ފިސްތޯލަ ގެންގުޅުނު ކަމުގެ ތުހުމަތުގައި އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ވަކީލަކު ހަމަޖައްސަން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބް އަބްދުލް ޣަފޫރަށް ކްރިމިނަލް ކޯޓުން 15 ދުވަސް ދީފި އެވެ.
އެމައްސަލާގައި މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އަދީބު އެދިވަޑައިގެންފައި ވަނީ ވަކީލަކު ހަމަޖެއްސުމަށް 30 ދުވަހުގެ މުއްދަތެއް ދިނުމަށެވެ.
ނަމަވެސް އެ މައްސަލަ ބައްލަވާ ބެޗުގެ އިސް ގާޒީ މުހުތާޒު ފަހުމީ ވިދާޅުވީ 30 ދުވަހަކީ ދިގު މުއްދަތެއް ކަމަށާއި 15 ދުވަހުގެ މުއްދަތެއް ވަކީލަކު އައްޔަން ކުރަން ދޭނެ ކަމަށެވެ. އަދި މީގެ ކުރިންވެސް މައްސަލާގައި ވަކީލަކު އައްޔަން ކުރުމާ ބެހޭގޮތުންވެސް އަދީބުއަށް މައުލޫމާތު ދީފައިވާކަން އެނގެން އޮތް ކަމަށް ގާޒީ ވިދާޅުވި އެވެ.
އަދީބު ވިދާޅުވީ ދައުވާ ފޯމު އެކަނި ލިބިގެން ވަކީލަކު ހަމަޖައްސަން އުނދަގޫ ކަމަށެވެ. އަދި އެ މައްސަލައިގެ އިތުރު ލިޔުންތައް ބޭނުންވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދައުލަތުގެ ވަކީލު އާދަމް އާރިފް ވިދާޅުވީ މައްސަލައާ ގުޅިގެން އަދީބު ތަހުގީގަށް ދީފައިވާ ބަޔާން އެމަނިކުފާނާ ހިއްސާކުރިޔަސް މައްސަލައެއް ނެތް ކަމަށެވެ.
އާރިފް ވިދާޅުވީ ދެންހުރި ލިޔުންތަކުގެ ތެރެއިންވެސް ދެވެން ހުރި ހުރިހާ ލިޔެކިޔުމެއް ހަފްތާއެއްގެ ތެރޭގައި އަދީބާ ހިއްސާކުރާނެ ކަމަށާއި އެލިޔުންތަކުގެ ތެރޭގައި ގިނައީ ސިއްރު ލިޔުން ކަމަށް އޭނާ ވިދާޅުވިއެވެ.
އަދީބުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމް ދައުވާގެ މައްސަލައިގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންނަކީ ގާޒީ މުހުތާޒު ފަހުމީ އާއި ގާޒީ އަހްމަދު ރަޝީދާއި ގާޒީ ސައީދު އިބްރާހީމެވެ.
ޝަރީއަތް ނިންމާލަމުން އިސް ގާޒީ ވިދާޅުވީ ދެން ޝަރީއަތް އޮންނާނީ ފެބުރުއަރީ 15 ވަނަ ދުވަހުގެ 2:00 ގައި ކަމަށެވެ.