ވާދަވެރިޔާގެ އަތަކު މިހާރު ކާލާ މަންނައެއް ނޯންނާނެ: އުމަރު ނަސީރު

މިރޭ މ. މާފަންނުވިލާގައި ޤާސިމް އިބްރާހީމާ ބައްދަލުކުރެއްވުމަށް ފަހު، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އޭނާގެ ކާރަށް އަރާވަޑައިގަންނަވަނީ -- ސަން ފޮޓޯ: މުހައްމަދު އަފްރާހް

އޭނާގެ ވާދަވެރިޔާގެ އަތުގައި މިހާރު ކާލާ މަންނައެއް ނޯންނާނެ ކަމަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު މިހެން ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ތާއީދު ހޯއްދެވުމަށް އޭނާއާ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަޅުގަނޑާ ވާދަކުރަން ހުރި ބޭފުޅާގެ އަތަކު މިހާރު ކާލާ މަންނައެއް ނޯންނާނެއޭ،" އުމަރު ވިދާޅުވި އެވެ.

އެ ވިދާޅުވާ ކާލާ މަންނަ އަކީ ކޮބައިކަމެއް އުމަރު ވިދާޅެއް ނުވެއެވެ. އުމަރު މިހެން ވިދާޅުވެފައިވާއިރު، ޕްރައިމަރީއަކާ ނުލައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ރިޔާސީ ޓިކެޓު ދިނުމަށް ޕީޕީއެމަށް ނިސްބަތްވާ ބައެއް މަޖިލީސް މެމްބަރުން ޕެޓިޝަނެއްގައި ސޮއިކުރަން ފަށާފައި ވެއެވެ.

އެކަމާ ގުޅޭގޮތުން ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެފައި ވަނީ އެއީ އެޕާޓީގެ އަސާސީ ގަވާއިދާ ޚިލާފު ކަމެއް ކަމަށެވެ.

އެފަދަ ޕެޓިޝަނެއްގައި ސޮއިކުރަން ފަށާފައިވާއިރު، ރައީސް މައުމޫން ވަނީ ޕީޕީއެމްގެ ޕްރައިމަރީ ބާއްވާނީތޯ ކަނޑައެޅުމަށް އަންނަ އަހަރު އެ ޕާޓީގެ ގައުމީ ޖަލްސާއެއް ބާއްވަން ނިންމަވާފައެވެ.

comment ކޮމެންޓް