ދިވެހި ފުޓްބޯޅައިގެ އެންމެ ރަންޒަމާނަކީ 2000ގެ އަހަރުތަކުގެ ކުރީކޮޅުކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. އޭރު ކުލަބް ފުޓްބޯޅައިގެ ވާދަވެރިކަން ބޮޑެވެ. އޭރުގެ ކުޅުންތެރިންގެ ތެރެއިން އަލީ ޝިހާމް (ހުރާ އައްޔަ) އަދި އަލީ އަޝްފާގް (ދަގަނޑޭ) އަކީ ރާއްޖޭގެ އެއްވަނަ ފޯވަޑްލައިނެވެ.
މި ދެކުޅުންތެރިން ވަނީ ކްލަބް ކެރިއަރުގައި ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު ކްލަބް ވެލެންސިއާ އާއި ނިއުރޭޑިއަންޓަށް އެއްކޮށް ކުޅެފައެވެ. އޭރު ދެ ކުޅުންތެރިން ހޯދި ކާމިޔާބީތަކުގައި އެކަކު އަނެކަކުގެ ހިއްސާ ބޮޑުކަމަށް ދެ ކުޅުންތެރިން ވެސް ފާހަގަކުރެއެވެ.
އަލީ ޝިހާމް ވަނީ 2004 ވަނަ އަހަރު ކުޅުމުގެ ތެރެއިން ފައިގެ ކަކުލުހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެން ފުޓްބޯޅަ ކުޅުން ހުއްޓާލާފައެވެ. ނަމަވެސް އަލީ އަޝްފާގު އަދިވެސް ކުޅެއެވެ.
ފުޓްބޯޅަ ކުޅުން ހުއްޓާލުމަށްފަހު އަލީ ޝިހާމް މަސައްކަތްކުރަމުން އަންނަނީ ރިސޯޓްގައެވެ. ފުޓްބޯޅަ ކުޅުނުއިރު، އަލީ ޝިހާމާއި އަލީ އަޝްފާގަކީ ވަރަށް ގާތް ދެމީހުންނެވެ. އަލީ ޝިހާމް ކުޅުން ހުއްޓާލިފަހުން ދެމީހުން އާއްމުކޮށް ދިމާނުވި ނަމަވެސް އަޝްފާގާ ގުޅުން އޮވެއެވެ. ދޭތެރެއަކުން ދެމީހުންވެސް ފޯނުން ގުޅާ ހަދައެވެ. ފުޓްބޯޅަ ދަނޑުގައި އެކަކު އަނެކަކަށް ކުރި އިހުތިރާމް އަދިވެސް އޮތީ އެގޮތުގައެވެ.
މީގެކުރިން ދެމީހުން ދިމާވެއްޖެނަމަ ނަގާ އެންމެ ފުރަތަމަ ފޮޓޯއެއް ނަގައި ޕޯސްޓެއް ކުރުމުގެ ރޭހުގައި ކުރިހޯދަމުން އައީ އަޝްފާގެވެ. ނަމަވެސް މިއަދު ކުރި ހޯދީ އަލީ ޝިހާމެވެ.
އަލީ ޝިހާމް ރޭ ވަނީ އަޝްފާގާ އެކު ރިސޯޓްގައި ނަގާފައިވާ ފޮޓޯއެއް ފޭސްބުކުގައި ހިއްސާކޮށްފައެވެ. އަލީ ޝިހާމް މަސައްކަތްކުރަމުންދާ ރިސޯޓަށް އަޝްފާގު ދިޔައީ އާއިލާއާ އެކު ވަގުތުކޮޅެއް ހޭދަކޮށްލުމަށެވެ.
"މިއަދު މި ދިމާވީ ބައްދަލު ނުވާތާ އަހަރަކަށް ވުރެ ގިނަދުވަސްކޮށްފައި. ވަރަށް އުފާވެފައި މިހިރީ. ބުނެދޭންވެސް ނޭނގޭ. މަށަށްވުރެ ކުޑަޔަސް އެއީ މަގޭ ފޭވަރިޓް. ކިންގް އޮފް ފުޓްބޯލް. ފުޓްބޯޅައިގެ ހަޔާތުގައި އަޝްފާގާ އެކީ އެއް ޓީމަކަށް ކުޅެގެން ރަންބޫޓު ލިބުނީ އޭނާގެ ވަރަށްބޮޑު ޙިއްޞާއެއް އޮވެގެން" 'ސަން' އާ ވާހަކަދައްކަމުން އަލީ ޝިހާމް ބުންޏެވެ.
އަޝްފާގާ ބެހޭގޮތުން ވާހަކަ ދައްކަމުން އަލީ ޝިހާމް ބުނީ، އަޝްފާގަށް އަދިވެސް ކުޅެވޭނޭކަމަށާއި، އޭނާގެ ވާހަކަތަކުން އެނގޭގޮތުގައި އަދި ރިޓަޔަކުރުމުގެ ވިސްނުމެއް ނުގެންގުޅޭކަމަށެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު މިވަގުތު އޮތީ ވަރަށް ދަށް ހާލަތެއްގައެވެ. އަލީ ޝިހާމް ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލު ގެނެވޭނީ ބަދަލުތަކެއް ގެނެސް ގެންނެވެ. ކުރީގެ ކުޅުންތެރިއެއްގެ ހައިސިއްޔަތުން ރާއްޖޭގެ ފުޓްބޯޅައިގެ ފޯރި އަލުން ގެނައުމަށް އަލީ ޝިހާމް ހުރީ ތައްޔާރަށެވެ.