ޖަމާލުއްދީން ސްކޫލުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމާ ގުޅޭ ގޮތުން ކުރި ޕޯސްޓް ޑިލީޓްކުރުން އެއީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ބުނެ، އެމްޑީޕީން މިއަދު އެކަން ކުށްވެރިކޮށްފިއެވެ.
ޖަމާލުއްދީން ސްކޫލުގެ 40ވަނަ އަހަރީ ދުވަހާ ގުޅިގެން އެ ސްކޫލުން ވަނީ ސްކޫލުން ތައުލީމު ހާސިލުކުރި ފަޚުރުވެރި ދަރިވަރުންގެ ޕޯސްޓުތައް ފޭސްބުކުގައި ހިއްސާކޮށްފައެވެ. އެގޮތުން، މީކާއީލްގެ ޕޯސްޓެއް ވެސް ވަނީ ހިއްސާކޮށްފައެވެ. މީކާއިލްގެ ކާމިޔާބީތަކާ ގުޅޭ ވާހަކަތައް ހިއްސާކޮށް އެ ޕޯސްޓު، ޖަމާލުއްދީން ސްކޫލްގެ ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި އާއްމުކޮށްފައިވަނީ އިއްޔެއެވެ. ނަމަވެސް، އޭގެ ދެ ގަޑިއިރު ފަހުން ވަނީ އެ ޕޯސްޓު ޑިލީޓްކޮށްފައެވެ.
އެ މައްސަލައާ ގުޅިގެން އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި ބުނީ، ޖަމާލުއްދީން ސްކޫލުން ޚާއްސަ އިސްދަރިވަރެއްގެ ގޮތުގައި ފާހަގަކުރި މެންބަރު މީކާއިލްގެ ޕްރޮފައިލް ސޯޝަލް މީޑިއާގައި ހިއްސާކުރުމަށް ފަހު، މިނިސްޓްރީން މަޖުބޫރުކުރުމުން، އެކަން ބެލެނިވެރިންގެ ބޮލުގައި އަޅުވައި ޑިލީޓްކުރީ ކަމަށެވެ.
އެއަށްފަހު، ރޭ ދަންވަރު ޖޭއެސްއިން ނެރުނު ބަޔާން އެމްޑީޕީން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
އެމްޑީޕީން ބުނީ، ސޯޝަލްމީޑިއާގެ އެކި މަންސަތަކުގައި އެ ޕޯސްޓު ހިއްސާކުރުމަށް ފަހު، އެ ޕްރޮފައިލް ފެނި ދަރިވަރުންނަށް ނުބައި އަސަރުކުރާނެ ކަމަށް ބުނެ، ޕޯސްޓު ޑިލީޓްކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަަމަށެވެ.
އިއްޒަތްތެރި މެންބަރު މީކާއިލަކީ ސްކޫލް ދައުރުގައި ތަފާތު ކާމިޔާބީތައް ހާސިލުކޮށް ދުނިޔޭގެ އެންމެ މަތީ ފަންތީގެ ޔުނިވަސިޓީއަކުން ދަސްވެނިވެފައިވާ، ދާއިރާގެ ރައްޔިތުންގެ ފުރިހަމަ އިތުބާރާ އެކު ދެ ދައުރު ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުކުރެވިފައިވާ ނަމޫނާ ދިވެހި ދަރިއެއް. މިފަދަ ދިވެހި ދަރިންނަކީ އެހެން ދަރިވަރުންނަށް ރަނގަޅު ނަމޫނާއަކަށް މެނުވީ ނުވާނެ، އެމްޑީޕީގެ ބަޔާން
އެ ޕާޓީން ބުނީ، ޑިމޮކްރެޓިކް ވެއްޓެއްގައި އުނގަންނައިދިނުމުގެ މަސައްކަތްކުރާ މަރުކަޒުތަކުގެ މައިގަނޑު މަސައްކަތަކަށް ވާންވާނީ އުނގަންނައިދިނުމުގެ އިތުރަށް ދަރިވަރުން މުސްތަގުބަލުގައި ކުރިއަށްދާނެ މަގުދައްކައިދީ، އެކަކު އަނެކަކަށް އިހުތިރާމްކުރާ ހެޔޮލަފާ ޖީލެއް ބިނާކުރުން ކަމަށެވެ. އަދި، ދައުލަތުގެ އެންމެހާ އިންތިޒާމްތަކާއި، ޑޮމޮކްރެޓިކް ވެއްޓަށް އަހުލުވެރި އަދި އިހުތިރާމްކުރާ ބައެއްގެ ގޮތުގައި ދަރިވަރުން މުޖުތަމައުއަށް ނެރުމުގެ އަގުހުރި މަސައްކަތްކުރާ ބަޔަކު ކަމުގައެވެ.
ޑިމޮކްރަސީގެ އެންމެ މުހިންމު އެއް ބަޔަކީ ރައްޔިތުން ތަމުސީލުކުރާ މަންދޫބުން ކަމުގައި ވީހިނދު، އެ މަސައްކަތަކީ ހުތުރު މަސައްކަތެއްގެ ގޮތުގައި ސިފަކުރުމަށް ތައުލީމު ފޯރުކޮށްދޭ އެފަދަ މުއައްސަސާއަކަށް މަޖުބޫރުކުރުމަކީ ކަންބޮޑުވާކަމެއް ކަމަށް އެ ޕާޓީން ބުންޏެވެ.
ވަކިން ޚާއްސަކޮށް ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލީހަކީ ޚާއްސަ އިމްތިޔާޒުތަކެއް ލިބިފައިވާ އިދާރާއެއްކަމުގައި ބަޔާންކޮށްފައިވީ ހިނދު، މެންބަރު މީކާއިލަށް އަމާޒުކޮށް މެންބަރުގެ އަގުވައްޓާލުމަށް ދައްކާފައިވާ ވާހަކަތައް ކުށްވެރިކުރާ ކަމަށް އެމްޑީޕީން ބުންޏެވެ. އަދި އެކަން ހިނގައި ގޮސްފައިވާ ގޮތުން ސްކޫލުތަކުގެ ހިންގުމުގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެފައިވާ ނުރައްކާތެރި މިންވަރު ހާމަވާކަމަށާއި އެފަދަ ކަންތައްތަކަކީ އެ ޕާޓީން ނުހަނު ކަންބޮޑުވާކަމެއް ކަމަށް އެމްޑީޕީން ބުންޏެވެ.
އެމްޑީޕީން ވަނީ އެފަދަ އަމަލުތައް ތަކުރާރުނުވާނޭ ގޮތަށް އަމަލުތައް ބެހެއްޓުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް ގޮވާލައިފައެވެ.
އެ ބަޔާނާ ގުޅިގެން މީކާއިލް ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފައެވެ. އެގޮތުން، ރަސްމީ ބަންދު ދުވަހެއްގެ ދަންވަރު 12 ޖަހާ ބޮޑުވި ފަހުން ސްކޫލަށް އަމުރުކޮށްގެން ބަޔާން ނެރުމުން ވެސް، މި ސަރުކާރުގެ ސިޔާސީ ނުފޫޒު ސްކޫލަށް ފޯރުވާ މިންވަރު ސާފު ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ބަޔާނާ ގުޅިގެން އާންމުންގެ ވަރަށް ބޮޑެތި ފާޑުކިޔުންތައް ސްކޫލަށް ވެސް ވަނީ އަމާޒުވެފައެވެ. އެގޮތުން، ސްކޫލްތައް ސިޔާސީ ނުކުރުމަށް ގިނަ މީހުން ވަނީ ގޮވައިލާފައެވެ.