ކޮބާ ނެތްތަ މާހެފުމެއް؟

ރޯދަ މަހާ ދިމާކޮށް ބާއްވަމުން އަންނަ މާހެފުންތަކުން އާއްމުކޮށް ފެންނަ ކެއުމުގެ ބާވަތްތައް--ފޮޓޯ/ލޮނުމެދު

ދިވެހި ބަހުގެ ރަދީފުގައި "މާހެފުން" މާނަކޮށްފައި ވަނީ، 'ރޯދައަށް ކުރިމަތިކޮށް އެ މަސް ފެށުމުގެ ކުރިން އެ މަހުގެ ފުރަތަމަ ދުވަހާއި ގާތް ދުވަހެއްގައި ޖަމާޢަތް ހަދައިގެން މާހެފުމުގެ ކާ ކެއުން' މިގޮތަށެވެ.

ރަދީފުގައި ބުނެފައި އޮތް ގޮތުން އިހުޒަމާނުގައި މި ކަން ކޮށް އުޅެނީ ޝަޢުބާން މަހު ނަވާވީސް ވަނަ ދުވަހެވެ. ނަމަވެސް އުފެދޭ ސުވާލަކީ މިފަހަކަށް އައިސް މާހެފުންތައް އިންތިޒާމުކޮށްގެން ކުރިޔަށް ގެންދަނީ މިގޮތަށްތޯއެވެ.

މާތްވެގެންވާ ޝަޢުބާން މަހާ ކުރިމަތިލުމަށްފަހު މާހެފުމުގެ ނަމުގައި އެކި ވައްތަރުގެ ކެއުންތައް ހިމެނޭ ޕެކޭޖުތައް ސޯޝަލް މީޑިއާ ޕޭޖުތަކުން ފެންނަ މިންވަރު އިތުރުވެފައިވާއިރު ގޭގައި އަމިއްލައަށް ވެސް ބޮޑެތި ކެއުންތައް ތައްޔާރުކުރާ މީހުން މަދެއް ނޫނެވެ.

ޝަޢުބާން މަހުގެ 29 ވަނަ ދުވަހަކީ ރޯދައަށް ހަނދުބަލާ ރެއަށް ވެފައި މާހެފުމުގެ ކެއުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ވީހާ ވެސް ގިނަ ބަޔަކަށް ދިނުމުގެ ބަދަލުގައި މި ކެއުމުގެ ކުޅިވަރު ރޯދަ މަސް ފެށުމުގެ 15 ނުވަތަ 20 ދުވަސް ކުރިން މިހާރު ފަށައެވެ.

ދިވެހީންގެ ތެރޭ އޮންނަ މާހެފުމުގެ އާދަކާދައިގެތެރެއިން ކެއުމަކަށް ތައްޔާރުކޮށްފައިވާ 'މާހެފުން' ދޮލަނގެއް--ފޮޓޯ/ފޭސްބުކް

އޮފީސްތަކުގެ އިތުރުން އާއިލާ މެމްބަރުންނާއި ރަހްމަތްތެރިންގެ މެދުގައި މާހެފުން ބާއްވާއިރު މިހާރަކަށް އައިސް ފެންނަނީ ދިވެހި ކެއުންތަކާ އެކު އެކި ފާޑުފާޑުގެ ކެއުންތައް ހިމަނާފައި ހުންނަ މަންޒަރެވެ.

ދިވެހީންގެ އާދަކާދައިގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކުރާ އިހުޒަމާނުގެ މާހެފުންތަކަށް ބަލާއިރު އޭރު ސުފުރާ މަތިން ފެންނާނީ ތަންކޮޅެއް ލުއި ކާނާގެ ބާވަތްތަކެވެ. އޭގެތެރޭގައި، ވަޅޯ މަސް، ކާށި، ކަދުރު، އާރުސް، ބޮނޑި ފަދަ ބާވަތްތައް ހިމެނެއެވެ.

ނަމަވެސް ޒަމާނަށް އަންނަ ބަދަލާއެކު ފަހުގެ މާހެފުންތަކުގެ ސުފުރާމަތިން ފެންނަ އެންމެ އާއްމު ބާވަތްތަކަކީ، ކުޅި ފާރޮށި، ފޮނި ފާރޮށި، އަވެލި، މާފުށް، ކުޅި މަސް ނުވަތަ ފިހުނު މަސް، ބޮނޑި ބަތް ފަދަ ތަކެއްޗެވެ.

މާހެފުމުގެ ބަދަލުގައި ބައެއް މީހުން ބާބެކިއު ބާއްވާ ޕާޓީތައް ބާއްވަމުން އަންނައިރު މިއީ އާއިލީ ގުޅުން އަދި ރަހްމަތްތެރިން އެކަކު އަނެކަކާ ބައްދަލުކޮށްލުމަށް ލިބޭ ފުރުސަތަކަށް ވެއެވެ.

ނަމަވެސް ހަނދާންކުރަންޖެހޭ ކަމަކީ މިފަދަ އެއްވުންތަކާއި ކެއުންތައް ބާއްވާއިރު އިސްލާމްދީނުގެ ހުދޫދުގެ ތެރެއިން އަމަލުތައް ބަހައްޓާ ކާނާ އިސްރާފު ނުވާނެ ކަހަލަ ގޮތަކަށް މި ކަންކަން އިންތިޒާމު ކުރުމަށެވެ.

comment ކޮމެންޓް