ޔޫރޯގައި ސްޕެއިންގެ ގޯލު ބަލަހައްޓާނެ ކީޕަރެއް އަދި ނުނިންމަން: ޑެލް ބޮސްކޭ

ސްޕެއިންގެ އިކާ ކަސިޔަސް(ކ) އާއި ޑޭވިޑް ޑެ ހެއާ(ވ) --- ފޮޓޯ: އޭޕީ

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްޕެއިންގެ ގޯލު ބަލަހައްޓާނީ ކޮން ގޯލްކީޕަރެއް ކަން އަދި ނުނިންމާ ކަމަށް އެ ޓީމުގެ ކޯޗު ވިސެންޓެ ޑެލް ބޮސްކޭ ބުނެފި އެވެ.

އިނގިރޭސި ކްލަބު މެންޗެސްޓާ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެ ހެއާ އާއި ޕޯޗުގަލްގެ ޕޯޓޯގެ ކީޕަރު އަދި ސްޕެއިން ޓީމުގެ ކެޕްޓަން އިކާ ކަސިޔަސް ދަނީ ޔޫރޯގައި ވާދަކުރާ ސްޕެއިން ޓީމުގެ އެއް ނަންބަރު ގޯލްކީޕަރުގެ މަގާމަށް ވާދަ ކުރަމުންނެވެ.

އަންނަ ހުކުރު ދުވަހު ފްރާންސްގައި ފަށާ ޔޫރޯ އަށް ތައްޔާރުވުމަށް ސްޕެއިން ކުޅޭ އެންމެ ފަހު އެކުވެރިކަމުގެ މެޗުގައި ޖޯޖިއާއާ ދެކޮޅަށް މިރޭ ނުކުންނާނެ އެވެ. އެ މެޗުގައި ފަހަރެއްގައި ޑެ ހެއާ އަށް ފުރުސަތުދޭނެ ކަމަށް ޑެލް ބޮސްކޭ ބުނެ އެވެ.

"ޖޯޖިއާއާ ދެކޮޅަށް ކުޅޭ މެޗުގައި ޑެ ހެއާ ފެނުމަކީ ވެސް ވެދާނެ ކަމެއް. ސައުތު ކޮރެއާއާ ދެކޮޅަށް ކުޅުނު މެޗުގައި ސްޕެއިންގެ ގޯލު ބެލެހެއްޓީ ކަސިޔަސް. ޔޫރޯގައި ސްޕެއިންގެ ގޯލު ބަލަހައްޓާނީ ކޮން ކީޕަރެއް ކަން އަދި ނުނިންމަން. އަހަރެން އަދި އެ ނިންމުން ނިންމާކަށް ނުޖެހޭ. ފަހުން އެކަން ވެސް ނިންމާނަން،" ޖޯޖިއާއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޑެލް ބޮސްކޭ ބުންޏެވެ.

ފާއިތުވި ދެ ފަހަރުގެ ޔޫރަޕް ޗެމްޕިއަން ސްޕެއިން މި ފަހަރު ލައްވާލީ ޗެކް ރިޕަބްލިކާއި ތުރުކީ އާއި ކްރޮއޭޝިއާ އާއެކު "ގްރޫޕް ޑީ"ގައެވެ. ޖޯޖިއާއާ ދެކޮޅަށް އަމިއްލަ ގައުމުގައި ސްޕެއިން ކުޅޭ އެކުވެރިކަމުގެ މެޗު ފަށާނީ މިރޭ 12:45 ގައެވެ.

comment ކޮމެންޓް