ދިވެހިބަސް ހެޔޮގޮތުގައި ބޭނުންކުރަން އެނގުމަކީ ކޮންމެ ދިވެއްސަކަށް ވެސް ލާޒިމެއް: އެޑިޔުކޭޝަން މިނިސްޓަރު

އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް - ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހިބަސް ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތަކީ ކޮންމެ ދިވެހި ދަރިއެއްގެ ވެސް ވާޖިބެއް ކަމަށާއި އެހެންކަމުން އެ ބަސް ހެޔޮގޮތުގައި ބޭނުންކުރަން އެނގުމަކީ ކޮންމެ ދިވެއްސަކަށް ލާޒިމުކަމެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

ދިވެހި ބަހުގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު މިއަދު ދެއްވި ހިތާބުގައި ވިދާޅުވެފައި ވަނީ، ދިވެހި ބަހުގެ ރީތި ލަފުޒުތައް ބޭނުންކޮށްގެން ކުށްނެތް ސާދާ ދިވެހި ބަހުން ވާހަކަ ދައްކައި ލިޔެ ހެދުމަކީ ކޮންމެ ކުއްޖަކަށް ވެސް ހާސިލުކުރެވިފައި ހުންނަން ޖެހޭނެ މައިގަނޑު ގާބިލިއްޔަތެއް ކަމަށެވެ.

އެގޮތުން، ދިވެހިބަހުގެ އެކި ދާއިރާތަކުން ދަރިވަރުން އުފެއްދުމަށް ޓަކައި މިއަދު ހިންގާ ހަރަކާތްތަކަކީ މާދަމާ ދިވެހި ބަހާއި އަދަބަށް ހިދުމަތްކުރާނެ ދަރިންތަކެއް އުފެއްދޭނެ މުހިންމު މަސައްކަތްތަކެއް ކަމުގައި މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މި އަހަރުގެ ދިވެހިބަހުގެ ދުވަހަށް ދިވެހިބަހުގެ އެކެޑަމީން ކަނޑައަޅާފައިވާ ޝިޢާރަކީ "ޤައުމީ އެއްބައިވަންތަ ކަމަށް ޓަކައި- އެންމެންގެ ސަމާލުކަން ދިވެހިބަހަށް" އެވެ.

މިނިސްޓަރުގެ ހިތާބުގައި ދިވެހިބަހަކީ ދިވެހީންގެ އެއްބައިވަންތަކަމުގެ މައިގަނޑު އަސާސް ކަމަށްވީ ހިނދު ދިވެހިބަސް ދިރުވައިއާލާކުރުމުގެ މަސައްކަތުގައި މުޅި ދިވެހި އުންމަތް ޝާމިލްވެ އަތާއިއަތްގުޅައިލައިގެން މަސައްކަތްކުރުމަށް ވަނީ އިލްތިމާސްކުރައްވައިފަ އެވެ.

މީގެ އިތުރުން، ދަރިވަރުންގެ ދުވަހު ދިރިއުޅުމުގެ ބޮޑުބައެއް ހޭދަކުރަނީ އެކުދީން އުޅޭ ޢާއިލީ މާހައުލުގައި ކަމުން އުނގެނުމުގެ ހުރިހާ މަރުހަލާއެއްގައި ވެސް ދަރިވަރުންނަށް ރީތި ދިވެހި ބަސް ބޭނުންކުރަން ބާރުއަޅައި ދެއްވުމަށާއި ދަރިވަރުން ކިޔާނެ އެކަށީގެންވާ ދިވެހި ފޮތްތައް ހޯއްދަވައިދެއްވުމުގެ އިތުރުން ދިވެހި އަދަބީ ހަރަކާތްތަކުގައި ބައިވެރިވުމަށް ދަރިވަރުންނަށް ހިތްވަރުދެއްވުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފަ އެވެ.

comment ކޮމެންޓް