ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ގައުމީ ޓީމަށް 50 ލަނޑު ކާމިޔާބުކޮށްދިނުމާއ،ި ތަޖްރިބާކާރު ގޯލްކީޕަރު އިމްރާން މުހައްމަދު ގައުމީ ޓީމަށް 100އަށް ވުރެ ގިނަ މެޗު ކުޅެފައިވާތީ އެކަން ފާހަގަކޮށް އެ ދެކުޅުންތެރީންގެ އަގުވަޒަންކޮށްފި އެވެ.
އޭއެފްސީ އޭޝިއަން ކަޕް 2019 ކޮލިފިކޭޝަންގެ ޕްލޭ އޯފްގައި ރާއްޖެއާއި ޔަމަން ބައްދަލުކުރި މެޗު ފެށުމުގެ ކުރީން އެ ދެކުޅުންތެރީންނަށް ވެސް ވަނީ ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާއިން ހަނދާނީ ފިލައެއް ހަވާލުކޮށްފަ އެވެ. ހަނދާނީ ފިލާ އެ ދެކުޅުންތެރީނާ ހަވާލުކޮށްދެއްވީ، އެފްއޭއެމްގެ ރައީސް ކަމަށް އަލަށް އިންތިޚާބުވި، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ޠާރިޤު (ޓޮމް) އެވެ.
ދަގަނޑޭއަށް ވަނީ، އަނިޔާގެ ސަބަބުން ޔަމަނާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ގެއްލިފަ އެވެ. އަދި އޭނާ ކުރިން ކުޅެމުން ދިޔަ މެލޭޝިއާގެ ޕީޑީއާރުއެމްއާ އެކު ހަދާފައިވާ އެއްބަސްވުންވެސް ވަނީ އަނިޔާއާ ގުޅިގެން ނިމުމަކަށް ގެނެސްފަ އެވެ.
ދަގަނޑޭ ގައުމީ ޓީމަށް ކާމިޔާބުކޮށްދިން 50 ވަނަ ލަނޑު ކާމިޔާބުކުރީ، މި އަހަރުގެ މާރިޗް މަހުގެ 29 ވަނަ ދުވަހު ފީފާ ވޯލްޑް ކަޕް 2018 ކޮލިފިކޭޝަންގައި ބޫޓާނާ ދެކޮޅަށް ކުޅެ 4-2 ލަނޑުން ރާއްޖެ މޮޅުވި މެޗުގައެވެ. އެ މެޗުގައި ރާއްޖެއަށް ލިބުނު ޕެނަލްޓީއެއް ބޫޓާންގެ ގޯލަށް ވައްދާލުމާއެކު އުމުރުން މިހާރު 30 އަހަރުގެ ހުނަރުވެރި ފޯވާޑް ވެގެން ގޮސްފައި ވަނީ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑުޖެހި، އަދި 50 ލަނޑު ހަމަކުރި ހަމައެކަނި ކުޅުންތެރިޔާއަށެވެ.
އުމުރުން މިހާރު 35 އަހަރުގެ އިންމަ ވަނީ ގައުމީ ފުޓްބޯޅަ ޓީމަށް 100އަށްވުރެ ގިނަ މެޗު ކުޅެފައެވެ. އަދި މިވަގުތު ގައުމީ ޓީމުގައި ހުރި އެންމެ ދުވަސްވީ އަދި އެންމެ ތަޖްރިބާކާރު ކުޅުންތެރިއަކީ ވެސް އިންމައެވެ.
ޔަމަނާ ދެކޮޅަށް މިރޭ ރާއްޖެ ކުޅުނު މެޗުން 2-0ގެ ނަތީޖާއަކުން ރާއްޖެ ބަލިވި ނަމަވެސް އެ މެޗުގައި އިންމަ ވަނީ، މޮޅު ކުޅުމެއް ދައްކައި، ޔަމަނު ޓީމުން ރާއްޖޭގެ ގޯލަށް އުފެއްދި ނުރައްކާތެރި ގިނަ ހަމަލާތަކެއް ދިފާއުކޮށްފައެވެ.