ޑެޕިއުޓީ މިނިސްޓަރެއް ހިމެނޭހެން، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ކަމަށް 10 މީހަކު ކުރިމަތިލައިފި

މަސްވެރިކަމާބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު ޝަފީގާ ނައީމް --

ޖުޑިޝަރީގެ އިދާރީ އެންމެ އިސް މަގާމު ކަމަށްވާ، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް، މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރެއް ހިމެނޭހެން 10 މީހަކު ކުރިމަތިލައިފިއެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކީ، ދިވެހިރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ދަށުގައި ހިމެނޭ އެންމެހައި ކޯޓުތަކުގެ އިދާރީ އޮނިގަނޑު އެކުލަވާލުމާއި، އިދާރީ މުވައްޒަފުންގެ ވަޒީފާއާ ބެހޭ ކަންކަން އެ ކޯޓެއްގެ ޗީފް އެޑްމިނިސްޓްރޭޓާ ނުވަތަ އިދާރީ އެންމެ އިސް މުވައްޒަފުގެ މަޝްވަރާގެ މަތިން ހިންގައި ބެލެހެއްޓުމުގެ އެންމެ އިސް ފަރާތެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް 10 މީހަކު މި ކުރިމަތިލީ، އެ މަގާމަށް މީހަކު ހޯދަން ޖޭއެސްސީން ކުރި އިއުލާނަށް އިޖާބަދީއެވެ. އެ މަގާމަށް މީހަކު ހޯދަން އިއުލާން ކުރީ، އެންމެ ފަހުން އެ މަގާމުގައި ހުންނެވި އަމްޖަދު މުސްތަފާ އެ މަގާމުން އިސްތިއުފާ ދެއްވުމުން، ތިން މަހެއްހާ ދުވަހު އެ މަގާމު ހުސްކޮށް އޮތުމަށް ފަހުއެވެ.

https://sun.mv/224927

އަމްޖަދު އިސްތިއުފާ ދެއްވީ މިދިޔަ އޭޕްރީލް މަހުގެ 20 ވަނަ ދުވަހުއެވެ. މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އޭނާ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަގާމަށް އައްޔަންކުރައްވައިފިއެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ކުރިމަތިލީ މީހުންގެ ތެރޭގައި ހިމެނޭ ޑެޕިއުޓީ މިނިސްޓަރަކީ، މަސްވެރިކަމާބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު ޝަފީގާ ނައީމެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ކުރިމަތިލީ މީހުން:

1- ހޫދު މުހައްމަދު / ވަލުގެ ގދ. މަޑަވެލި

2- އަހްމަދު ރިފްއަތު / ސީޕިޔާގެ ރ. މަޑުއްވަރި

3- އާދަމް ޝަމީމް / މަލާޒް ދ. މާއެނބޫދޫ

4- އާމިނަތު ނަޝްމީ ފަޟީލް / މ. ޒޭވަރު

5- އާއިޝަތު ހިކްމާ / އަސްރަފީވިލާ ސ. ހިތަދޫ

6- އިސްމާއީލް ސާޖިދު / މއ. ވިލާރޮދި

7- މުހައްމަދު ނިޔާޒް / ނައިޓްރޯސް މ. ރަތްމަންދޫ

8- މަރްޔަމް ޝަހާނާ / މ. މެދުރިޔާ

9- މަރްޔަމް ނިހާޔަތު / މ. ތާޖު

10- ޝަފީގާ ނައީމް / ބީޗްސައިޑް ފ. ނިލަންދޫ

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކީ ޝަރުއީ ދާއިރާގެ އިދާރީ އެންމެ އިސްވެރިޔާއެވެ. އޭނާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކޯޓުތަކަށް އިދާރީ މުވައްޒަފުން އައްޔަންކުރުމާއި، މަގާމުގެ ކުރިއެރުން ދިނުމާއި، އިދާރީ ފިޔަވަޅު އެޅުމާއި، ވަކިކުރުން ހިމެނެއެވެ.

އަދި ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަނޑައަޅާ އުސޫލަކުން ފަނޑިޔާރުންނަށާއި، ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެންބަރުންނަށާއި، ކޮމިޝަނުގެ މުވައްޒަފުންނަށާއި، ޝަރުއީ ދާއިރާއަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތަކާއި ތާޒާކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުމަކީ ވެސް ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ ޒިންމާއެކެވެ.

މީގެ އިތުރުން، ފަނޑިޔާރުންގެ އިލްމީ ފެންވަރު މަތިކުރުމުގެ ގޮތުންނާއި ފަންނީ ހުނަރު އިތުރުކުރުމުގެ ގޮތުން ބާއްވަން ޖެހޭ ބައްދަލުވުންތަކާއި، ސެމިނާ އަދި ކޮންފަރެންސްތައް ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަނޑައަޅާ އުސޫލާ އެއްގޮތަށް ބޭއްވުމުގެ މަސައްކަތްތައް ވެސް އެ މަގާމުގައި ހުންނަ ބޭފުޅަކު ކުރައްވާނެއެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަކީ ފަސް އަހަރުގެ ދައުރެއް ކަނޑައަޅާފައިވާ މަގާމެކެވެ. އެ މަގާމުގެ އަސާސީ މުސާރައަކީ 30,000 ރުފިޔާއެވެ. އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 27,235 ރުފިޔާ އަދި ފޯން އެލަވަންސަށް 2،000 ރުފިޔާ ލިބޭނެއެވެ.

comment ކޮމެންޓް