މާޒީ ހޯދަން އަދިވެސް ފީނަން ޖެހެނީ ނުހަނު ފުނަށެވެ.

ފުވައްމުލަކު ކެޑޭރެ މިސްކިތު ގަބުރުސްތާނުގައި އޮތް ދޮންސިއްތިބޫގެ މަހާނަ އެ ރަށު ތާރީޚު ދިރާސާކުރައްވާ ބޭފުޅެއް ކަމަށްވާ މުނީރު ޙަސަން ސަން ގެ ނޫސްވެރިންނަށް ދައްކައިލައްވަނީ --- ސަން ފައިލް ފޮޓޯ

ދިވެހިރާއްޖެއަކީ ޤަދީމީ ޒަމާންތަކެއް މާޒީއަށް ދޫކޮށްފައިވާ ޤައުމެކެވެ. މިހާތަނަށް ހޯދުނު ކޮންމެ ހޯދުމަކުން މިދެންނެވި ބަހުގެ ތެދުކަން ހާމަވެއެވެ. ހާމަވަމުން އަންނަ ކަންކަމުން އެނގިގެންދަނީ ދިވެހިންގެ މާޒީ ވަރަށް ދުރަށްގޮސް ލޮލުކޮޅަށް އޮބައިފާ ވާނޭ ކަމެވެ.

އެހެންނަމަވެސް އެއީ ކިހައި ހިސާބެއް ކަމެއް ނޭނގެއެވެ. އެކަންކަން ދެނެގަތުމަށް އިތުރަށް ކުރަންޖެހޭ ތަޙުލީލުތަކާއި ދިރާސާތައް މަދެއް ނޫނެވެ. ދިވެހިންގެ އެވޭލާ ޒަމާން ހޯދަން ފީނަންޖެހޭ ފުންމިން، ވަރަށް ފުންވާނެކަން މިހާރު ޤަބޫލުކުރަން އެބަ ޖެހެއެވެ.

"ފައްކު އަސްރާރު ޒިލްޤަރުނައިނި ޔައުޖޫޖު ވަ މައުޖޫޖު" މި ފޮތުގައި ޙަމްޒާބިން ޙަމްޒާ އައްސުރައިސިރީ، ދިވެހި ރާއްޖެއާ މެދު ލިޔުއްވާފައިވާ ވާހަކަތައް އިހަށް ފަސްކޮށްލާނަމެވެ. އެއީ ވަރަށް ކުރީގެ ޒަމާނެއްގެ ވާހަކަތަކެވެ. އެ ވާހަކަތަކަށް ތަންކޮޅެއް ފަހުން ބަލާލާނަމެވެ. އޭގެ ކުރިން ދާދި ގާތުން ފެންނަން އޮތް ތަންތަނުގެ ތެރެއިން ހަމައެކަނި ކާށިދޫ ކުރުހިންނަ ތަރާގަނޑަށް ވިސްނާލަމާ ހެއްޔެވެ.؟ ނުވަތަ މީދޫ ކޯގަންނު ޤަބުރުސްތާނަށް ވަދެލަމާ ހެއްޔެވެ.؟ މި ދެކެވެނީ ކިހާވަރެއްގެ ވާހަކައެއްތޯ ބަލައި ލުމަށެވެ.

ކާށިދޫ ކުރުހިންނަ ތަރާގަނޑަކީ، އެރަށުގައި މިއަދު މީހުން އާބާދުވެ އޮތް ހިސާބާއި ގާތްގަނޑަކަށް 1300 ފޫޓު ދުރުގައި އޮތް ތަނެކެވެ. 1996 އާއި ހަމައަށް އެތަނުގެ ޙަޤީގަތްތަކެއް އަޅުގަނޑުމެންނަށް ހޯދިފައެއް ނެތެވެ. އެނގޭހައިވެސް މިންވަރަކީ އެއީ އާސާރީ ތަނެއްކަމެވެ. ސައިންޓިފިކް ތަޙުލީލެއް ކުރެވިއްޖެނަމަ، އެތަނުންވެސް ދިވެހި ތާރީޚަށް އަލިކަމެއް ލިބިދާނެ ކަމެވެ.

