ކުރުމަކީ އިސްލާމީ ޝަރީޢަތުގެ މައިގަނޑު އަސާސުތަކާ ޚިލާފު ކަމަކަށް ވާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް އިލްމުވެރިޔާ ޠާރިޤު ރަމަޟާން ވިދާޅުވި އެވެ. އަދި މި ހުކުމް ތަންފީޒު ކުރުން ހުއްޓުވުމަށް ސަރުކާރުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް އޭނާ ގޮވާލެއްވި އެވެ.
ހުމާމް މެރުމަށް ކުރި ހުކުމް 2016 ޖޫން 24 ވަނަ ދުވަހު ސުޕްރީމް ކޯޓުން ދަމަހައްޓާފައިވާ އިރު، މަރުގެ ހުކުމް ތަންފީޒުކުރުމާ ބެހޭ ގޮތުން ސަރުކާރުން އެކުލަވާލި ގަވައިދުގައިވާ ގޮތުން، މަރުގެ ހުކުމެއް ތަންފީޒު ކުރުމަށް ސުޕްރީމް ކޯޓުން ތާއީދު ކުރާ ދުވަހުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި މަރުގެ ހުކުމް ތަންފީޒު ކުރަން ޖެހެ އެވެ. ސަރުކާރުން މިކަން ކުރުމަށް ނިންމާފައި ވަނީ މާފުށީ ޖަލުގައި، ދަންޖައްސައިގެންނެވެ.