ޗައިނީސް ފުޓްބޯލް އެސޯސިއޭޝަން (ސީއެފްއޭ) އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތާއެކު، ދިވެހި ގައުމީ ފުޓްސަލް ޓީމު މިއަދު ހަވީރު ޗައިނާއާ ދެކޮޅަށް ނުކުންނާނެއެވެ
ހަތަރު ގައުމު ވާދަކުރާ މި މުބާރާތުގެ ފުރަތަމަ މެޗުން ސައުތު ކޮރެއާ އަތުން 5-1 އިން ރާއްޖެ ބަލިވި ނަމަވެސް، ދެވަނަ މެޗުގައި ހޮންގް ކޮންގް 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށް ރާއްޖެއިން ވަނީ ތާރީޚީ މޮޅެއް ހޯދާފައެވެ. މިއީ ގައުމީ ފުޓްސަލް ޓީމުގެ ތާރީޚުގައި މެޗަކުން މިހާތަނަށް އެންމެ ތަފާތު ބޮޑުކޮށް ހޯދި މޮޅެވެ.
މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެއިން 3-0 ގެ ލީޑެއް ނެގިއިރު، ފުރަތަމަ ލަނޑަކީ ހޮންގް ކޮންގް ކުޅުންތެރިއަކު އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އޭގެ ފަހުން، އިޝާން އިބްރާހިމް (ސައްޓު)، މުޅިން އަލަށް ގައުމީ ޓީމަށް ކުޅުނު ޝަނާން ރަޝާދު، އަދި މުހައްމަދު ސާދު ނިޒާރު ވަނީ ލަނޑުތައް ޖަހައި ރާއްޖޭގެ ކާމިޔާބީ ފުރިހަމަކޮށްދީފައެވެ.
ރައުންޑް ރޮބިން އުސޫލުން ކުރިއަށްދާ މި މުބާރާތުގެ ޕޮއިންޓު ތާވަލަށް ބަލާއިރު، ދެ މެޗުން ހަ ޕޮއިންޓާއި ފައިދާ އަށް ގޯލާއެކު ތާވަލުގެ އެއްވަނައިގައި އޮތީ ޗައިނާއެވެ. ރާއްޖެއާއި ސައުތު ކޮރެއާއަށް ތިން ޕޮއިންޓު ލިބިފައިވާއިރު، ރާއްޖެއަށް ފައިދާ ތިން ގޯލު ލިބެއެވެ.
ސައުތު ކޮރެއާގެ ފަހު މެޗުގައި ހޮންގް ކޮންގާ ދެކޮޅަށް މޮޅެއް ނުހޯދި، ޗައިނާއާ ދެކޮޅަށް ރާއްޖެއިން ތިން ލަނޑުގެ ތަފާތަކުން މޮޅުވެއްޖެނަމަ ރާއްޖެއަށް މުބާރާތުގެ ޗެމްޕިއަންކަން ލިބޭނެއެވެ.
ފީފާ ރޭންކިންގެ 84 ވަނައިގައި އޮތް ޗައިނާއާ ދެކޮޅަށް ރާއްޖެ ކުޅޭ މި މެޗު ފަށާނީ ރާއްޖެ ގަޑިން މިއަދު (ހޯމަ ދުވަސް) ހަވީރު 16:30 ގައެވެ.