25 ރަށެއްގައި އޮޓަމެޓިކް ވެދާ ސްޓޭޝަން ހަރުކުރުމަށް އިޓަލީގެ ކުންފުންޏަކާ ހަވާލުކޮށްފި

25 ރަށެއްގައި ވެދާ ސްޓޭޝަންތައް ހަރުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--ސަން ފޮޓޯ: ފަޔާޒު މޫސާ

ރާއްޖޭގެ މޫސުމާބޭހޭ ގައުމީ އިދާރާ، މީޓިއޮރޮލިޖިކަލް ސާވިސް (މެޓް)ގެ އޮފީސްތައް ގާއިމްކޮށްފައި ނެތް ސަރަހައްދުތަކުން މޫސުން ކުރިއަށް ލަފާކުރާގޮތް ގެނެސްދިނުމުގެ ގޮތުން، 25 ރަށެއްގައި އޮޓަމެޓިކް ވެދާ ސްޓޭޝަން ހަރުކުރުމަށް އިޓަލީގެ ސީއޭއީ ކުންފުންޏާ ހަވާލުކޮށްފިއެވެ.

އިޓަލީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ މި މަޝްރޫއަކީ 11.87 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މިއަދު މެންދުރު ފަހު އެންވަޔަރަންމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މެޓް އޮފީހުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤު އިބްރާހިމްއެވެ. ސިއޭއީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ނާއިބު ރައީސް ޖިއާންކާލޯ މާރިއާ ޕެޑްރިނީއެވެ.

މޫސުމާ ބެހޭ އިދާރާގެ އޮފީސްތައް ގާއިމްކުރެވިފައި ނުވާ ސަރަހައްދުތަކުގައި އޮޓޮމެޓިކް ވެދަ ސްޓޭޝަން ގާއިމުކުރުމަށް ޖަޕާނާއި އިޓަލީ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫގެ ދަށުން މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ވެސް ވަނީ 29 ރަށެއްގައި ސްޓޭޝަންތައް ގާއިމުކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

މިއަދު ސޮއިކުރެވުނު އެއްބަސްވުމުގައި ވާގޮތުން، އެއްބަސްވުމުގައި ސޮއިކުރާތާ ތިން މަސްދުވަހުގެ ތެރޭ ސްޓޭޝަންތައް ހަރުކޮށް އެތަންތަން ބޭނުންކުރެވޭ ހާލަތަށް މަސައްކަތް ނިންމުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަަމުން މިނިސްޓަރު ޠާރިޤު ވިދާޅުވީ، މިހާރު ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން އަންނަ އަހަރު ދެވަނަ ކުއާޓަރު ނިމޭއިރު، މިހާރު ހުރި މެޓްއޮފީސްތަކުގެ އިތުރުން 55 ރަށެއްގައި މެޓް އޮފީސްތައް ގާއިމްވެގެންދާނެ ކަމަށެވެ.

"މިހާރުވެސް 19 ރަށެއްގައި އޮޓަމެޓިކް ވެދާ ސްޓޭޝަންތަކެއް ބަހައްޓާފައި މިވަނީ. އަދި މިހާރު 11 ރަށެއްގައި ބަހައްޓަައި ނިމެމުންދަނީ. އިރާދަކުރެއްވިއްޔާ މިއަންނައަހަރުގެ ސެކަންޑް ކުއާޓަރު ތެރޭގައި ގާތްގަނޑަކަށް މުޅިއެކު 55 ރަށުގައި އޮޓަމެޓިކް ވެދާ ސްޓޭޝަން ބެހެއްޓިގެން ދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ، އާ ރަށްރަށުގައި ސްޓޭޝަންތައް ހަރުކުރުމުން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ މޫސުމާބެހޭ މައުލޫމާތު ހޯދައި ދެނެގަތުމުގެ ގާބިލްކަން އިތުރަށް ފުޅާވެ، މުޅި ރާއްޖެ ކަވަރު ކުރެވޭގޮތަށް "މޫސުމީ ވިޔުގަ"އެއް ގާއިމު ކުރެވިގެންދާނެ ކަމަށެވެ. އަދި މެޓްއޮފީހުން ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ އާންމުންނަށް އިތުބާރުހުރި މައުލޫމާތު ދިނުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

25 ރަށެއްގައި ވެދާ ސްޓޭޝަންތައް ހަރުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--ސަން ފޮޓޯ: ފަޔާޒު މޫސާ

މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން، ވެދާ ސްޓޭޝަން ގާއިމުކުރުމަށް ހަމަޖެހިފައިވާ ރަށްތަށުގެ ތެރޭގައި ރ. މަޑުއްވަރި، ޅ. އޮޅުވެލިފުށި، ބ. އަތޮޅުން ތުޅާދޫއާއި ގޮއިދޫ، ކ. އަތޮޅުން ގާފަރާއި ދިއްފުށި އަދި ހއ. ހޯރަފުއްޓާއި އަދި އެއަތޮޅު ކެލާ ހިމެނެއެވެ. ހދ. ކުޅުދުއްފުށީގައިވެސް ވެދާ ސްޓޭޝަނެއް ހެދުމަށް ހަމަޖެހިފައިވާއިރު ށ. އަތޮޅުން ކަނޑިތީމާއި އެއަތޮޅު ފުނަދޫގައި ވެސް ސްޓޭޝަންތައް ގާއިމްވެގެން ދާނެއެވެ.

ނ. އަތޮޅުން މާފަރު، ތ. ބުރުނި، ލ. މާވަށް، ގއ. އަތޮޅުން ކޮލަމާފުއްޓާއި ގެމަނަފުށި، އަދި ގދ. ތިނަދުއާއި ފަރެސްމާތޮޑާގައި ވެސް ސްޓޭޝަންތައް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން ކ. ގުރައިދޫ، އއ. ތޮއްޑޫ، ހިމަންދޫ ވ. ރަކީދޫ، ފ. ނިލަންދޫ އަދި މ. މުއްޔާއި ދ. ކުޑަހުވަދޫގައިވެސް ވަނީ ވެދާސްޓެޝަން އެޅުމަށް ހަމަޖެހިފައެވެ.

comment ކޮމެންޓް