ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަގާމަށް، ދާދި ފަހުން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުން އިސްތިއުފާ ދެއްވި މ. ރަންދޫވިލާ، އަލްއުސްތާޛު އަމްޖަދު މުސްތަފާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ.
އަމްޖަދު މުސްތަފާ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަގާމުގެ ހުވައިކުރެއްވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
އޭނާއަށް ހުވައިލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު ޢަބްދުﷲ ޙަމީދެވެ. މަގާމުގެ ލިޔުން އަމްޖަދުއާ ހަވާލުކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ.
އަމްޖަދު މުސްތަފާ އަކީ މީގެ ކުރިން ޖުޑިޝަރީގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ މިއަހަރުގެ އޭޕްރީލް މަހުގެ 20 ވަނަ ދުވަހުއެވެ.
އިސްތިއުފާ ދެއްވި ސަބަބެއްގެ ގޮތުގައި އޭނާ އޭރު ބަޔާންކުރައްވާފައިވަނީ އަމިއްލަ ސަބަބުތަކަކަށްޓަކައި ކަމަށެވެ.
ތަޢުލީމީ ދާއިރާއަށް ބަލާއިރު، އަމްޖަދު ވަނީ ޝަރީޢާއިން ލޯ ބެޗްލަސް ޑިގްރީއާއި، މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމް.ބީ.އޭ) ހާސިލްކުރައްވާފައެވެ.
އޭނާއަކީ ގާނޫނީ ދާއިރާއިންނާއި ޢާންމު ހިންގުމުގެ ދާއިރާއިން ބޮޑެތި ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މިއީ އަމްޖަދު ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސްކަން ކުރައްވާ ފުރަތަމަ ފަހަރެއް ނޫނެވެ. އޭނާ ވަނީ 2020 ވަނަ އަހަރުވެސް އެ ޓްރައިބިއުނަލްގެ ރައީސްކަން ކުރައްވާފައެވެ.
މީގެ އިތުރުން އޭނާ ވަނީ މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުގެ މެންބަރުކަންވެސް ކުރައްވާފައެވެ.