މާލޭ ސަހަރައްދުގެ ސްކޫލެއްގައި އިސްލާމް ކިޔަވައިދޭ ޓީޗަރަކު ދަރިވަރަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި އެޓީޗަރު ސަސްޕެންޑު ކޮށްފިއެވެ.
އޭނާ ސަސްޕެންޑުކުރިކަން ވަނީ އެޑިއުކޭޝަން މިނިސްޓްރީން "ސަން"އަށް ކަށަވަރު ކޮށްދެއްވާފައެވެ. އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ދިން ގޮތުގައި އޭނާ އަކީ އެ ސްކޫލުގެ އިސްލާމް ޑިޕާޓްމަންޓުގެ ހެޑެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ، އެކި ދުވަސް މަތިން މާލޭ ސަރަހައްދުގެ ސްކޫލެއްގެ ޓީޗަރަކު އެ ސްކޫލުގެ ދަރިވަރަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މިދިޔަ މަހުގެ 14ވަނަ ދުވަހު ރިޕޯޓުކޮށްފައި ވާކަމަށެވެ.
މި މައްސަލައިގައި އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ނަމަވެސް މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ރާއްޖޭގައި ގިނަކަން ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން މިދިޔަ އަހަރު އެކަނި ވެސް ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ 200އަށް ވުރެ ގިނަ މައްސަލަ އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއަށް ހުށަހަޅާފައި ވެއެވެ.