މަނީ ލޯންޑްރިންގެ އަދަބަށް، އަދީބު ދައްކަންޖެހޭ އެއް މިލިއަން ރުފިޔާ ދައުލަތަށް ދައްކައިފި

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި މަނީ ލޯންޑްރިންގެ ކުށް ސާބިތުވުމުން، ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު ދައުލަތަށް ދައްކަންޖެހޭ އެއް މިލިއަން ރުފިޔާ ދައްކައިފިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި އޮކްޓޫބަރު 5، 2020ގައި އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ދެ މިލިއަން ރުފިޔާއިން ވަނީ ޖޫރިމަނާ ކޮށްފައެވެ. އޭގެ ތެރޭގައި އޮކްޓޫބަރު 5، 2020އިން ފެށިގެން މަސްދުވަހުގެ ތެރޭގައި އެއް މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ކްރިމިނަލް ކޯޓުން ކުރި ހުކުމެއް ހިމެނެއެވެ.

އެހެންނަމަވެސް، އެ ފައިސާ ނުދައްކައިގެން ދައުލަތުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިއެވެ.

ސިވިލް ކޯޓުން މިއަދު ވަނީ، މިދިޔަ ހަފުތާގައި އަދީބު އެ ފައިސާ ދައްކައި ޚަލާސްކޮށްފައިވާކަން ދައުލަތުން އަންގައިފައިވާކަން ފާހަގަކޮށް މައްސަލަ ނިންމައިފައެވެ.

މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އަދީބުވަނީ އެއް ލައްކަ ރުފިޔާ މި މައްސަލައާ ގުޅިގެން ދައްކައިފައެވެ. އަދި މިދިޔަ ހަފުތާގައި ބާކީ 900،000 ރުފިޔާ ދައްކައި، ޖުމްލަ އެއް މިލިއަން ރުފިޔާ ދައްކައި ޚަލާސް ކުރީ ކަމަށް ރިޕޯޓުގައިވެއެވެ.

އެމްއެމްޕީއާރުސީ ޚިޔާނާތް ހިނގީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ. މީގެ ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ އެ ޚިޔާނާތުން އެކަނި ވެސް ދައުލަތަށް 1.5 ބިލިއަން ރުފިޔާ ގެއްލުނު ކަމަށް ބުނެފައެވެ.

https://sun.mv/211754

އެ މައްސަލައިގައި އަދީބަށް ކުރި ހުކުމަކީ، ދައުލަތާ އެކު ހެދި އިއުތިރާފު އެއްބަސްވުމެއްގެ ދަށުން ލުއިކޮށް ދިން އަދަބެކެވެ. ނަމަވެސް، ސިއްހީ ސަބަބަކާ ހެދި ކަމަށް ބުނެ، ޖަލު ހުކުމް ތަންފީޒުކުރަމުން ގެންދިޔައީ ގޭ ބަންދުގައެވެ.

އެ މައްސަލަ ބަލަން ވައުދުވެވަޑައިގެން ވެރިކަމަށް ވަޑައިގެން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ ވެރިކަން ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް، އެ މައްސަލައިގައި ޖަލުގައި ތިއްބެވި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި އަދީބަށް މާފުދެއްވާފައެވެ.

comment ކޮމެންޓް