ޑޮލަރު ގަތުމުގެ ނަމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން 77.1 މިލިއަން ރުފިޔާ އާއި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އިން އެއް މިލިއަން ޑޮލަރުގެ ލޯނެއް ނެގުމަށް ފަހު ކުރީގެ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން އަމިއްލަ ދެ ކުންފުންޏަކަށް ފައިސާ ދޫކުރި މައްސަލައިގައި ޝާމިލުވާ އެއް ކުންފުނިކަމަށްވާ މޮންޓިލިއަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ދައުވާކުރަން ފޮނުވައިފިއެވެ.
މިހާރު އުވައިލުމުގެ މަސައްކަތް ފަށައިފައިވާ މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ދައުވާކުރަން ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުވީ މިއަދެވެ.
އެކަން ހާމަކޮށް އޭސީސީން ބުނީ އެ ކޮމިޝަނާއި ފުލުހުން ގުޅިގެން ހިންގި ތަހުގީގަށްފަހު މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށުގެ ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުވަން ނިންމައިފައިވާ ކަމަށެވެ.
އޭސީސީން ބުނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ގައުމީ ބޭންކު ބީއެމްއެލްގައި ހުޅުވައިފައިވާ ޑޮލަރު އެކައުންޓުގެ ދެ ޗެކަކުން ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު މެދުވެރިކޮށް މޮންޓިލިއަން އިންޓަނޭޝަނަލްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމާއި، އެ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަމަށް އެ ދުވަސްވަރު މޮންޓިލިއަން އިންޓަނޭޝަނަލް ހިންގުމުގައި އިސްކޮށް އުޅުނު ފަރާތަށް ޝައްކުކުރެވޭނެ ހާލަތެއް އޮއްވައި އެ ފައިސާ މޮންޓިލިއަންގެ އެކައުންޓަށް ޖަމާކޮށް އެ ފައިސާ ބޭނުންކޮށްފައިވާކަން ފާހަގަކުރެވުނު ކަމަށެވެ.
އެސްއޯއެފް ކުންފުނީގެ ދެ ޗެކަކުން މޮންޓިލިއަނަށް ޖަމާކޮށްފައިވާ ދޮޅުލައްކަ އެމެރިކާ ޑޮލަރު އަނބުރާ ހޯދުމަށް އެމްއެމްޕީއާރުސީއަށް އެންގުމަށް ވެސް ނިންމައިފައިވާ ކަމަށް އޭސީސީން ބުންޏެވެ.
މި މައްސަލައިގައި ކުރީގެ އޮޑިޓަރު ޖެނެރަލް ނިޔާޒް އިބްރާހީމް ނެރުއްވި ރިޕޯޓު ތަހުގީގުކުރަން އޭސީސީން ނިންމީ މީގެ ގާތްގަނޑަކަށް 12 އަހަރުކުރިން ނޮވެންބަރު 2، 2014ގައެވެ.
އެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން ޑޮލަރު ގަތުމުގެ ނަމުގައި އެމްޕީއެލުން ހޯދި 77.1 މިލިއަން ރުފިޔާއާއި އެމްޓީޑީސީން އެއް މިލިއަން ޑޮލަރު ހޯދީ ވަކި ބަޔަކަށް މާލީ ފައިދާއެއް ހޯދައިދިނުމަށެވެ.
ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ބޭރުގެ ފަރާތަކަށް ވަރަށް އަވަހަށް ފައިސާ ދަންކަންޖެހޭ ކަމަށް ބުނެ، 1.1 މިލިއަން ޑޮލަރުގެ ލޯނެއް އެމްޓީޑީސީން ހޯދުމަށްފަހު، އަދީބުގެ އާއިލީ މަސްލަހަތު އޮންނަ ކުންފުންޏަކަށް އެ ފައިސާ ދީފައިވާ ކަމަށް ވެސް ރިޕޯޓުގައިވެއެވެ. ޓޫރިޒަމް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އެމްއެމްޕީއާރްސީން އެ ލޯނު ދީފައި ވަނީ މޮންޓިލިއަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށެވެ.
މޮންޓިލިއަނަކީ އަދީބު އޭރު ޓޫރިޒަމް މިނިސްޓަރުކަމަށް ވަޑައިގަތުމުގެ ކުރިން އޭނާގެ 35 ޕަސެންޓް ހިއްސާ އޮތް ކުންފުންޏެކެވެ. މިހާރު އެ ކުންފުނީގެ ހިއްސާ އޮތީ ސަޢީދު ޙުސައިނާއި ޝާހިދު ޙުސައިންގެ އަތްމަތީގައެވެ.