ލޯންޗުކޮޅު ހާދިސާގައި ނޭނގޭ ވާހަކަތަކެއް ޝަރީއަތުގައި ތިލަކޮށްފި

ސެޕްޓެމްބަރު 28، 2015: ރިޔާސީ ލޯންޗުކޮޅު "ގޮވި" ހާދިސާގައި ރައީސްގެ އަނބިކަނބަލުންނަށް އަނިޔާވުމުން، އެކަމަނާއަށް އެހީތެރިވުމަށް ރައީސް މަސައްކަތްޕުޅު ކުރައްވާނީ-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދަތުރުފުޅު ކުރެއްވި ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގައި އެއްޗެއް ގޮވި ހާދިސާއާ ގުޅިގެން ކުރިން ނޭނގޭ ވާހަކަތަކެއް އެ މައްސަލައިގެ ޝަރީއަތުގައި ތިލަކޮށްފި އެވެ.

ޝަރީއަތުގައި ތިލަވި ވާހަކަތައް:

  • ހާދިސާ ހިނގި ދުވަހު ދަރިކަލުން ގެންދިޔައީ އެހެން ލޯންޗެއްގައި: އަދީބުގެ ވަކީލު
  • ހާދިސާގައި އަނިޔާވި މީހުންގެ މެޑިކޯ ލީގަލް ރިޕޯޓު ހުށަހެޅި ނަންތަކުގެ ތެރޭގައި މެޑަމް ފާތުންގެ ނަމެއް ނެތް (ނަމަވެސް ސިއްރު ހެކިތަކެއް ހުށަހެޅި އެވެ. އެ ހެކިތަކުގެ ތެރޭގައި ފާތުމަތު އިބްރާހީމްގެ މެޑިކޯ ލީގަލް ރިޕޯޓް ނުހިމެނޭ ކަމެއް ނޭނގޭ)
  • ހާދިސާގެ ކުރިން އަދީބު ވަކިކުރަން އުޅުނުކަން ސާބިތުކުރަން ސިއްރު ފަސް ހެއްކެއް ހުށަހެޅި
  • ލޯންޗުކޮޅުގައި އާރަށަށް ދިޔަ ރޭ ބޮޑީގާޑުންނާ އެކު އެކަހެރިކޮށް އަދީބު ލޯންޗުކޮޅުގެ ވަކިތަނެއްގައި ތިބި: ދައުލަތް
  • ލޯންޗުކޮޅު ގޮއްވާލުން ނާކާމިޔާބުވެއްޖެ ނަމަ އަދީބު ފިލަން އުޅުނު: ދައުލަތް

އަދީބުގެ އިތުރުން އެ މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ އެމަނިކުފާނުގެ ދެ ބޮޑީގާޑުން ކަމުގައިވާ މއ. ސިގްމާ ހަސަން ރިކާޒާއި ލ. ދަނބިދޫ، އަފްޒާ، އަހުމަދު އާމިރާ ދެކޮޅަށް ވެސް ދައުލަތުން މިއަދު ވަނީ ހެކި ހުށަހަޅާފަ އެވެ. އެ އެންމެނާ ދެކޮޅަށް ވެސް ހުށަހެޅީ އެއް ހެކިތަކެކެވެ. ރިކާޒާއި އާމިރު ވެސް މައިގަނޑުގޮތެއްގައި ދިފާއީ ހެކީންގެ ގޮތުގައި ހުށަހެޅީ އެއް ނަންތަކެކެވެ.

ލޯންޗުކޮޅު ގޮއްވާލީ އަދީބު އިސްވެ ހުރެ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ބޭނުންވެގެންކަން ސާބިތުކުރަން 13 ސިއްރު ހެއްކެއް ދައުލަތުން ވަނީ ހުށަހަޅާފަ އެވެ.

އަދީބު ކޯޓަށް ހާޒިރު ކުރަނީ ---- ސަން ފައިލް ފޮޓޯ: ޔޫސުފް ސޮފްވާން

ދައުލަތުން މިއަދު ހެކީގެ ގޮތުގައި ހުށަހަޅާފައި ވަނީ ލޯންޗުކޮޅުން ދަތުރުކުރެއްވި ހަތަރު ބޭފުޅެއްގެ މެޑިކޯ ލީގަލް ރިޕޯޓެވެ. އެ ބޭފުޅުންނަކީ:

  • ގދ. ތިނަދޫ ޒަމާނީއާގެ މުހައްމަދު އަބްދުﷲ ނާސިރު
  • މ. ކްރޯޓަން އާސިމާ ހަސަން
  • ނ. ފޮއްދޫ، ހަޒާރުމާގެ، އިބްރާހީމް މުއާޒު އަލީ
  • ޅ. ހިންނަވަރު ނޫރާނީއާގެ، ފާތިމަތު މުހައްމަދު ސޯލިހު

