އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގެ ޓާމިނަލްގެ މަސައްކަތް ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ފެށޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
އިކޮނޮމިކް ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ އިތުރު ރަންވޭ އާއި އޭޕުރަން ބޮޑުކުރުމުގެ މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުން އަންނައިރު ޓާމިނަލްގެ މަސައްކަތް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ފެށޭނެ ކަމަށެވެ.
އެއާޕޯޓަކީ ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދޭ އެއާޕޯޓަކަށް ހެދުމަށް އަންނަ މަހު އެއާޕޯޓް ބިންހިއްކަން ފަށާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ޓާމިނަލްގެ މަސައްކަތާއި ރަންވޭގެ މަސައްކަތް ގާތްގަނޑަކަށް އެކުއެކީގައި ދާނެ ކަމަށް އަޅުގަނޑުމެން މި ލަފާކުރަނީ،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
އިގްތިސާދަށް އަންނަ ބޮޑުބަދަލުގެ ތެރެއިން ރާއްޖެއަށް އާމްދަނީ ލިބޭނެ ހުރިހާ ކަމެއް ގުޅިފައި ވަނީ އެއާޕޯޓާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އައިއެންއައިއޭ ތަރައްގީ ކުރުމަށް ހިންގާ 800 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) އާއެވެ.
އެ މަޝްރޫއުގެ ދަށުން މިހާރު އޮތް ރަންވޭ އާއެކު ދިގުމިނުގައި 3،400 މީޓަރު ދިގު އަދި ފުޅާ މިނުގައި 65 މީޓަރު ހުންނަ އާ ރަންވޭއެއް ގާއިމު ކުރާނެ އެވެ. އަލަށް ގާއިމު ކުރާ ރަންވޭގައި މިހާރު ދުނިޔޭގައި ބޭނުން ކުރެވޭ އެންމެ ބޮޑެތި މަތިންދާ ބޯޓު ކަމަށްވާ އޭ ތުރީ އެއިޓީ ބޯޓު ފަހަރަށް ޖެއްސޭނެ އެވެ. އަދި ކުރީގެ ރަންވޭ ޓެކްސީވޭ އަކަށް ބަދަލު ކުރެވިގެން ދާނެ އެވެ.
އައިއެންއައިއޭ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ހުރިހާ މަސައްކަތައް ނިންމުމަށް ކަނޑައަޅަފައި ވަނީ 2018 ވަނަ އަހަރަށެވެ.