އާކިއޮލޮޖިސްޓެއްކަމަށްވާ ނޯވޭގެ އޮސްލޯ ޔުނިވަރސިޓީގެ ޕްރޮފެސަރ އެގިލް މިކަލްސަންގެ އެހީތެރިކަމާއެކު، ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ފަރާތުން މިދެންނެވި ކުރުހިންނަ ތަރާގަނޑުގެ ސައިންޓިފިކް ތަޙުލީލުތަކެއް ކޮށްފައިވަނީ 1996ން 1998 އާއި ދެމެދުގައެވެ. އެ ދިރާސާއިން ހާމަވި އެންމެ ބޮޑު އެއް ޙަގީގަތަކީ މީލާދީން 4 ވަނަ ގަރުނާއި ހަމައަށް ފީނިއްޖެ ކަމެވެ. އެއްކަމަކީ އެއީ މީލާދީން 4 ވަނަ ގަރުނާއި 10 ދެމެދުގައި ބޭނުންކޮށްފައިހުރި ބުޑިސްޓު ވޭރެއް ކަމެވެ. އެފަހަރު އެތަނުންނެގި އިންސާނެއްގެ ކަށިގަނޑުވެސް ކާބަންޑޭޓުކުރިއެވެ. އެކަމުންވެސް ހާމަވީ އެއީ މިދެންނެވި ޒަމާނުގައި މަރުވެފައިވާ މީހެއް ކަމެވެ.

ދިވެހިންގެ އެވޭލާ ޒަމާން ފެތުރިފައި އޮތް އެންމެ ދުރުމިން ހޯދަން ކުރަންޖެހޭ މަސައްކަތުގައި އަދިވެސް ކުރުހިންނަ ތަރާގަނޑަކީ މުހިންމު ތަނެކެވެ. ސަބަބަކީ މިދެންނެވި ދުވަސްވަރު އެތަން ކޮނެ ތަޙުލީލު ކުރެވުނީ މިތަނުގެ ވަރަށް ކުޑަ ސަރަޙައްދަކަށް ވެފައި އަދިވެސް އެތަނުގައި ސައިންޓިފިކް ތަޙުލީލުތަކަށް ޖާގަ އޮތުމުންނެވެ. އެހެން ނަމަވެސް އޭގެ ފަހުން އެތާކު މިދެންނެވިފަދަ ސައިންޓިފިކް މަސައްކަތެއް ނުހިނގައެވެ. އޭރު ދެނެގަނެވުނު އެއްޗެއް އެ ހޯދުނު މިންވަރެއްގައި އޮތީއެވެ.

ހަމައެކަނި މިދެންނެވި ދިރާސާއިން އެނގުނު މިންވަރުންވެސް އޮޅުންފިލި ކަންކަމުގެ ތެރޭގައި އެ ޒަމާނުގައި ދިވެހިންގެ ޢިމާރާތްކުރުމުގެ ފެންވަރުހުރި ނެތްގޮތް ދެނެގަނެވުނެވެ. އެ ދުވަސްވަރު ދިވެހިންނާއި އަވަށްޓެރި ގައުމުތަކާއެކު ކުރެވުނު ވިޔަފާރީގެ ބައެއް މުޢާމަލާތުތައް، އެތަނުންފެނުނު ބައެއް ތަކެތިން ހޯދުނެވެ. ޔަޤީނުންވެސް އެނގޭ އެއްކަމަކީ، އަދިވެސް ބޮޑަށް ކުރުހިންނަ ތަރާގަނޑުން ދިވެހި ތާރީޚަށް އިތުރު އަލިކަން ހޯދޭނެ ޖާގަ އޮތް ކަމެވެ.

އަލްމަރުޙޫމް މުޙަންމަދު އިބްރާހިމް ލުތުފީ، "ދިވެހި ރާއްޖޭގެ ޖޯގްރަފީގެ ވަނަރު" ގައި، ލިޔުއްވާފައި އޮންނަ ގޮތުގައި އައްޑޫ އަތޮޅު މީދޫ ކޯގަންނު ޤަބުރުސްތާނުގައި ހުރި ކުޑަކުޑަ 7 މިސްކިތަކީ، އެރަށް އެންމެފަހުން އާބާދުކުރި 7 ޢާއިލާއިން އެރުވި މިސްކިތްތަކެކެވެ. މި ގަބުރުސްތާނުގައި އެރަށުގެ ޢިލްމުވެރިންނާއި ހަރުމީހުން ވަޅުލެވިފައި ވެއެވެ. ބުނެވޭގޮތުގައި މިރަށަކީވެސް އެއްފަހަރަށްވުރެ ގިނަފަހަރަށް ފަޅުވެ، އަލުން އާބާދުވެފައިވާ ރަށެކެވެ.

