ފިސްތޯލް ގެންގުޅުންކަމަށް ބުނެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއަށް އޭނާ އިންކާރު ކުރައްވައިފިއެވެ.
އަދީބުގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާ ކުރިއަށް ދިޔަވަގުތު އަދީބުގެ ހަގު އަނބިކަނބަލުން ދިރިއުޅުއްވި ގ. ހުމަށި ގެއަށް އެރޭ ދިޔަ ދެ މީހަކަށް ދެ ފިސްތޯލަ އާއި ތިން ވަޒަން އަދީބު ދައްކާފައިވާ ކަމަށް ބުނެ އެވެ.
ދައުލަތުގެ ވަކީލު މިއަދު ވިދާޅުވީ އެ ދެ ހަތިޔާރު ވަނީ އެތެރެ ފެންނަ ފޮއްޓަކަށްލައި، ބެކްޕެކް ދަބަހަކަށް ލާފައި ކަމަށެވެ.
އެ ހަތިޔާރުތައް ދެއްކުމަށް ފަހު، އެމްޑީޕީ މީހުންނަށް އަދީބާ ހަމަޔަކަށް ނާދެވޭނެ ކަމަށް އެ ދެ މީހުން ގާތު އަދީބު ވިދާޅުވި ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ މޭޑޭ މުޒާހަރާގެ ކަންކަން ގޯސްވާ ނަމަ އެކަން އަދީބަށް އެންގުމަށް އެ ދެ މީހުންގެ ކިބައިން އަދީބު އެދިވަޑައިގެންފައިވާ ކަމަށެވެ.
ދައުވާ އަށް ޖަވާބުދާރީވަމުން އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވީ މީހަކު ބުނި ބުނުމެއްގެ މައްޗަށް ބިނާކޮށް އެ ދައުވާ ނުކުރެވޭނެ ކަމަށާއި ހައިކޯޓާއި ސުޕްރީމް ކޯޓުން އެކަން ވަނީ ކަނޑައަޅާފައި ކަމަށެވެ.
އަދީބު ދައުވާ އަށް އިންކާރު ކުރެއްވުމުން ދައުލަތުން ވަނީ އެ ދައުވާ ސާބިތުކުރުމަށް ތިން މީހަކު ހެކީންގެ ގޮތުގައި ހުށަހަޅާފައެވެ.
އޭގެތެރެއިން ދެ މީހުންނަކީ އަދީބުގެ ހަނގުއަނބިކަނބަލުން ދިރިއުޅުއްވި ގޭގައި އޭނާ ފިސްތޯލަ ގެންގުޅުނު މަންޒަރު ދުށް ކަމަށް ބުނާ ދެ މީހެކެވެ. އަދި ތިންވަނަ މީހާ އަކީ އެހެން ދުވަހެއްގައި އަދީބު ފިސްތޯލައެއް ގެންގުޅުއްވި މަންޒަރު ފެނުނު ކަމަށް ބުނާ މީހެކެވެ.
އަދީބުގެ ވަކީލު ވިދާޅުވީ ދިފާއުގައި ހުށަހަޅާނެ ހެއްކެއް ނެތް ކަމަށެވެ.
އެ މައްސަލައިގެ އިތުރު އަޑުއެހުމެއް އޮންނާނީ އަންނަ މަހުގެ ހަ ވަނަ ދުވަހު އެވެ.