ކުރިއަށް އޮތް ކުއާޓަރުގައި ތަކެއްޗާއި ޚިދުމަތުގެ އަގު ބޮޑުވާނެ: އެމްއެމްއޭ

މާޗް 22، 2021: ބާޒާރު ފިހާރަބަރި ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް ތަނުގައި ވިއްކާ ތަކެއްޗާއި ޚިދުމަތުގެ އަގު ބޮޑުވާނެ ކަމަށް މޯލްޑިވްސް މޮނިޓަރީ އަތޯރިޓީ (އެމްއެމްއޭ)އިން ބުނެފިއެވެ.

އެމްއެމްއޭއިން ވަނީ އަހަރުގެ ދެވަނަ ކުއާޓަރުގެ ބިޒްނަސް ސާވޭ މިދިޔަ މަހުގެ 25އިން ފެށިގެން މިމަހުގެ 11ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންގޮސްފައެވެ.

އެގޮތުން، އެމްއެމްއޭ އިން ބުނީ ފަތުރުވެރިކަން، އިމާރާތްކުރުން، ދަތުރުފަތުރާއި މުވާސަލާތީ ޚިދުމަތްތައް އަދި ހޯލްސޭލާއި ރީޓެއިލް ވިޔަފާރީގެ ދާއިރާ ހިމެނޭ ގޮތަށް ހަތަރު ދާއިރާއަކުން 118 ކުންފުންޏަކުން ބައިވެރިވި ކަމަށެއެވެ.

މި ބިޒްނަސް ސާވޭގެ ނަތީޖާއަށް ބަލާއިރު، ޖުމުލަ ގޮތެއްގައި ސާވޭކުރެވުނު ހުރިހާ ދާއިރާއެއްގައި ވެސް ވިޔަފާރިކުރާ މިންވަރު ވަނީ މިއަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ހީނަރުވެފައެވެ.

މިގޮތުން މިއަހަރުގެ ދެވަނަ ކުއާޓަރުގެ ސާވޭގައި ހިމެނޭ ހުރިހާ ވިޔަފާރިތަކެއްގެ މާލީ ހާލަތު މިއަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ވަނީ ހީނަރުވެފައެވެ.

ކުރިމަގަށް ބަލާއިރު، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާ ފިޔަވާ، އެހެން ހުރިހާ ދާއިރާއެއްގެ މާލީ ހާލަތު، އަންނަ ކުއާޓަރުގައި ރަނގަޅުވާނެ ކަމަށް އެމްއެމްއޭ އިން އަންދާޒާ ކުރެއެވެ.

ނަމަވެސް، ހޯލްސޭލް އަދި ރީޓެއިލް ދާއިރާގެ ވިޔަފާރިތަކުން އަންދާޒާކުރަނީ، އަންނަ ކުއާޓަރުގައި މާލީ ހާލަތު އިތުރަށް ހީނަރުވާނެކަމަށެވެ.

މި ބިޒްނަސް ސާވޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފަތުރުވެރިކަމުގެ ދާއިރާއާއި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާގައި ތަކެތީގެ އަގުތަކާއި، ޚިދުމަތުގެ އަގުތައްވަނީ ދަށްވެފައެވެ. ހަމަމިއާއެކު، މި މުއްދަތުގައި ސާވޭކުރެވުނު އެހެނިހެން ދާއިރާތަކުގެ އަގުތައް ވަނީ މަތިވެފައެވެ.

މީގެ އިތުރުން، މި ސާވޭގައި ހިމެނޭ ހުރިހާ ދާއިރާއެއްގެ ވިޔަފާރިތަކަށް ވެސް ކްރެޑިޓްގެ ގޮތުގައި ފައިސާ ހޯދުމަށް ދަތިވެފައިވާކަން ވެސް އެމްއެމްއޭއިން ވަނީ ފާހަގަކޮށްފައެވެ. ކުރިއަށް އޮތް ތަނުގައި ވެސް ސާވޭގައި ހިމެނޭ ހުރިހާ ދާއިރާއެއްގެ ވިޔަފާރިތަކަށް ކްރެޑިޓްގެ ގޮތުގައި ފައިސާ ހޯދުމަށް ދަތިވާނެ ދާނެކަމަށް އެމްއެމްއޭއިން ވަނީ ލަފާކޮށްފައެވެ.

ކުއާޓަލީ ބިޒްނަސް ސާވޭ އަކީ އެމްއެމްއޭއިން 2013 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ހަތަރު ފަހަރަކު ހިންގާ ސާވޭއެކެވެ.

މި ސާވޭއަކީ އިގްތިސާދުގައި ހިމެނޭ މުހިންމު ހަތަރު ދާއިރާކަމުގައިވާ ފަތުރުވެރިކަން، އިމާރާތްކުރުން، ދަތުރުފަތުރާއި މުވާސަލާތީ ޚިދުމަތްތައް، އަދި ހޯލްސޭލާއި ރީޓެއިލް ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ ބޮޑެތި ވިޔަފާރިތަކުން ދެކޭގޮތް، ދެނެގަތުމުގެ ގޮތުން ހިންގޭ ސާވޭއެކެވެ.

އެމްއެމްއޭ އިން ބުނީ މި ސާވޭގެ މަގްސަދަކީ ކުރު މުއްދަތުގައި އިގްތިސާދަށް އަންނަމުންދާ އަދި އަތުވެދާނެކަމަށް ލަފާކުރެވޭ ބަދަލުތައް އަވަސް މުއްދަތެއްގެ ތެރޭގައި ދެނެގަނެ، ސިޔާސަތުތައް ކަޑައެޅުމުގައި އެހީތެރިވެދިނުން ކަމަށެވެ.

comment ކޮމެންޓް