މީދޫ އާއި ގަމުގައިވެސް ބުޑިސްޓުން އުޅުނު ކަމަށް ލުތުފީގެ ދިރާސާތަކުން ހާމަވާން އޮތް އިރު، ތާރީޚީ ގޮތުން އިތުރަށް ދިރާސާކުރެވެން އޮތް މީދޫ ކޯގަންނު ސަރަޙައްދަކީ، އަދި އެ ޤަބުރުސްތާނަކީ ސައިންޓިފިކް ތަޙުލީލުތަކަކަށް ޖާގަ އޮތް ތަނެކެވެ. މީދޫގެ ރަށްވެހިކަން ފެތުރިފައިވާ ދުރުމިނަކީ ކިހާ ހިސާބެއްކަން ދެނެގަތުމަށެވެ. ހާމަވާންހުރި މިނޫން ހެކިތަކަކީ ކޮބައިކަން ހޯދުމަށެވެ.

ދާދިފަހުން، އައްޑޫ އަތޮޅު، ހުޅުމީދޫގެ ދުވަސްވީ ބޭކަލަކާއި އަޅުގަނޑާއިވެސް ބައްދަލުވިއެވެ. އޭނާއަކީ މީދޫގެ ތާރީޚީ ދިރާސާތައް ކުރައްވަމުން އަންނަ ބޭކަލެކެވެ. ޚާއްސަކޮށް މީދޫގެ ކޯގަންނު ޤަބުރުސްތާނުގައި ހުންނަ މެދުޒިޔާރަތުގައި ފަސްދާނު ލެވިފައި އޮތް ސުލައިމާނު ޤާދިރު ކަލޭފާނުގެ ނަސްލު ދެމިގެން އައިސް އޮތް ގޮތް އޭނާ ހިތުން ކިޔާލަ ދެއްވިއެވެ. މިކަމުން ހާމަވެގެން ދިޔަ އެއްކަމަކީ، ކޮންމެ ބަޔަކުވެސް އެބައެއްގެ ތާރީޚަށް ސަމާލުކަން ދީފައި އޮންނަ މިންވަރެވެ. އެނާގެ ބަހުންނަމަ، ރާއްޖެ އިސްލާމް ވުމުގެކުރިން އެރަށަށް އޮތީ އިސްލާމްދީނުގެ ހިދާޔަތުގައެވެ. އެ ވާހަކައިގެ އަސްލާމެދު އިތުރަށް ދިރާސާކުރަން ޖާގަ އެބައޮތެވެ. އެކަމުގެ ޙަޤީގަތަކީ ކޮބައިތޯ ބެލުމަށެވެ.

