ތަރުކާރީ އާއި މޭވާ ފަދަ ކާބޯތަކެތީގެ ބާވަތްތައް ވިއްކާ ވިޔަފާރި ހިންގުމާ ގުޅޭ އުސޫލުތައް ކަނޑައަޅައި، ރަޖިސްޓްރީ ކުރުން ލާޒިމުކޮށްފި އެވެ.
އޮކްޓޫބަރު މަހު އަމަލުކުރަން ފަށާ މި ގަވާއިދަށް މުދާ ވިއްކާ ފިހާރަ، ބޭކަރީ، ކެންޓީން، ސައިހޮޓާ، ކެފޭ، ރެސްޓޯރެންޓް ފަދަ ތަންތަން ފިޔަވައި މޭވާއާއި ތަރުކާރީ ހިމެނޭ ގޮތަށް ކާބޯތަކެތީގެ ބާވަތްތައް ވިއްކާ ވިޔަފާރި ހިންގާ ހުރިހާ ފަރާތްތަކުން އަމަލުކުރަން ޖެހޭނެ އެވެ.
އެގޮތުން ތަނެއްގައި ގާއިމުވެގެން ނުވަތަ ގާއިމުނުވެ ވިޔަސް، އޮންލައިންކޮށް ނުވަތަ އެއްވެސް ބާވަތެއްގެ މޭވާއެއް ނުވަތަ ތަރުކާރީ ހިމެނޭ ގޮތަށް އެކި ބާވަތްތަކުގެ މުދާ ވިއްކާ ފަރާތްތަކުން ވެސް ވިޔަފާރި ރަޖިސްޓްރީ ކުރަންވާނެ ކަމަށް އެ ގަވާއިދުގައި ބުނެފައިވެ އެވެ.
މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ރަޖިސްޓްރީ ނުކޮށް މޭވާއާއި ތަރުކާރީ ވިއްކާނަމަ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނާ ހިލާފުވި ކަމަށް ބަލައި، 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ.
ހަމައެއާއެކު މޭވާއާއި ތަރުކާރީ ފަދަ ކާބޯތަކެތި ވިއްކަން ރަޖިސްޓްރީކުރާ ފަރާތްތަކުން ވިޔަފާރި ހިންގާ ތަނުގައި ހުންނަންޖެހޭ ޝަރުތުތައް ކަމަށް އެ ގަވާއިދުގައި ބުނާ ޝަރުތެއް ފުރިހަމަ ނުކުރާނަމަ، 5،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ.
މިގޮތަށް ފިޔަވަޅު އެޅުމަށްފަހު ވެސް ގަވާއިދާ ހިލާފަށް ވިޔަފާރި ކުރިއަށްގެންދާނަމަ، އެ ވިޔަފާރި ހިންގާ ތަން ބަންދުކޮށް، އެތަނުގެ ތަފްސީލު ގެޒެޓުގައި ޝާއިއުކުރާނެ އެވެ.
މޭވާއާއި ތަރުކާރީ ވިއްކާ ތަންތަން ރަޖިސްޓްރީކުރަން ޖެހޭ ގޮތަށް ގަވާއިދެއް އެކުލަވާފައިވާއިރު، މާލޭގެ އެކި ސަރަހައްދުތަކުގައި ކުދި މާރުކޭޓުތައް ހަދައިގެން ރަޖިސްޓްރީ ނުކޮށް މޭވާއާއި ތަރުކާރީ ވިއްކަމުންދާ މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. އެފަދަ ތަންތަން ބަންދުކުރުމުގެ ބާރު ފުލުހުންނަށާއި އެޗްޕީއޭއަށް އޮންނާނެ ކަމަށް މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވެސް ކުރިން ވަނީ ވިދާޅުވެފަ އެވެ.