އިސްލާމްދީނަކީ މަޢާފް ކުރުމުގެ ދީނެއް ކަމަށާއި އަދަބު ދިނުމުގެ ދީނެއް ނޫން ކަމަށް 'ދަ މެސެޖް' ޕްރޮގްރާމްގައި ރޭ ތަގުރީރު ކުރެއްވި ސްވިޒަލޭންޑްގެ އިލްމުވެރިޔާ ޕްރޮފެސަރު ޡާރިޤު ރަމަޟާން ވިދާޅުވެއްޖެ އެވެ.
އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ 'ދަ މެސެޖް' ސިލްސިލާގެ 10 ވަނަ ޕްރޮގްރާމްގައި "ހިތުގެ ލޯތްބާ އެކު" މި ނަމުގައި ރަމަޟާން ދެއްވި ތަގުރީރުގައި ވިދާޅުވީ، އިސްލާމްދީނަކީ ރަޙުމްކުރުމާއި މަޢާފް ކުރުން ކަމަށެވެ.
ޕްރޮފެސަރް ޡާރިޤު ރަމަޟާންގެ އަނބިކަނބަލުންނާއި ކުރީގެ ރައީސް މައުމޫނު ޢަބުދުލް ޤައްޔޫމުގެ އަނބި ކަނބަލުން ތަޤުރީރު އަޑު އައްސަވަނީ- ސަންފޮޓޯ/ އަލީ ނަސީރު
"... އަދި ތިބާއަށް އެއް އުޒުރު ހޯދޭ ނަމަ، ހޯދަންވީ ތިބާގެ އަޚާ ސަލާމަތް ކުރެވޭނެ އުޒުރަކަށް. އަހަރެމެންގެ މިއަދުގެ ހާލަތަކީ މީގެ އިދިކޮޅު. އެންމެ އުޒުރެއް ހޯދުމަށް ވިސްނައިލުމުގެ ކުރިން ވެސް އަހަރެމެން މީހުންނާ މެދު ގޮތެއް ނިންމަމު. މިއީ ސަލާމާއި ޞަލަވާތް ލެއްވި ރަސޫލާގެ ގޮތެއް ނޫން. އިސްލާމްދީނަކީ ރަޙުމްކުރުމާއި މަޢާފް ކުރުމުގެ ދީން. ގޮތް ނިންމުމާއި އަދަބު ދިނުމުގެ ދީނެއް ނޫން،" ޟަޢީފު ޙަދީޘެއް ކަމަށް އަމިއްލައަށް އިޢުތިރާފް ވެވަޑައިގަންނަވާ ޙަދީޘެއް ވިދާޅުވުމަށް ފަހު މާނަކޮށްދެއްވަމުން ޡާރިޤު ވިދާޅުވި އެވެ.
އެޙަދީޘާ ބެހޭ ގޮތުން އޭނާ ވިދާޅުވީ، އެއީ ޟަޢީފު ޙަދީޘެއް ކަމަށް ވިޔަސް މާނަ ރަނގަޅު ކަމަށެވެ.
ދެން އޭނާ މިސާލަކަށް ނެންގެވީ އަލް ޣާމިދިއްޔާ ނަމަކަށް ކިޔާ އަންހެނަކަށް އަދަބު ދެއްވުމުގެ ކުރިން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އޭނާ ހަތަރު ފަހަރު އަނބުރައި ފޮނުއްވައިލެއްވި ހާދިސާ އެވެ.
އަދަބު ދިނުމަކީ ހާއްސަކޮށް މަރުގެ އަދަބު ދިނުމަކީ ވަރަށް ބޮޑަށް ފަރުވާތެރިވާން ޖެހޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"... އަޅުގަނޑުމެންގެ ޝަރުއީ ނިޒާމު އޮތީ ވަރަށް ވަރަށް އުނދަގޫ ހާލަތެއްގައި. އެހެންވީމާ އަޅުގަނޑުމެން ވަރަށް ވަރަށް ފަރުވާތެރިވާން ޖެހޭނެ އަދަބު ދިނުމުގައި، ހާއްސަކޮށް މަރުގެ އަދަބު ދިނުމުގައި. އަޅުގަނޑުގެ ޕޮޒިޝަނަކީ އަޅުގަނޑު ދަންނަވާނީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގައި ވެސް، މުސްލިމް މެޖޯރިޓީ ގައުމުތަކުގައި ވެސް. ފަރުވާތެރިވާށޭ އެހެނީ އެންމެ ކުޑަމިންވަރުގެ ބޭއިންސާފާ އެކުގައި ވިޔަސް މީހަކު މަރައިފި ނަމަ އެކަން ތިޔަބައިމީހުންނަށް އެނބުރި އަންނާނޭ. ގިޔާމަތް ދުވަހުން އެކަމަށް ޖަވާބުދާރީވާން ޖެހޭނޭ. އެހެންވީމާ ރަޙުމާ އެކު ސަސްޕެންޑް ކުރުން މާ ރަނގަޅޭ ގޯސްތަކެއް ހެދިފައިވާ ހާލު ތަންފީޒު ކުރުމަށް ވުރެ،" އޭނާ ވިދާޅުވި އެވެ.
ޡާރިޤު ވިދާޅުވީ، އެއީ ތަޢުލީޤު ކުރުން ކަމަށާއި އެގޮތުން ތަންފީޒު ކުރުން ދުވަސްކޮޅަކަށް ހުއްޓައިލުން ކަމަށެވެ. އަދި ޝަރުއީ ނިޒާމު އިސްލާހު ކުރެވުނު ދުވަހަކުން ތަންފީޒު ކުރުމަށް އެނބުރި ދެވިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސްވިޒަލޭންޑްގެ ޔުނިވާސިޓީ އޮފް ޖެނީވާއިން އިސްލާމިކް ސްޓަޑީސްގެ ދާއިރާއިން ޕީއެޗްޑީ އަދި ފިލޯސޮފީގެ ދާއިރާއިން މާސްޓާސް ހައްދަވާފައިވާ ޕްރޮފެސަރު ޡާރިޤަކީ ޔޫރަޕިއަން ޔޫނިއަން އަށް ދީނީ ކަންކަމުގައި ލަފާ ދެއްވާ ބޭފުޅެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ބޭފުޅެކެވެ. ތަފާތު އަގީދާ ތަކުގެ މެދުގައި ގިނަ މަހާސިންތާތަކެއް ބާއްވަމުން އަންނަ 'ސްވިސް މުސްލިމްސް' ޖަމާއަތަކީ އޭނާ އުފެއްދެވި ޖަމާއަތެކެވެ. އަދި އޭނާ އަކީ އެޖަމާއަތުގެ ރައީސެވެ. އަދި އޭނާ އަކީ އޮކްސްފޯޑް ޔުނިވަސިޓީގައި ކޮންޓެމްޕެރަރީ އިސްލާމިކް ސްޓަޑީޒް ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތްކުރައްވާ ބޭފުޅެކެވެ. އަދި އޭނާއަކީ ގަތަރުގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްއަށް ޒިޔާރަތްކުރައްވާ ޕްރޮފެސަރެކެވެ.