މެންޗެސްޓާ ޔުނައިޓެޑުން ސީޒަން ކޮންމެ ގޮތަކަށް ނިންމާލިޔަސް، އަންނަ ސީޒަނުގައި ވެސް އެ ކްލަބުގެ ކޯޗެއްގެ ގޮތުގައި ހުންނާނެ ކަމަށް ޔުނައިޓެޑުގެ މިހާރުގެ ކޯޗު ލުއިސް ވެންހާލް ބުނެފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގައި ހިމެނުމަށް ޔުނައިޓެޑުން މަސައްކަތްކުރަމުންދާ އިރު، އެ ކްލަބު ވަނީ އެފްއޭ ކަޕްގެ ފައިނަލަށް ވެސް ދަތުރުކޮށްފަ އެވެ.
މި ސީޒަނުގައި ޔުނައިޓެޑުން ދައްކާ ކުޅުމަށް ބަލާފައި، އަންނަ ސީޒަނުގައި އެ ކްލަބުގެ ކޯޗު ކަމަށް ޗެލްސީ އަދި ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ ހަމަޖައްސަން އުޅޭ ކަމުގެ ހަބަރުތަކެއް ވެސް ދަނީ ފެތުރެމުންނެވެ.
"އަހަރެންނަށް ކުރިން ވެސް އެނގޭ މިކަހަލަ ގޮތަކަށްކަން ކަންތައްތައް ދާނީ. ޔުނައިޓެޑުން އަހަރެން ހަމަޖެއްސި އިރު، އެކަމާ ވާހަކަ ދައްކާ މަޝްވަރާކުރި. ކާމިޔާބީ ހޯދުމަށް ތިން އަހަރު ނަގާނެކަން އަބަދު ވެސް އަހަރެމެންނަށް އެނގޭ. އަހަރެން ސޮއިކުރަން ބޭނުންވީ ދެ އަހަރު ދުވަހަށް. އެކަމަކު ކްލަބުން ބޭނުންވީ އަހަރެން ތިން އަހަރުގެ އެގްރިމެންޓެއްގައި ސޮއިކުރަން. އެހެންވެ އަންނަ ސީޒަނުގައި ވެސް އަހަރެން ޔުނައިޓެޑްގެ ކޯޗުކަމުގައި ހުންނާނެ،" ޔުނައިޓެޑްގެ ކޯޗު ވެންހާލް ބުންޏެވެ.
ވެންހާލް ބުނީ، ކޮންމެ ކްލަބެއްގައި އޭނާ ހުއްޓަސް އެ ކްލަބަކުން ކޮންމެ ހަ މަހަކުން ކޯޗުކަމުން އޭނާ ވަކިކުރާ ކަމަށް މީހުން ވާހަކަ ދައްކާ ކަމަށާއި ކޮންމެ ކްލަބެކޭ އެއްގޮތަށް ޔުނައިޓެޑްގައި ވެސް އޭނާ އަށް ހަވާލުކޮށްފައި ވަނީ އެއް މަސައްކަތެއް ކަމަށެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ލެސްޓާ ސިޓީއާ ދެކޮޅަށް މިރޭ ޔުނައިޓެޑް ނުކުންނާނެ އެވެ. ޔުނައިޓެޑުގެ އޯލްޑް ޓްރެފަޑްގައި ކުޅޭ އެ މެޗު ފަށާނީ ރާއްޖެގަޑިން މިއަދު އިރުއޮއްސި 6:05 ގައެވެ. އެ މެޗުން ލެސްޓާ މޮޅުވެއްޖެ ނަމަ، އެ ޓީމަށް ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ކަށަވަރުވާނެ އެވެ.