ސަން ސިޔާމް އިރުފުށިން އިންތިޒާމުކޮށްގެން ޓޫރިޒަމް ފިލްމް ފެސްޓިވަލެއް ބާއްވަން ނިންމައިފި

ފިލްމް ފެސްޓިވަލާ ބެހޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ބައްދަލުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަން ސިޔާމް އިރުފުށިން އިންތިޒާމުކޮށްގެން ޓޫރިޒަމް ފިލްމް ފެސްޓިވަލެއް ބާއްވަން ނިންމައިފި އެވެ.

އިންޓަނޭޝަނަލް ފެންވަރުގައި، "ފޮލޮވިން ދަ އީކުއޭޓާ"ގެ ނަމުގައި ސަން ސިޔާމް އިރުފުށި ރިސޯޓުން އިންތިޒާމުކުރާ އެ ހަރަކާތުގެ ދަށުން ޓޫރިޒަމާ ގުޅޭ ކުރު ވީޑިއޯ ފިލްމްތައް އުފައްދަން ރާއްޖޭގެ ހުރިހާ ފަރާތްތަކަށް ވަނީ ހުޅުވާލައިފަ އެވެ.

އެ ހަރަކާތާ ގުޅޭ މައުލޫމާތު ދިނުމަށް މޫކައި ހޮޓެލްސްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއެމްޕީއާރުސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އާދަމް ވިދާޅުވީ، އެ ހަރަކާތުގެ މައިގަނޑު މަގްސަދަކަށް ވާނީ ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުން ކަމަށެވެ. އޭގެ އިތުރުން އެއީ ރާއްޖޭގެ ރަށްފުށުގެ މީހުންނަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އިންޓަނޭޝަނަލް ފެންވަރުގައި ކުރިއަށްގެންދާ ހަރަކާތަކަށް ވާތީ، އެ ފެސްޓިވަލުގައި ރާއްޖޭން ބޭރުގެ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެ ކަމަށް އެ ފެސްޓިވަލް އިންތިޒާމުކުރާ ފަރާތުން ބުންޏެވެ. އަދި އުފައްދާ ވީޑިއޯތަކުގެ ތެރެއިން އެންމެ އުފެއްދުންތެރިކަން ރަނގަޅު ވީޑިއޯ އަކަށް އެވޯޑްދޭނެ އަދި އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލްތަކުގައި އެ ފިލްމްތައް ބައިވެރިކުރާނެ ކަމަށް ސަން ސިޔާމް އިރުފުށި ރިސޯޓުން ބުންޏެވެ.

އެގޮތުން ބައިވެރިވާ ހުރިހާ ފަރާތްތަކުގެ ތެރެއިން އެއްވަނައަށް ހޮވޭ ފަރާތަކަށް ލިބެނީ، 20،000 ޔޫއެސް ޑޮލަރަށް ވުރެ އަގުހުރި އިނާމެއް ކަމަށް ބުންޏެވެ. އެގޮތުން ރާއްޖެ އަށް ދެކޮޅު ޓިކެޓާއި، ބޭނުން ލަގްޒަރީ ވިލާއެއްގައި އޯލް އިންކްލޫސިވް ޕެކޭޖެއްގެ ދަށުން ފަސް ރޭ ހުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް އެ ފަރާތުން ބުންޏެވެ.

ފިލްމް ހުށަހަޅާ ތީމްތަކަށް ބަލާއިރު އޭގައި ހިމެނެނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަޝްހޫރު ސަގާފަތްތަކާއި، އެ ގައުމުތަކުގެ އާސާރީ ކަންކަމާއި ތިމާވެއްޓާއި ސައިންސާއި ކުޅިވަރު، ފެން އަދި ޓޫރިސްޓުން ގަޔާވާ ތަންތަނުގެ ވީޑިއޯ އެވެ.

ސަން ސިޔާމް އިރުފުށި ރިސޯޓްގެ ސޭލްސް އެންޑް މާކެޓިން ޑިރެކްޓަރު އެވްގީނިއާ ބޮޔަންކޮވާ ވިދާޅުވީ އެ ވީޑިއޯތައް ޑޮކިއުމެންޓްރީއެއް ގޮތަށް ވެސް ހެދިދާނެ ކަމަށެވެ. އެގޮތުން ޑޮކިއުމެންޓްރީ ނުވަތަ އެނިމޭޝަން ގޮތަށް ހަދާ ނަމަ 13 މިނެޓަށް ވުރެ ދިގު ނުވާނެގޮތަށް ވީޑިއޯ ފަރުމާކުރަން ޖެހެ އެވެ. އޭގެ އިތުރުން 13 މިނެޓަށް ވުރެ ދިގު ނުވާގޮތަށް ފީޗާ ފިލްމް ވެސް ހެދިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ފަސް މިނެޓަށް ވުރެ ދިނު ނުވާނެގޮތަށް މިއުޒިކް ވީޑިއޯ ކްލިޕް ހެދިދާނެ ކަމަށާއި ފްރީފޯމް ވީޑިއޯއެއްއެއް މިނެޓަށް ވުރެ ދިނު ނުވާނެގޮތަށް ހެދިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވީޑިއޯ ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

comment ކޮމެންޓް