ކިޔެވުން އެހެން ރަށަކަށް ބަދަލުކުރާ ނަމަ، ސްކޫލު ބަދަލުކުރުން އަވަސްކުރަން އިލްތިމާސްކޮށްފި

ކިޔަވަމުން އަންނަ ސްކޫލުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކުރުމުގެ ކަންތައް އަވަސްކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް ދިރާސީ އާއަހަރު ފެށުމުގެ ކުރިން، ދަރިވަރު ކިޔަވަމުން އަންނަ ސްކޫލުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކުރުމަށް އެދޭނަމަ އެކަންތައް އަވަސްކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އިލްތިމާސްކޮށްފިއެވެ.

އެޑިއުކޭޝަނުން ބުނީ ވަގުތު އޮއްވައި ދުރާލާ ދަރިވަރުން ސްކޫލުތަކަށް ވެއްދުމުގެ މަސައްކަތް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުރަމުން ގެންދާކަމަށެވެ.

"ދަރިވަރު ކިޔަވަމުން އަންނަ ސްކޫލުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކުރުމަށް އެދޭ ފޯމު ބެލެނިވެރިޔާ ހުށަހަޅަންޖެހޭނީ މިހާރު ދަރިވަރު ތައުލީމު ހާސިލުކުރަމުން އަންނަ ސްކޫލަށް" މިނިސްޓްރީން ބުނެފައިވެއެވެ.

މިނިސްޓްރީން ބުނީ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭނީ ރޯދަމަހުގެ ފަހުދިހައާއި އީދު ބަންދަށްފަހު ކަމަށްވުމުން، މާޗު 15ގެ ކުރިން ހުރިހާ މަސައްކަތެއް ނިންމުމަށް ހަމަޖެހިފައި ވާކަމަށެވެ.

މިއަހަރުގެ ދިރާސީ އާއަހަރަށް ދަރިވަރުން ކިޔަވަމުންދާ ސްކޫލުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކުރުމުގެ ފުރުސަތު ދީފައި ވަނީ މާޗު މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށެވެ.

ދިރާސީ އައު އަހަރު މީލާދީ އައު އަހަރާއެކީ ފެށޭގޮތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުން އަންނައިރު، ކުރީ ސަރުކާރުން މި ބަދަލު ގެނެސްފައިވަނީ ކޮވިޑް-19ގެ ތެރޭގައި ސްކޫލުތަކުގެ ކިޔެވުން މެދުކަނޑާލާފައި އަލުން ފެށުމަށްފަހުއެވެ.

comment ކޮމެންޓް