އަނބު ކާންވީ ރޭގަނޑު، ފައިދާތައް އެނގޭތަ؟

ބާޒާރުގައި އަނބު: މިއީ ފައިދާ ގިނަ މޭވާއެއް -- ސަން ފޮޓޯ/ މޫސާ ނަދީމް

މޭވާގެ ތެރެއިން އަނބަކީ މިއީ ވަރަށް ގިނަ ބަޔަކަށް ކަމުދާ ކާލަން މީރު މޭވާއެކެވެ. ދިވެހިރާއްޖެއަށް ބަލައިލި ކަމަށް ވިޔަސް އަނބު މިއީ ދިވެހީންގެ މެދުގައި ޒަމާނުއްސުރެ ވަރަށް މަގުބޫލު މޭވާގެ ބާވަތަކަށް ވަނީ ވެފައެވެ.

ތިޔައީ ރޭގަނޑުގެ ވަގުތު މީރު އެއްޗެއް ކެއުމުގެ އާދަވެފައިވާ މީހެއް ނަމަ އަނބު މިއީ ރޭގަނޑުގެ ވަގުތުގައި ކެއުމަށް ވަރަށް ރަނގަޅު މޭވާއެކެވެ. ރޭގަނޑުގެ ކެއުމަށްފަހު ނިދުމާ ދެމެދު އެ އޮންނަ ވަގުތުތެރޭ މީރު އެއްޗެއް ކާހިތްވެއްޖެނަމަ އެންމެ ފުރަތަމަ ވެސް ސިކުނޑިއަށް އަންނާނީ ކޮންމެ ވެސް ކަހަލަ 'ޖަންކް' ކާއެއްޗެއްގެ ނަމެވެ.

ނަމަވެސް، އެ ޚިޔާލު ބަދަލުކޮށްލުމަށް ފަހު އަނގަޔަށް މީރު ސިއްހަތަށް ވެސް ފައިދާހުރި ސްނެކެއްގެ ގޮތުގައި އަނބެއް ކާލުން ކިހިނެއްވާނެ ހެއްޔެވެ؟

އަނބެއް ކާލުމުން ރޭގަނޑުގެ ވަގުތު ކާބްސް ކާހިތްވެފައިވާ މީހެއްގެ ހިތަށް ހިތްހަމަޖެހުމެއް ގެނެސްދޭނެއިރު އަނބެއް ކާލައިފިނަމަ ރޭގަނޑު ނިދަން އޮށޯންނައިރު ހަށިގަނޑަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބި އަރާމު ލިބޭ ކަމަށް އެމެރިކާއަށް ނިސްބަތްވާ ރެޖިސްޓަޑް ޑައިޓީޝަން ނިއުޓްރިޝަނިސްޓް ކާލީން ތޯމަސްގެ ލިޔުމެއްގައި ބުނެފައިވެއެވެ.

މާލޭ ލޯކަލް މާރުކޭޓުގައި އަނބުތަކެއް ވިއްކަން ބަހައްޓާފައި--ފޮޓޯ/ކޮރަލްގްލާސް

ރޭގަނޑުގެ ވަގުތު އަނބު ކެއުމުން ހަށިގަނޑަށް ސިއްޙީ ގޮތުން ގިނަ ފައިދާތަކެއް ލިބޭ ކަމަށް ކާލީން ތޯމަސްގެ ލިޔުމުގައި ފާހަގަކޮށްފައިވާއިރު، އޭގެ ތެރޭގައި ނިދުމުގެ ކޮލިޓީ ރަނގަޅުކޮށްދީ، ހަށިގަނޑުގެ އިމިއުން ސިސްޓަމް ވަރުގަދަކޮށްދިނުމަށް ބޭނުންވާ އެތަކެއް ވިޓަމިންސްއާއި މިނެރަލްސް ހަށިގަނޑަށް ފޯރުކޮށްދެއެވެ.

ހަމައެއާއެކު ނިދީގައި ފަސޭހަކަމާއެކު ނޭވާލުމަށް އަނބު ކެއުމުން އެހީތެރިވެދޭނެ ކަމަސް ޑައިޓީޝަން ނިއުޓްރިޝަނިސްޓް ވަނީ ފާހަގަކޮށްފައެވެ. ހިތުގެ ދުޅަހެޔޮކަން އިތުރުކޮށްދީ ލޭގެ ޕްރެޝަރު އެއްވަރެއްގައި ހިފެހެއްޓުމަށް ވެސް ރޭގަނޑުގެ އަނބުކާނަމަ އެހީތެރިވެދެއެވެ. ރޭގަނޑު ގަޑީގައި އަނބު ކާނަމަ ލިބިދޭ ސިއްހީ ފައިދާތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ކަންކަމުގައި ސަމާލުވެ ހުރުމަށް ސިކުނޑި ތައްޔާރުކޮށްދީ ކަންކަން ހަނދާންނެތުމާ ދުރުކޮށްދޭ ކަމެވެ.

ދިރިއުޅުމުގައި ކޮންމެ ބަޔަކީ ވެސް ވަރަށް އަވަދިނެތި ކަންކަމުގައި މަސްއޫލުވެ އުޅޭ މީހުންނަށްވުމުން ގިނަ ފަހަރު ވަރަށް ގިނަ ކަންކަން ހަނދާނުން ކައްސާލައިގެންދެއެވެ. ރޭގަނޑު އާދަވެގެން އަނބުކާނަމަ މިއީ އެކަމަށް ހޯދިދާނެ ހައްލެއް ކަމަށް ކާލީން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން މިއީ ދުވާލު ފޯރިގަދަކަމާ އެކު ކައި ތިއުޅޭ މޭވާ ރޭގަނޑުގެ ކެއުމަކަށް ބަދަލުކޮށްލަން ރަނގަޅު ފުރުސަތެކެވެ.

comment ކޮމެންޓް