ގައްދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފި

ގައްދޫ ފުޓްސަލް ދަނޑު: ރަސްމީކޮށް އެ ދަނޑު ވަރަށް އަވަހަށް ހުޅުވުމަށް ހަމަޖެހިފައިވޭ --- ފޮޓޯ: ޔޫތު މިނިސްޓްރީ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ ކުޅިވަރު މެނިފެސްޓޯގައި ހިމެނޭ ސްޕޯޓްސް އެރީނާ ޕްރޮޖެކްޓުގެ ދަށުން ގދ. ގައްދޫގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފި އެވެ.

ޔޫތު މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ހުސައިން އަމީން މިއަދު "ސަން"އަށް ވިދާޅުވީ، ގައްދޫ ދަނޑު ވަރަށް އަވަހަށް ރަސްމީކޮށް ހުޅުވާނެ ކަމަށާއި އެ ދަނޑު ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައި ވަނީ ގދ. ވާދޫ ފުޓްސަލް ދަނޑާ އެކު ކަމަށެވެ.

ގައްދޫ ދަނޑާއި ވާދޫ ދަނޑު، މިހާރު ޒުވާނުންނަށް ބޭނުން ކުރެވޭނެ ގޮތް ޔޫތު މިނިސްޓްރީން ހަމަޖައްސާފައިވުމުން އެ ދަނޑުތަކުގައި ގިނަ އަދަދެއްގެ ޒުވާނުން ފުޓްސަލް ކުޅެމުންދެ އެވެ.

ގައްދޫ ފުޓްސަލް ދަނޑު: ރަސްމީކޮށް އެ ދަނޑު ވަރަށް އަވަހަށް ހުޅުވުމަށް ހަމަޖެހިފައިވޭ --- ފޮޓޯ: ޔޫތު މިނިސްޓްރީ

ސްޕޯޓްސް އެރީނާ ޕްރޮޖެކްޓުގެ ދަށުން މިހާރު ވަނީ 45 އަށް ވުރެ ގިނަ ފުޓްސަލް ދަނޑު ތަރައްގީކޮށްފަ އެވެ. އޭގެ ތެރެއިން ފުރަތަމަ ފިޔަވަހީގެ ދަށުން 36 ފުޓްސަލް ދަނޑުގެ މަސައްކަތް މިދިޔަ އަހަރު ތަރައްގީކޮށް ނިންމާފައިވާ އިރު، މި އަހަރު ވެސް ގިނަ ދަނޑުތަކެއްގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ޔޫތު މިނިސްޓްރީން ބުނެ އެވެ.

ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގެ ދަށުން 22 ރަށެއްގައި ފުޓްސަލް ދަނޑާއި 82 ރަށެއްގައި ބަށި ކޯޓު އެޅުމަށް މިދިޔަ އަހަރުގެ ތެރޭގައި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)އާ ހަވާލުކޮށްފައިވެ އެވެ.

comment ކޮމެންޓް