މި ސަރުކާރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅަން ނިންމާފައިވާ ފުޓްސަލް އިންޑޯ ކޮމްޕްލެކްސް ނުވަތަ "ނޭޝަނަލް ފުޓްސަލް އެރީނާ"ގެ މަސައްކަތް، 18 މަސްދުވަހުގެ ތެރޭ ނިންމަން މަސައްކަތް ފަަށައިފިއެވެ.
މި އެރީނާގެ ބިންގާ އަޅާފައި ވަނީ، ކޮންސްޓްރަކްޝަން ސައިޓުގައި މިއަދު އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ކުޅިވަރާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުގެ އިތުރުން ލިއޯ ޓްރޭޑިންގެ އެމްޑީ، ޢަބްދުﷲ ސަވާދު ބައިވެރިވެވަޑައިގަތެވެ.
ފުޓްސަލް އެރީނާގެ ޑިޒައިނިން މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މިފަދަ ސްޕޯޓްސް ކޮމްޕްލެކްސްތައް ޑިޒައިން ކުރުމުގައި ދުނިޔެއަށް މަޝްހޫރު އިންޑިއާ ކުންފުންޏެއް ކަމަށްވާ ކޮލާޖް ޑިޒައިންއާ ހަވާލުކޮށްގެންނެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ނެޓްބޯޅަ އާއި ފުޓްސަލްއަށް ޚާއްސަ ކޮމްޕްލެކްސް އެޅުމަށް ބިން ދިނުމަށް، ސްޕޯޓްސް މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީއާއި އެޗްޑީސީން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބުރުވަރީ މަހުގެ 24ގައެވެ.
ހުޅުމާލޭގައި އިމާރާތްކުރާ ފުޓްސަލް އެރީނާގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ލިއޯގެ އެމްޑީ ޢަބްދުﷲ ސަވާދު ވާހަކަދައްކަވަނީ-- ސަން ފޮޓޯއެއަށްފަހު، މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ މި ކޮމްޕްލެކްސްގައި ބައިނަލްއަގުވާމީ މުބާރާތްތައް ބޭއްވޭ ފެންވަރުގެ ދަނޑަކާއި، ތަމްރީނުތަކަށް ބޭނުންކުރާނެ ދަނޑުތައް އޮންނާނެ ކަމަށް ވިދާޅުވެފައެވެ.
އެގޮތުން، މި އެރީނާގައި މެޗަށް ޚާއްސަ ކޯޓެއްގެ އިތުރުން ތިން ޕްރެކްޓިސް ކޯޓު އެކުލެވޭނެކަމަށް ލިއޯގެ އިތުރުން ކޮލާޖު ޑިޒައިނުން މައުލޫމާތުދީފައި ވެއެވެ.
މީގެ އިތުރުން، ކުޅުންތެރިންގެ ކްލާސްރޫމްތަކާއި، ފަސްޓްއެއިޑް ރޫމް، ލޭންގުއޭޖް/ޓެކްނިކަލް ރޫމްތަކުގެ އިތުރުން ކެފެޓީރިއާއެއް ވެސް މި ކޮމްޕްލެކްސްގައި ހިމެނޭނެކަމަށްވެސް އެދެ ކުންފުނިން މައުލޫމާތު ދީފައިވެއެވެ.
ރާއްޖެއިން ވަނީ ފުޓްސަލް އިންޑޯއެއް ނެތި ވެސް، ކުރު މުއްދަތެއްގެ ތެރޭގައި ބައިނަލްއަޤްވާމީ މައިދާނުން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ސަރަހައްދީ ފުރަތަމަ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެ ހޯދައިފައިވާއިރު، ދާދި ފަހުން ޗައިނާގައި ބޭއްވި އިންވިޓޭޝަނަލް ފުޓްސަލް މުބާރާތުން ރާއްޖެ ވަނީ ލޯ މެޑަލް ހޯދާފައެވެ.