މިހާތަނަށް ފެންނާންހުރި ގިނަ ލިޔުންތަކުގައި ބުނެވޭ ގޮތުންނަމަ، ދިވެހިރާއްޖެ އިސްލާމްދީނަށް އެނބުރުނީ ޢައްބާސީ ދައުލަތުގެ ޚަލީފާއެއް ކަމުގައިވާ " އަލްމުޤްތަފީ ލި އަމްރުﷲ" ގެ ވެރިކަމުގައި 548ހ. ގައެވެ. މިދެންނެވީ ތާރީޚު ދީބާ މަހަލްގައި ބުނާގޮތެވެ. މިވާހަކަ އިސްކަންދަރު ރަސްގެފާނުގެ އަމުރުފުޅަށް އައްޑޫ އަތޮޅު ގަމުގައި ބިނާކުރަން ބިންގައު އެޅުނު ހުކުރުމިސްކިތް ނިންމުމަށްފަހު، އެ މިސްކިތުގައި ބެހެއްޓުނު ފިލާފަތްކޮޅުގައި ބުނެފައިވާ ގޮތާއި ތަފާތެވެ. " ލަކުޑި ފިލާފަތްކޮޅު" ގައި ވަނީ ދިވެހިރާއްޖެ އިސްލާމް ދީނަށް އެނބުރުނީ ޙިޖުރައިން 539 ވަނަ އަހަރުގައި ކަމެވެ. ކޮންމެއަކަސް އެ މާތްދީނަށް ރާއްޖޭގައި އޭރުހުންނެވި ރަސްގެފާނަށް ގޮވައިލެއްވީ "ޝައިޚް ޖަލާލު ޔޫސުފް ތަބްރީޒީ" ކަމަށް ވެއެވެ. އެންމެ ފުރަތަމަ އިސްލާމްވެ ވަޑައިގަތީ އޭރު ރަސްކަމުގައި ރެނދެލި ކުރެއްވި ދުނެއި (ދޮވިމި) ކަލަމިންޖާ ޝިރީ ބަވަނާއްދީއްތަ މަހާރަދުންނެވެ. އިސްލާމްވުމަށްފަހު އެ ރަދުންގެ ނަންފުޅަކީ އައްސުލްތާން މުޙަންމަދު ބުން ޢަބްދުﷲ އެވެ.

އައްޑު އަތޮޅު ހިތަދޫގައި ޤަދީމީ ޒަމާނުގައި އޮތް ކޯއްޓޭއަކީވެސް އެހައިމެ އާސާރީ ތަނެކެވެ. ސައިންޓިފިކް ތަޙުލީލުތަކަށް ޖާގަ އޮތް ތަނެކެވެ. ނަމަވެސް އެތަން މިހާރުވަނީ ވީރާނާވެފައެވެ. ހިތަދޫގެ ތާރީޚާއިމެދު، މަރުޙޫމް ލުތުފީ، "ދިވެހި ރާއްޖޭގެ ޖޯގްރަފީގެ ވަނަރު" ގައި ލިޔުއްވައިފައިވާ ޢިބާރާތް ނަކަލު ކޮށްލަމެވެ. " ހިތަދޫ ހުކުރުމިސްކިތާއި މެދު މިސްކިތާއި ތަކުރުފާނު މިސްކިތަކީ، ހިތަދޫ އާބާދުކުރި 3 ޢާއިލާއިން އުރުވި 3 މިސްކިތެވެ. އެ 3 މިސްކިތް މައްޗަށް ހިތަދޫ ވަގުފު ކޮށްދެއްވީ އިސްކަންދަރު މަހާރަދުންނެވެ. ތަކުރުފާނު މިސްކިތް ދޮށުގައި އައްސުލްތާނު ޙަސަން10 އަކާއި އެމަނިކުފާނުގެ އަނބިކަނބަލުންނާއި ހިތަދޫ ޢަލީ މަނިކުފާނާއި ޢަލީ މަނިކުފާނުގެ ދަރިކަލުން ބަނޑޭރި ޙަސަން މަނިކުފާނުގެ މަހާނަ އާއި އަދި ރަށުގެ ހަރު މީހުންގެ މަހާނަތައް ވެއެވެ".

ކޮންމެއަކަސް ދިވެހި ތާރީޚަށް އިތުރު އަލިކަން ހޯދަން އެބަ ޖެހެއެވެ. އިތުރަށް ތަޙުލީލު ކުރަން އެބަޖެހެއެވެ. އެފަދަ އަލިކަން ގެނެސްދޭނެ ޤަބުރުސްތާނުތައްވެސް މަދެއް ނޫން ކަމެވެ. ކޯއްޓޭ ތަކާއި ހަވިއްތަ ތަކާއި ތަރާގަނޑު ތަކުގެ އިތުރުންވެސް ތާރީޚީ ޙަޤީގަތްތައް ހޯދަން ސައިންޓިފިކް ތަޙުލީލުތައް ކުރަންހުރި ތަންތަން އެބަހުއްޓެވެ. އެހެން ކަމުން ދިވެހިންގެ އެވޭލާ ޒަމާން ފެތުރިފައިވާ ދުރަކީ ކިހާ ހިސާބެއްތޯ ބަލައި، ތަޙުލީލުކުރަން ފީނަންޖެހެނީ ނުހަނު ފުނަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް