ބެލޮންޑިއޯގެ ޝަރަފުވެރި އެވޯޑު ސްޕެއިންގެ ރޮޑްރީއަށް

އަހަރުގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާއަށް ދޭ ބެލޮންޑިއޯ އެވޯޑު މެންޗެސްޓާ ސިޓީއަށް ކުޅޭ ސްޕެއިންގެ މިޑްފީލްޑަރު ރޮޑްރީއަށް ލިބިއްޖެއެވެ.

މިއީ ރޮޑްރީއަށް މި ޝަރަފު ހާސިލުކުރެވުނު ފުރަތަމަ ފަހަރެވެ.

މިދިޔަ ސީޒަންގައި ކްލަބާއި ޤައުމަށް އެންމެ މެޗެއް ފިޔަވާ އެހެން ހުރިހާ މެޗެއްގައި ކުޅެފައިވާ އުމުރުން 28 އަހަރުގެ ރޮޑްރީއަށް މި ޝަރަފު ލިބުނީ ޖުލައި މަހު ޖަރުމަނުވިލާތުގައި ބޭއްވި ޔޫރޯ މުބާރާތް ސްޕެއިނަށް ކާމިޔާބުކޮށްދިނުމުގައި އޭނާ އަދާކުރި ދައުރާ ގުޅިގެންނެވެ.

ރޮޑްރީވަނީ އިނގިރޭސި ޕްރިމިއާ ލީގު ސިޓީއާ އެކު ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ކާމިޔާބުކޮށް، ޔުއޭފާ ސުޕާ ކަޕާއި ކްލަބް ވޯލްޑް ކަޕް ވެސް ސިޓީއާ އެކު ކާމިޔާބުކޮށްފައެވެ. ރޮޑްރީވެފައިވަނީ ސިޓީގެ ތާރީޚުގައި ވެސް ބެލޮންޑިއޯ ކާމިޔާބުކުރި އެ ކްލަބްގެ ފުރަތަމަ ކުޅުންތެރިޔާއަށެވެ.

މި ފަހަރުގެ ބެލޮންޑިއޯއަށް ގަނަ ކުޅުންތެރިންތަކެއް ވާދަކުރި ނަމަވެސް އޭގެ ތެރެއިން އެންމެ ބޮޑަށް ކާމިޔާބުކުރާނެ ކަމަށް ގިނަ ފަރާތްތަކަކުން ކިޔަމުންދިޔަ ރެއާލް މެޑްރިޑަށް ކުޅެމުންދާ ބްރެޒިލްގެ ފޯވަޑް ވިނީޝިއަސް ޖޫނިއާއަށް ލިބިގެންދިޔައީ ދެވަނައެވެ. ތިންވަނަ ލިބުނީ ރެއާލަށް ކުޅެމުންދާ އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމަށެވެ.

މިއީ 2005 ވަނަ އަހަރުގެ ބެލޮން ޑިއޯގައި ފްރޭންކް ލެމްޕާޑް އެ ފަހަރުގެ ބެލޮންޑިއޯގެ ދެވަނަ މަގާމު ހާސިލުކުރި ފަހުން އިނގިރޭސި ކުޅުންތެރިޔަކަށް އެންމެ މައްޗަށް ދެވުނު ފަހަރެވެ.

މިދިޔަ އަހަރުގެ އެންމެ މޮޅު ކްލަބަކަށް ހޮވުނީ ސްޕެނިޝް ލަލީގާ އާއި ޔުއޭފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ރެއާލް މެޑްރިޑެވެ. އެންމެ މޮޅު ފިރިހެން ކޯޗަކަށް ހޮވުނީ ރެއާލްގެ އިޓަލީވިލާތުގެ ކޯޗު ކާލޯ އެންޗެލޯޓީއެވެ. ނަމަވެސް، މިއިން އެެއްވެސް އިނާމަކާ ހަވާލުވުމަށް ރެއާލްގެ އެއްވެސް މީހަކު ރަސްމިއްޔާތުގައި ބައިވެރިވެފައެއް ނުވެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ވިނީޝިއަސްއަށް ބެލޮންޑިއޯ ނުލިބޭނެކަން އެނގުމާ އެކު ރެއާލުން ރަސްމިއްޔާތު ބޮއިކޮޓުކުރީއެވެ.

ރެއާލް މެޑްރިޑްގެ ބްރެޒިލް ފޯވަޑް ވިނީޝިއަސް ޖޫނިއާ -- ފޮޓޯ/ ގެޓީ

މި ސީޒަންގައި ސިޓީއަށް ކުޅެނިކޮށް ލިބުނު އަނިޔާއަކާ ގުޅިގެން އޮޕަރޭޝަންކޮށް މިހާރު އަރާމު ކުރަމުންދާ ރޮޑްރީ އިނާމް ބަލާ ސްޓޭޖް މައްޗަށް އަރާފައިވަނީ އަށިގަނޑުގެ އެހީތެރިކަމާ އެކުއެވެ. މި އިނާމް ރޮޑްރީއާ ހަވާލުކޮށްދެއްވީ 1995 ވަނަ އަހަރު ބެލޮންޑިއޯ ކާމިޔާބުކުރި ލައިބީރިއާގެ ކުރީގެ ރައީސް ޖޯޖް ވެއާއެވެ.