ދައުލަތުގެ ވަކީލު، އަހުމަދު ހިޝާމް ވަޖީހު ވިދާޅުވީ ލޯންޗުކޮޅު ގޮއްވާލުން ނާކާމިޔާބުވެއްޖެނަމަ އަދީބު ފިލަން އުޅުނުކަން އެނގުނީ އެމަނިކުފާނުގެ މޮބައިލް ފޯނުގެ އެނަލިސިސް ރިޕޯޓުން ކަމަށެވެ. އެގޮތުން ބޭރުގައުމެއްގެ ވިސާ ހޯދަން މޮބައިލް ފޯނުގެ އިންޓަނެޓް މެދުވެރިކޮށް އަދީބު މަސައްކަތް ކުރެއްވިކަން އެ ރިޕޯޓުން އެނގެން އޮންނާނެ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރާއި އެމަނިކުފާނުގެ ދެ ބޮޑީގާޑުން ކަމުގައިވާ ލ. ދަނބިދޫ، އަފްޒާ އަހްމަދު އާމިރާއި މއ. ސިގްމާ ހަސަން ރިކާޒް -- ސަން ފައިލް ފޮޓޯ

އަދީބުގެ ފަރާތުން ސާބިތުކުރަން ހުށަހެޅި ކަންތައްތައް:

  • ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު އަދީބު ދަތުރުކުރެއްވިފަހުން ލޯންޗުކޮޅުގެ ސެކިއުރިޓީ ޗެކްކޮށްފައިވާކަމާއި ޗެކްކުރި އިރު އެއްޗެއް ފެނިފައިނުވާކަން
  • ހާދިސާ ހިނގި ދުވަސްވަރަކީ ރައީސް އަދި ނައިބު ރައީސްގެ ފުރާނައަށް ނުރައްކާ ވެދާނޭފަދަ އަމަލެއް ހިންގަފާނޭ ކަމުގެ ބަޔަކު މީހުން ދީފައިވާ ދުވަސްވަރަކަށް ވާތީ ސެކިއުރިޓީ މިންގަނޑު ހަރުކަށި ކުރެވިފައިވާ ކަން
  • ލޯންޗުކޮޅު ޗެކްކުރާއިރު އަމަލުކުރާ އިޖުރާއަތުތައް ސާފުކުރުމަށާއި އެ އިޖުރާއަތާ އެއްގޮތަށް އަމަލުކޮށްފައިވާކަން ސާބިތުކުރަން
  • ލޯންޗުކޮޅުގައި ބޮމެއް ހަރުކުރެވޭނެ ގޮތަށް ވަކިން ލޯންޗުކޮޅުގައި އަދީބު ހަރަކާތްތެރިވެފައިނުވާކަން
  • ލޯންޗުކޮޅުގައި އަދީބު ދަތުރުކުރެއްވިފަހުން ރައީސް މައުމޫން ދަތުރުކުރެއްވިކަން
  • އާރަށަށް ދަތުރު ދިޔުމަށް ލޯންޗު ހަމަޖެއްސުމުގައި ވަކި ލޯންޗެއް ހަމަޖެއްސުމަށް އަދީބު އަންގާފައިނުވާކަން
  • ހާދިސާ ހިނގި ދުވަހު ލޯންޗުކޮޅުން ސާމްޕަލް ނަގައި ތަހުލީލު ކުރެވުނު ކަމާއި އެ ތަހުލީލު ރިޕޯޓު އެމްއެންޑީއެފްގެ ތެރޭގައި އެކުލަވާލި ކޮމެޓީއަށް ހުށަހެޅި ކަމާއި އެ ރިޕޯޓުގައި ލޯންޗުން ނެގުނު ސާމްޕަލްތަކުގައި އެކްސްޕްލޯސިވްސް ހުރިކަމަށް ނުދައްކާކަން
  • ލޯންޗުކޮޅުގެ މޭޖާ މެއިންޓަނަންސް މަސައްކަތްތަކެއް ފައިތުވި ދެ އަހަރުގެ ތެރޭގައި ވެސް ކޮށްފައިނުވާކަން
  • އަދީބު ސަރުކާރުގެ ތެރެއިން ބޭރުކުރަންޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާ ކަމާއި އެ މަސައްކަތުގެ ބޭނުމަށް މަސައްކަތްތަކެއް ހަވާލުކުރިކަން
  • ލޯންޗު އާރަށަށް ގެންދިޔުމަށްފަހު ސާމްޕަލް ނެގުމުގައި ޗެއިން އޮފް ކަސްޓަޑީ ހަދާފައިނުވާކަން
  • ލޯންޗުކޮޅުގައި ގޮވީ އައިއީޑީއެއް ނޫންކަން
  • ފިނިފެންމާ ލޯންޗުކޮޅުގެ އިންޖީނުގައި މައްސަލައެއް އުޅޭ ކަމާއި އެކަން ޓެސްޓު ކުރުމަށް ސެޕްޓެމްބަރު 27 ވަނަ ދުވަހު އާރަށަށް ކުރި ދަތުރަށްފަހު ފަޅުވެރިން ލޯންޗުކޮޅު ދުއްވާފައިވާކަން

އެ މައްސަލާގައި ހެކިބަސް ނެގުން އޮންނާނީ މިމަހުގެ 31 ވަނަ ދުވަހު އެވެ.

comment ކޮމެންޓް