ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ނާޒިމް ރަޝާދު ޕީޕީއެމް އިން ވަކިވެވަޑައިގަތް ކަމަށް ދެކެވޭ ވާހަކަތައް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ދޮގު ކުރައްވައިފިއެވެ.
ނިޙާން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނާޒިމް ރަޝާދު ޕީޕީއެމް އިން ވަކިވެވަޑައިނުގަންނަވާ ކަމަށާއި ޕީޕީއެމް އިން ވަކިވެވަޑައިގެންނެވި މެމްބަރުން އިރާދަކުރެއްވިއްޔާ ލަހެއް ނުވެ، އަލުން އެޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަމަށެވެ.
ނިހާން ވިދާޅުވީ ރައްޔިތުން ވޯޓުދިނީ ސިޔާސީ ވަކިފިކުރަކަށް ބަލައިގެން ކަމަށާއި ޕާޓީން ވަކިވީމަ އެވެވުނީ ހަރާންކޯރު ކަމަށެވެ.
ނާޒިމް ރަޝާދަކީ އެމްޑީޕީގެ ޓިކެޓުގައި އިންތިޚާބުވެވަޑައިގަތުމަށްފަހު ޕީޕީއެމާ ގުޅިވަޑައިގެންނެވި ބޭފުޅެކެވެ.
MP Nazim Rashaad PPM akun Vakkeiy Nuvey. Kendigen Dhiya baeh membarun iraadha kurehviyyaa lahe nuve, Alun Party aai Gulheyne.
— Ahmed Nihan (@ahmed_nihan) July 10, 2017
ނިހާން އެހެން ވިދާޅުވިނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމް އިން ވަކިވެވަޑައިގަތްކަމުގެ ސިޓީ ނާޒިމް ރަޝާދު ވަނީ މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާފައި ކަމަށެވެ.
އެ ޓްވީޓާ ގުޅިގެން ސަން އިން ދެންނެވި ސުވާލެއްގެ ޖަވާބުގައި މަހުލޫފް ވިދާޅުވީ ނާޒިމް ރަޝާދު ޕާޓީން ވަކިވެވަޑައިގަތް ކަމުގެ ސިޓީ އޭނާ މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ކަމުގެ 100 ޕަސެންޓް ޔަގީންކަން ދޭ ކަމަށެވެ.
"ސަތޭކަ ޕަސެންޓް ޔަގީންކަމާއެކު މިދަންނަވަނީ ނާޒިމް ރަޝާދު މިއަދު ވަނީ ޕީޕީއެމް އިން ވާކިވާން އިލެކްޝަންސް ކޮމިޝަނަށް ސިޓީ ހުށަހަޅުއްވާފައި،" މަހުލޫފް ވިދާޅުވިއެވެ.
ފާއިތުވި ކުޑަ ދުވަސްކޮޅުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ނުވަ މެމްބަރުން ވަނީ ޕީޕީއެމް އިން ވަކިވެވަޑައިގެންފައެވެ.