އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަމުން އަންނަ މައްސަލާގައި ގާނޫނީ ވަކީލަކާ ނުލައި ޖަވާބު ނުދެއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ސުލައިމާން ވިދާޅުވެއްޖެ އެވެ.
އޭސީސީގެ އެންގުމަކަށް އެ ކޮމިޝަނަށް ހާޒިރުވެވަޑައިގަތުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސުލައިމާން މިއަދު ވިދާޅުވީ އޭނާ ހާޒިރު ކުރީ ހެކިބަހަކަށް ކަމަށް އޭސީސީން ބުނި ނަމަވެސް އެކަން ގަބޫލުނުކުރައްވާ ކަމަށާއި އެއީ އޭނާގެ މައްޗަށް އޮތް މައްސަލައެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑު ދެންނެވިން އަޅުގަނޑުގެ މައްޗަށް އޮތް ތަހުގީގެއް ކަމަށޭ ދެކެނީ. ތިގޮތަށް މައްސަލަ ކުރިއަށްގެންދެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް. އަޅުގަނޑަށް ވެސް ގާނޫނީ ވަކީލަކު ހާޒިރު ކުރުމުގެ ފުރުސަތު ދޭންޖެހޭނެ ކަމަށް. ދެން އެބޭފުޅުން ދެންނެވީ ކޮމިޝަންގެ ރައީސާއި ނައިބު ރައީސް ވިދާޅުވެއްޖެއޭ ތަހުގީގު މިއަދު ހުއްޓާލަން،" ސުލައިމާން ވިދާޅުވި އެވެ.
އޭސީސީ އިން މިއަދު ނުކުމެވަޑައިގެންނެވި އިރު ވެސް ހާޒިރުކުރީ ކޮން މައްސަލައަކާ ގުޅިގެން ސާފުވެފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ތަހުގީގީ އިދާރާއަކަށް ހާޒިރުކުރާއިރު އެމީހަކަށް އެނގެންޖެހޭނެ ކޮން މައްސަލައަކާ ގުޅިގެން ކަން ހާޒިރު ކުރީ. އެވެސް އެނގޭކަށް ނެތް،" ސުލައިމާން ވިދާޅުވި އެވެ.
ސުލައިމާން ވިދާޅުވީ އޭސީސީން މިއަދު ނިންމަން އުޅުނީ އޭނާ ތަހުގީގަށް އެއްބާރުލުން ނުދޭ ކަމަށް ކަމަށާއި ނަމަވެސް އިރުއޮއްސެންދެން އެ ކޮމިޝަންގައި އިންނަވަން ޖެހުނަސް އޭނާ އެދިވަޑައިގަތްކަންތައް ފުރިހަމަކޮށްފި ނަމަ ކުރިއަށްދާން ތައްޔާރަށް ހުންނެވި ކަމަށް ދަންނަވާފައިވާނެ ކަމަށެވެ.
އޭސީސީގެ އޮފިޝަކު ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ބޭފުޅުން ހާޒިރުކޮށް ތަހުގީގުކުރަނީ 2015 ވަނަ އަހަރު އެ ކޮމިޝަނަށް ލީގަލް އޮފިސަރަކު ނެގުމާ ގުޅޭ މައްސަލައެއް ކަމަށެވެ.
އޭސީސީ އަށް އެ މައްސަލަ ހުށަހެޅި ފަރާތުން ތުހުމަތުކޮށްފައި ވަނީ، ޝަރުތު ހަމަވާ މީހުން ތިއްބައި ލީގަލް އޮފިސަރަކަށް މުވައްޒަފަކު ނެގީ އެ ކޮމިޝަނުގެ މެމްބަރުން މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ކަމަށެވެ.