މިދިޔަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު ދެ ފިސްތޯލަ އާއި ގޮވާތަކެތި ގެންގުޅުނު މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރު 10 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ދާދިދެންމެ ހުކުމް ކޮށްފި އެވެ.
ކްރިމިނަލް ކޯޓުން މިރޭ އިއްވި ހުކުމްގައި ވަނީ ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން އެ ދައުވާ އަދީބުގެ މައްޗަށް ސާބިތުވާ ކަމަށެވެ. އަދި މެއި މަހުގެ އެއްވަނަ ދުވަހުގެ ކުރިން ވެސް އަދީބު ފިސްތޯލަ ގެންގުޅުއްވި ކަމަށް ހެކިބަސް ދިން ތިން ހެކިންގެ ތެރެއިން އެކެއްގެ ބަހުން އެނގެން އޮންނަ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.
ސިއްރުން ތިން މީހަކު ހެކިބަސްދީފައިވާއިރު، އެމީހުން ހެކިބަސްދިނީ ސިޔާސީ މަގުސަދެއްގައި ކަމަށް އަދީބުގެ ފަރާތުން ވިދާޅުވިނަމަވެސް އެކަން އަދީބަށް ސާބިތުކޮށްދެވިފައިނުވާ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.
ގައުމީ ސަލާމަތައްޓަކައި ކަމަށް ބުނެ ހުކުމް އިއްވުމުގެ އަޑުއެހުން ބާއްވާފައި ވަނީ ސިއްރުންނެވެ.
މިދިޔަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އަދީބު އެމަނިކުފާނި ދިރިއުޅުއްވި ގ. ހުމަށީގެ އެޕާޓްމަންޓުގައި ދެ ފިސްތޯލަ އާއި ގޮވާތަކެތި ގެންގުޅުއްވި ކަމަށް ތިން މީހަކު ވަނީ ހެކިބަސް ދީފަ އެވެ. އަދި ރެހެންދި ފްލެޓުގައި ހުންނަ އަދީބުގެ އެޕާޓްމަންޓުގައި އޭނާ ހަތިޔާރު ގެންގުޅުއްވި ކަމަށް އެ ތިން މީހުންގެ ތެރެއިން އެކަކު ވަނީ ހެކިބަސްދީފަ އެވެ.
މައްސަލައިގެ ކަންހިންގިގޮތުގެ ޚުލާސާ
- މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ 26 ނޮވެމްބަރު 2015 ވަނަ ދުވަހު.
- ފުރަތަމަ އަޑުއެހުން ބޭއްވީ 10 ޖެނުއަރީ 2016 ވަނަ ދުވަހު.
- ފުރަތަމަ އަޑުއެހުމުގައި ވަކީލަކު ހަމަޖައްސަން 15 ދުވަހުގެ މުއްދަތެއް ދީފައިވޭ.
- އަދީބުގެ ގާނޫނީ ވަކީލަކަށް ހަމަޖެއްސީ މޫސާ ސިރާޖު.
- އަދީބު ދައުވާ އަށް އިންކާރު ކުރެއްވީ 15 ފެބްރުއަރީ 2016 ގައި ބޭއްވި އަޑުއެހުމުގައި.
- މައްސަލަ ބެލުމަށް އެކުލަވާލި ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ގާޒީ މުހުތާޒު ފަހުމީ، ގާޒީ އަހުމަދު ރަޝީދު އަދި ގާޒީ ސައީދު އިބްރާހީމް.
- ބެންޗުގެ އިސް ގާޒީ އަކީ މުހުތާޒު ފަހުމީ.
- ބެންޗު އުވާލައްވައި ގާޒީ ބާރީ މައްސަލައާ ހަވާލުވެ ޝަރީއަތް ފެށީ 1 ޖޫން 2016 ވަނަ ދުވަހު.
- އެ މައްސަލައިގެ ޚުލާސާ ބަޔާން ހުށަހަޅައި އަޑުއެހުންތައް ނިންމާލީ 4 ޖޫން 2016 ވަނަ ދުވަހު.
- ގައުމީ ސަލާމަތީ ސަބަބުތަކަށްޓަކައި އެ އަޑުއެހުން ކުރިއަށް ގެންދިޔައީ ސިއްރުން.