ވައިބާ މެސެޖުތައް އެންކްރިޕްޓް ކޮށް،"ހިޑެން ޗެޓްސް"ތައާރަފު ކޮށްފި

ފޮނުވާ މެސެޖުތަކުގެ ސެކިއުރިޓީ ދަށް ކަމަށް ބުނެ ގިނަ ބަޔަކު ތިބީ، މަޝްހޫރު މެސެޖިންގް އެޕް ވައިބާ ދޫކޮށްލައިގެންނެވެ. ވައިބާގެ ބަދަލުގައި އެހެން އެޕްތައް ހޯދި އެވެ. ސެކިއުރިޓީ މާ ވަރުގަދަ އެޕްތަކެއް ކަމުގައިވާ ޓެލެގްރާމާއި، ވިކަރ އާއި އަދި ވަޓްސްއެޕްއާ ދިމާލަށް ދިޔައީ އެވެ.

އެހެން ނަމަވެސް އެންމެ ފަހުން ވައިބާ އިން މި ވަނީ، އެ އެޕްގައި ހުރި ސެކިއުރިޓީ ފްލޯތައް ނައްތާލައި، ސެކިއުރިޓީ ވަރުގަދަ ކޮށްފަ އެވެ. އެގޮތުން، މި ހަފްތާގައި ވައިބާ އިން ވަނީ އެ އެޕް މެދުވެރިކޮށް ފޮނުވާ މެސެޖުތައް އެންކްރިޕްޓްކޮށްފަ އެވެ. އޭގެ ސަބަބުން، މެސެޖު ފޮނުވާ މީހާ އާއި މެސެޖު ލިބެންވީ މީހާ ފިޔަވާ އިތުރު މީހަކަށް އެ މެސެޖެއް ނުކިޔޭނެ އެވެ. ފުލުހުންނާއި، އެހެން ކުންފުނިތަކާއި ސަރުކާރުތަކަށާއި އަދި އެންމެ ކުޑަމިނުން ވައިބާ އަށް ވެސް މި މެސެޖުތަކެއް ނުކިޔޭނެ އެވެ.

"އެންޑް ޓު އެންޑް އެންކްރިޕްޝަން" ވައިބާގައި ތައާރަފު ކުރުމުން އޭގެ މާނައަކީ، ވައިބާ މެދުވެރިކޮށް ފޮނުވާ ކޮންމެ މެސެޖެއް، ފޮޓޯއެއް، ވީޑިއޯއެއް ނުވަތަ ވޮއިސް މެސެޖެއް އެންކްރިޕްޓް ވާނެ އެވެ. އެންކްރިޕްޓް ކޯޑު ޑެސިފާ ކުރެވޭނީ އެ މެސެޖެއް ލިބޭ ފަރާތަށް އެކަންޏެވެ.

މީގެ އިތުރުން ވައިބާ އިން ވަނީ ޗެޓްލޮގްސް ސިއްރު ކުރެވޭ ފީޗާއެއް ވެސް ތައާރަފުކޮށްފަ އެވެ. ވައިބާ އިން ބުނާ ގޮތުގައި، މި ފީޗާ ބޭނުންކޮށްގެން ބައެއް ވައިބާ ކޮންވަޒޭޝަން ފޮރުވޭނެ އެވެ. އެތަކެތި ފޮރުވާފައި ހުރި ކަން އެނގޭނީ ފޯނުގެ ވެރިފަރާތަށް އެކަންޏެވެ. އެހެންކަމުން އެހެން މީހުންގެ އަތަށް ފޯނު ދޭން ޖެހިލުންވާ ނަމަ، ފޮރުވަން ބެނުންވާ ކޮންވަޒޭޝަންތައް ފޮރުވުމަށް ފަހު އެކަން ކޮށްލެވޭނެ އެވެ.

އަދި އޭގެ އިތުރުން، ސެކިއުރިޓީ ވަރުގަދަ ކުރުމަށް ޓަކައި ތިބާއަށް ގުޅޭނީ ކާކަށްތޯ ބަލައި، ވެރިފައި ކުރުމަށް ޓަކައި "އޮތެންޓިކޭޝަން" ޕްރޮސެސްއެއް ވެސް ވަނީ ތައާރަފުކޮށްފަ އެވެ.

ވައިބާއިން މި ފީޗާތައް ދޫކޮށްފައި ވަނީ އެޕަލް، ވިންޑޯސް ފޯން އަދި އެންޑްރޮއިޑްގެ ވައިބާ ވާޝަން 6.0 އަށެވެ. އަދި ފޯނުން ވައިބާ އަޕްގްރޭޑު ކުރުމުން، ޑެސްކްޓޮޕެއްގައި ވެސް ވައިބާ އިންސްޓޯލު ކޮށްފައިވާ ނަމަ އޮޓޮމެޓިކުން އެ ޑެސްކްޓޮޕް ވާޝަންއަށް ވެސް ވައިބާ އަޕްޑޭޓު އަންނާނެ އެވެ.

މައުލޫމާތު: ވައިބާ ވެބްސައިޓް

comment ކޮމެންޓް