ހާމަނައިޒްވީއިރު މުސާރަ ކުޑަވި މުވައްޒަފުންނަށް، ދެން މުސާރަ ލިބޭއިރު މުސާރަ ބޮޑުވާނެ: ރައީސް

މުސާރަ ކުޑަކަމަށް ބުނެ ޖުޑިޝަރީ ދާއިރާގެ މުވައްޒަފުން މީގެ ކުރިން ކުރި އިހުތިާޖުގެ ތެރެއިން މާލޭގައި ހުންނަ ފެމެލީ ކޯޓުގެ މުވައްޒަފުން --

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، ދައުލަތުގެ މުސާރަތައް ހާމަނައިޒްކުރުމުގެ މަރުހަލާގައި މުސާރަ ކުޑަވި މުވައްޒަފުންގެ މައްސަލަތައް ހައްލުކުރެވި، ކުރިއަށް އޮތް މަހުގެ މުސާރައާއެކު މުސާރަ ބޮޑުވެގެންދާނެ ކަމަށެވެ. މީގެ ތެރޭގައި ލީގަލް، އެޗްއާރް އަދި ކައުންސިލްތަކުގެ މުވައްޒަފުން ހިމެނެއެވެ. ދައުލަތުގެ 93 އިންސައްތަ މުއައްސަސާ މިހާރު އާ ޕޭ ފްރޭމްވާކަށް ބަދަލުކުރެވިފައިވާއިރު، ބާކީ ހުރި މުއައްސަސާތައް ވެސް މި ނިޒާމަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

  • މުސާރަ ކުޑަވި މުވައްޒަފުންނަށް ކުރިއަށް އޮތް މަހު މުސާރަ ބޮޑުވާނެއެވެ.
  • މި މައްސަލަ ދިމާވެފައިވަނީ ލީގަލް، އެޗްއާރް އަދި ކައުންސިލް މުވައްޒަފުންނަށެވެ.
  • ދައުލަތުގެ 93 އިންސައްތަ މުއައްސަސާ އާ ޕޭ ފްރޭމްވާކަށް ވަނީ ބަދަލުކުރެވިފައެވެ.
  • ފިނޭންސް މިނިސްޓްރީގެ އަމާޒަކީ އިންސާފުވެރި މުސާރައިގެ ނިޒާމެއް ޤާއިމުކުރުމެވެ.

މުސާރަ ހާމަނައިޒްކުރުމުގެ މަރުހަލާގައި މުސާރަ ކުޑަވި މުވައްޒަފުންނަށް، ކުރިއަށް އޮތް މަހުގެ މުސާރައާއެކު އެ މައްސަލަ ހައްލުވެ، މުސާރަ ބޮޑުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ރައީސް ވިދާޅުވި ގޮތުގައި، މުސާރަ ހާމަނައިޒްކުރި އިރު މުސާރަ ކުޑަވެގެން ކަންބޮޑުވުން ފާޅުކުރި މުވައްޒަފުންގެ ތެރޭގައި ލީގަލް މުވައްޒަފުންނާއި، އެޗްއާރް މުވައްޒަފުންގެ އިތުރުން ކައުންސިލްތަކުގެ މުވައްޒަފުން ހިމެނެއެވެ.

އެ މަނިކުފާނު ވިދާޅުވީ، ވެވަޑައިގެންނެވި ވައުދުފުޅަކީ މުސާރަ ހާމަނައިޒްކުރާއިރު މުސާރަތައް ބޮޑުވެގެންދިއުން ކަމަށެވެ. ނަމަވެސް، ޕޭ ކޮމިޝަނުން މުސާރަ ހާމަނައިޒްކުރުމުގެ މަސައްކަތް ނިންމި އިރު، ބައެއް މުސާރަތައް ބޮޑުވުމުގެ ބަދަލުގައި އެއްވަރުވެ، ބައެއް މަގާމުތަކުގެ މުސާރަ ކޮންމެވެސް މިންވަރަކަށް ކުޑަވެފައިވާކަން ފާހަގަކުރެވުނު ކަމަށް ރައީސް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އެ ފަދަ ހުރިހާ ކަންބޮޑުވުންތަކެއް ދެނެގަނެވި، ދެން އަންނަ މަހު މުސާރަ ލިބޭއިރު އެ މައްސަލަތައް ހައްލުކުރެވިފައިވާނެ ކަމަށެވެ.

"އެހެންވީމަ އެ ހުރިހާ މައްސަލައެއް އެ ހައްލުކޮށް ނިމެނީ މި ފަހަރު މުސާރަ ލިބޭއިރު. އަޅުގަނޑު މިއަދު ހެނދުނު މީގެ މައުލޫމާތު ނަގައިގެން މި އައީ ޕޭ ކޮމިޝަނުގެ ފަރާތުން. މި ފަހަރު މުސާރަ ލިބޭއިރު އިރާދަކުރެއްވިއްޔާ ޖުމްލަކޮށް ވަކިވަކި އިންޑިވިޖުއަލް ކޭސްތައް ނުހުންނާނެއެކޭ ނޫން. ޖުމްލަކޮށް މިގޮތަށް މުސާރަ މައްޗަށް ނުގޮސް ތިބި ފަރާތްތަކުގެ މައްސަލަ ހައްލުވާނެ،" ރައީސް ވިދާޅުވިއެވެ.

ދައުލަތުގެ މުސާރަތައް އެއްހަމަކުރުމުގެ ސިޔާސަތުގެ ދަށުން، ސަރުކާރުން ތަޢާރަފުކުރި އާ ޕޭ ފްރޭމްވާކަށް މިހާތަނަށް ދައުލަތުގެ 93 އިންސައްތަ މުއައްސަސާ ވަނީ ބަދަލުކުރެވިފައެވެ.

ނޭޝަނަލް ޕޭ ކޮމިޝަނުން ހާމަކުރާ ގޮތުގައި، މި އޮނިގަނޑަށް އަމަލުކުރަން ފެށުމުން މުވައްޒަފުންނަށް ދިމާވާ ދަތިތަކާއި ކަންބޮޑުވުންތައް ދެނެގަނެ، ކަމާގުޅޭ އިދާރާތަކާ މަޝްވަރާކޮށްގެން އެކަންކަން ހައްލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

މީގެ އިތުރުން، އަދި މި އޮނިގަނޑަށް ބަދަލުނުވެ ހުރި މަދު މުއައްސަސާތައް ވެސް ވަރަށް އަވަހަށް މި ނިޒާމުގެ ތެރެއަށް ގެނައުމަށްޓަކައި ކުރަންޖެހޭ ފަންނީ މަސައްކަތްތައް ދަނީ ކުރަމުންނެވެ. ފިނޭންސް މިނިސްޓްރީގެ އެންމެ ބޮޑު އަމާޒަކީ މުވައްޒަފުންނަށް އިންސާފުވެރި އަދި ދެމެހެއްޓެނިވި ގޮތެއްގައި މުސާރައާއި އިނާޔަތްތައް ލިބޭނެ ނިޒާމެއް ޤާއިމުކުރުމެވެ.

comment ކޮމެންޓް