ނިއުޒިލޭންޑްގެ ރިކީ ހާބަޓް ގައުމީ ޓީމްގެ ކޯޗުމާ ހަވާލުވެ ޓީމުން ބާކީކުރި ވެލެންސިއާގެ އިތުބާރު މިޑްފީލްޑަރ އަކްރަމް އަބްދުލް ޣަނީ މެލޭޝިއާގެ ކެލަންޓަން އެފްސީގެ ޓްރަޔަލް އެއްގައި ބައިވެރިވަމުން އެބަދެއެވެ.
ވެލެންސިއާ އިން ރިލީޒް ހޯދުމަށް ފަހު މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ކެލަންޓަން އެފްސީ އާއި އެކު ތަމްރީން ހަދަމުންދާ އަކްރަމްގެ ޓްރަޔަލް ނިމުމަކާ ގާތް ވެފައިވާ އިރު އޭނާ ޓީމަށް ނެގުމާ މެދު ގޮތެއް ނިންމާނީ ފްރެންޑްލީ މެޗެއްގައި އޭނާގެ ކުޅުން ބެލުމަށް ފަހު ކަމަށް ކެލަންޓަން އިން ބުނެއެވެ.
ނިއު ރޭޑިއަންޓާއި ގައުމީ ފުޓްބޯޅަ ޓީމަށް ކުރިން އިރުޝާދު ދިން ބަލްގޭރިއާގެ ވެލިޒާ ޕޮޕޯފް، ކެލަންޓަންގެ ކޯޗު ކަމާ ހަވާލުވި ފަހުން ވަނީ، އެ ޓީމް އިތުރަށް ވަރުގަދަ ކުރުމަށް ކުޅުންތެރިން ހޯދުމުގެ މަސަތްކަތް ފަށާފައެވެ.
ޕޮޕޯފްގެ އިރުޝާދުގެ ދަށުން ކެލަންޓަން މިހާތަނަށް ދެ މެޗު ކުޅެފައިވާއިރު އެ ޓީމް އޮތީ ޕީޑީއާރުއެމްއަށް ވުރެ އެއް ޕޮއިންޓް މަދުން ލިބި 13 ޕޮއިންޓާއި އެކު ތާވަލުގެ އަށް ވަނައިގައެވެ. ޓްރާންސްފާ އަށް ލީގް މެދު ކަނޑާލާފައިވާއިރު އަލުން ސީޒަން ފަށާނީ އަންނަ މަހު ހަތް ވަނަ ދުވަހު އެވެ.
ރާއްޖޭގެ ގައުމީ ޓީމްގެ ކުރީގެ މީޑްފީލްޑަރ އަކްރަމްގެ އިތުރުން ވެސް ކެލަންޓަން އިން ދަނީ ބިދޭސީ އެހެން ކުޅުންތެރިންތަކަކާ އެކު ވެސް ޓްރެޔަލް އެއް ކުރިއަށް ގެންދަމުން ކަން ފާހަގަ ކޮށްލެވެއެވެ.
ދެހާސް ތޭރަ ވަނަ އަހަރު ނިއު ރޭޑިއަންޓްގެ ކޯޗު ކަމާ ޕޮޕޯފް ހަވާލުވުމަށް ފަހު އެ އަހަރުގެ ހުރިހާ މުބާރާތެއް ކާމިޔާބް ކުރި ޓީމްގައި ވެސް މުހިންމު ދައުރެއް އަކްރަމް ވަނީ އަދާކޮށްފައެވެ.
ތޭވިސް އަހަރުން ދަށުގެ ގައުމީ ޓީމުން ފާހަގަ ކޮށްލެވުނު އަކްރަމް ވަނީ ވެލެންސިއާގެ އިތުރުން ވިކްޓަރީ އާއި ވީބީ ސްޕޯޓްސް ކްލަބް އަދި މާޒިޔާ އަށް ވެސް ކުޅެފަ އެވެ. ދަނޑުމަތީގައި އަހްލާގް ރަނގަޅު ކަމަށް ހުރިހާ ކޯޗުން ވެސް ފާހަގަ ކުރާ އަކްރަމް ވަނީ މީގެ އަށް މަސް ކުރިން ގައުމީ ޓިމްއާ ހާބަޓް ހަވާލުމުގެ ކުރިން ގަވައިދުން ގައުމީ ޓީމުން ވެސް ޖާގަ ހޯދާފައެވެ.