ޕީޕީއެމް އުފެއްދި މަގުސަދަށް އެނބުރި ވާސިލްވުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ގޮވާލައްވައިފި އެވެ.
އުމަރު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމް އުފެއްދި މަގުސަދަށް އެނބުރި ވާސިލްވާންޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވީ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު އިއުލާންކުރެއްވި ޕީޕީއެމް އިސްލާހު ކުރުމުގެ ޓައިމް ލައިނަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި 2018 ވަނަ އަހަރުގެ ފެބްރުއަރީ ގައި ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ ކަމުގެ އުންމީދުކުގައި ހުންނެވި ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
ރައީސް މައުމޫން މިއަދު އިއުލާން ކުރެއްވި ޓައިމްލައިންގައި ވާގޮތުން ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ ބާއްވާނީތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށް އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެޕާޓީގެ ގައުމީ ޖަލްސާ އޮންނާނެ އެވެ.
ޕްރައިމަރީ ބާއްވަން އެޖަލްސާގައި ފާސްވެއްޖެނަމަ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ޕްރައިމަރީގެ ކެންޕޭން ފެށުމަށްފަހު ޖެހިގެން އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި ޕްރައިމަރީ ބާއްވަން ވެސް އެ ޓައިމްލައިންގައި ވަނީ ކަނޑައަޅާފަ އެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް އުމަރު އިއުލާން ކުރެއްވީ މިދިޔަ ހުކުރު ދުވަހުއެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ސިޔާސީ އިސް ފަރާތްތަކުގެ ތާއީދު އޭނާ އަށް ލިބިވަޑައިގަންނަވާނެ ކަމަށެވެ.