އިނާމާ ހަވާލުވުމަށް ފަހު ވާހަކަދައްކަމުން ރޮޑްރީ ބުނީ، މިއަދަކީ އޭނާއަށާއި އާއިލާ އަދި އޭނާ ނިސްބަތްވާ ޤައުމު ސްޕެއިނަށް ވަރަށް ޚާއްސަ ދުވަހެއް ކަމަށެވެ. މިއީ އޭނާގެ އިތުރުން ސްޕެއިން ފުޓްބޯޅައަށް ލިބިގެންދިޔަ ކާމިޔާބީއެއްގެގޮތުގައި ފާހަގަކުރިއެވެ.

ކޮންމެ އަހަރަކު ހޮވާ ބެލޮންޑިއޯގެ އިނާމަކީ ފީފާ ރޭންކިންގައި އެންމެ މަތިން ރޭންކް ކުރެވިފައިޥާ 100 ޤައުމުގެ ނޫސްވެރީންގެ މެދުގައި ވޯޓުލައިގެން ހޮވޭ އިނާމެކެވެ.

މިއީ 2003 ވަނަ އަހަރަށް ފަހު ލިއޮނެލް މެސީއާއި ކްރިސްޓިއާނޯ ރޮނާލްޑޯ ނޮމިނީސްގެ ތެރޭގައި ނުހިމެނި ދިޔަ ދުރަތަމަ ފަހަރެވެ.

މި ފަހަރު އެންމެ ގިނަ ލަނޑު ޖަހައިގެން ގާޑް މުލާ އިނާމް ލިބުނު ދެ ކުޅުންތެރިންނަށް ވެގެންދިޔައީ ބަޔާން މިޔުނިކަށް ކުޅެމުންދާ އިނގިރޭސި ފޯވަޑް ހެރީ ކޭންއާއި ރެއާލަށް މިހާރު ކުޅެމުންދާ ފަރަންސޭސި ފޯވަޑް ކިލިއަން އެމްބާޕޭއެވެ. ދެ ކުޅުންތެރިން ވެސް ވަނީ 52 ލަނޑު މިދިޔަ ސީޒަންގައި ކާމިޔާބުކޮށްފައެވެ.

21 އަހަރުގެ ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ކޮޕާ ޓްރޮފީ ލިބިގެންދިޔައީ އެފްސީ ބާސެލޯނާއަށް ކުޅެމުންދާ ސްޕެއިންގެ ޒިވާން ފޯވަޑް ލަމީން ޔަމާލަށެވެ.

ޔަމާލް އެވޯޑާ ހަވާލުވަނީ --

އަހަރުގެ ޖުލައި މަހު 17 އަހަރު ފުރުނު ޔަމާލްވަނީ މިދިޔަ ސީޒަންގައި ބާސާއަށް 50 މެޗު ކުޅެދީ ހަތް ލަނޑު ޖަހާދީ ހަތް އެސިސްޓްކޮށްފައެވެ. ސްޕެއިނުން ޔޫރޯ މުބާރާތް ކާމިޔާބުކުރުމުގައި އޭނާ ވަނީ ވަރަށް މުހިންމު ދައުރެއް ވެސް އަދާކޮށްފައެވެ.

ޔޫރޯގައި ވާދަކުރި އެންމެ ޒުވާން ކުޅުންތެރިޔާގެ އިތުރުން ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާ އަދި ޔޫރޯ ކާމިޔާބުކުރި އެންމެ ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ޔަމާލަށް އެ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ވެސް ލިބިފައިވެއެވެ.

އެންމެ މޮޅު ގޯލް ކީޕަރަށް ދޭ ޔަސިން އިނާމް ވަނީ ޖެހިޖެހިގެން ދެވަނަ ފަހަރަށް އެސްޓަންވިލާއަށް ކުޅެމުންދާ އާޖެންޓިނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒަށް ލިބިގެން ގޮސްފައެވެ. އޭނާވަނީ ވިލާއާ އެކު ކާމިޔާބު ސީޒަނެއް ހޭދަކޮށް މި ފަހަރުގެ ޗެމްޕިއަންސް ލީގުން އެ ޓީމަށް ޖާގަ ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރުމުގެ އިތުރުން ކޮޕާ އެމެރިކާ އާޖެންޓީނާއަށް ކާމިޔާބު ކޮށްދިނުމުގައި ވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ.

މިއީ މި އިނާމު ޖެހިޖެހިގެން ދެ އަހަރު އެއް ކުޅުންތެރިއެއް ހާސިލުކުރި ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް