ރާއްޖޭގައި އުފައްދާ ތަކެތީގެ ދަފުތަރެއް އެކުލަވާލަނީ

ދިވެހިރާއްޖޭގައި އުފައްދާ ތަކެތީގެ ދަފްތަރެއް އެކުލަވާލަނީ -- ސަން ފޮޓޯ/ މުޙައްމަދު މާވީ

ރާއްޖޭގައި ބޭނުންކުރުމަށް ނުވަތަ ރާއްޖެއިން ބޭރަށް އެކްސްޕޯޓުކުރުމަށް އުފައްދާ ތަކެތީގެ ދަފުތަރެއް އެކުލަވާލުވުމުގެ މަސައްކަތް
އިކޮނޮމިކް މިނިސްޓްރީން ފަށައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ގެޒެޓްގައި ކުރި އިއުލާނުގައި ވަނީ ތަކެތި އުފައްދާ ފަރާތްތަކުގެ ދަފުތަރުގައި މަޢުލޫމާތު ހިމެނުމަށް ބޭނުންވާ ފަރާތްތަކުން އަންނަ މަހު 15ގެ ކުރިން އެ މިނިސްޓްރީއަށް މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ. މައުލޫމާތު ހިއްސާކުރުމަށް މިނިސްޓްރީން ވަނީ ލިންކެއް ހިއްސާކޮށްފައެވެ.

އެ މިނިސްޓްރީން ބުނީ މި ދަފުތަރުގެ ސަބަބުން ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށް މަގުފަހިވާނެ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި ދަފުތަރު އެކުލަވާލުމުގެ މައިގަނޑު މަގުސަދަކީ، ރާއްޖޭގައި އާމުދަނީ ހޯދުމަށް ތަކެތި އުފައްދާ ފަރާތްތަކުގެ މައުލޫމާތު ދެނެގަތުން ކަމަށެވެ. އަދި އެ ފަރާތްތަކުގެ މަސައްކަތް ކުރިއަރުވައި، ރާއްޖޭގައި ވިއްކުމަށާއި ރާއްޖެއިން ބޭރުގެ މާކެޓްތަކަށް އެކްސްޕޯޓުކުރެވޭނެ އުފެއްދުންތައް ދެނެގަނެ، ބޭރު ޤައުމުތަކުގައި އެ އުފެއްދުންތަކަށް މާކެޓް ހޯދައިދިނުން ކަމަށެވެ.

ހަމަމިއާއެކު، މިފަދަ މަސައްކަތްތައް ކުރާ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ، މި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ދިވެހި މަސައްކަތްތެރިންނަށް ތަކެތި އުފެއްދުމުގައި ކުރިއެރުންތަކެއް ހޯދައިދިނުމަށް އެހީތެރިވުމަކީ ވެސް ދަފުތަރު އެކުލަވާލުމުގެ މަގުސަދެއްކަމަށް މިނިސްޓްރީން ބުންޏެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މިއަދު ކުރި އިއުލާނާ ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންނަމަ، އެ މިނިސްޓްރީގެ ކޮންޓެކްޓް ސެންޓަރު 1500އަށް ގުޅާ މައުލޫމާތު ސާފުކުރެވޭނެ ކަމަށެވެ.

comment ކޮމެންޓް