ކޮންމެ ފަހަރަކުމެ، ސައި ކީ ބޮނދު ބުޑަށެވެ.

މާލޭގައި ކުރިޔަށް ދިޔަ މުޒާހަރާއެއްގެ ތެރެއިން: ވެރިކަން ހޯދުމަށް ބޭރުގެ އެހީ ހޯދުމަކީ ގައުމަށް ނުރައްކާތެރިކަމެއް --- ސަން ފައިލް ފޮޓޯ

ރާޒުވާ ކުޅުމުގައި އަބަދުވެސް " ބޮނދު" ޙިމާޔަތް ކޮށްގެން، އިދިކޮޅު ކުޅުންތެރިޔާ ބަލިކޮށްލުމަކީ، އޭގެ އެންމެ އަސާސީ ރޭވުމެވެ. ސިޔާސީ ގޭމްތަކުގައިވެސް އޮންނަނީ މި އުސޫލެވެ. ނަމަވެސް ދިވެހި ތާރީޚުގެ ތެރެއަށް ނަޒަރު ހިންގާލާއިރު، ފެންނަމުންދަނީ އަދި މުޅިން ތަފާތު މަންޒަރެކެވެ. ބޮނދު ޙިމާޔަތްކުރަން ރޭވެމުންދިޔަ ކޮންމެ ފަހަރަކުމެ، ބޮނދު ބުޑަށް ސައި ކިޔާފައި އޮއްވައެވެ.

ފުރަތަމަ ވެސް ހުޅުވާލަން ޖެހެނީ މަޝްހޫރު ލިޔުންތެރިޔާ ޖެނެވީވް ބޫޝޯން ލިޔުއްވާފައިވާ " ރީޖަން އޮފް ދަ ސީ" އެވެ. މި ފޮތަކީ، އެޒަމާނުގައި ޕޯޗުގީޒް ރަސްގެފާނު ފޮނުއްވާފައިހުރި ސިޓީފުޅުތަކާ، ގޯވާގައި ތިބި ޕޯޗުގީޒުގެ އެކިއެކި ގަވަރުނަރުން އެމީހުންގެ ރަސްގެފާނަށް ލިޔުއްވާފައިހުރި ލިޔުންތަކާއި މި ސަރަޙައްދުގެ ޤައުމުތަކުގެ ރަސްރަސްކަލުންނާއި ދެމެދު ގަވަރުނަރުން ކުރައްވާފައި މުޢާމަލާތްތަކުގެ އަލީގައި ލިޔެފައިވާ ފޮތެކެވެ.

24 ޑިސެމްބަރު 1518 މ. ގެ ތާރީޚަކީ، ޕޯޗުގީޒުންގެ 120 މީހުންނާއެކު، 4 ގުރާބެއް، ދިވެހިރާއްޖެއަށް އައުމަށް ދަތުރުފެށި ދުވަހެވެ. އެ ފްލީޓުގެ ވެރިޔަކީ "ދިވެހިރާއްޖޭގެ ކެޕްޓަން" ކަމުގެ ލަޤަބު ދީފައި، ޕޯޗުގީޒް ރަސްގެފާނު ދިވެހިރާއްޖެއަށް ފޮނުއްވި ރޮއާއޮ ގޯމެސް އެވެ. އޭނާގެ ދެވަނަ ނަމަކީ "ޝޭރާޑި ޒޭރޯ" ( ފައިސާގެ ވަސް ދުވާ މީހާ) އެވެ.

މިދެންނެވި ދުވަސް ދިވެހިރާއްޖޭގެ ތާރީޚު ދެކެފައިވަނީ، ކަޅު މުޙަންމަދު ރަސްގެފާނުގެ އެދިވަޑައި ގަތުމަކަށެވެ. ކަންވީ ގޮތް ބަލައިލަމާ ތޯއެވެ.؟

1512 މ. ގެ އޮގަސްޓުމަހު، ދިވެހިރާއްޖޭގެ ރަސްގެފާނު ކަޅު މުޙަންމަދުގެ ފަރާތްޕުޅުން ބާބާ ޢަބްދުﷲ ކިޔުނު ސަފީރަކު، ކޮށްޗޭގައި ހުންނަވާ ޕޯޗުގީޒުގެ ގަވަރުނަރު އަލްބުކެއާރްކް އަރިހަށް ދިޔައެވެ. މިވާހަކަ ދިވެހި ތަރިކައިގެ"ދިވެހިންނާއި ޕޯޗުގީޒުން 1،2،3،" މިފޮތުގެ ސަފްޙާ ނަންބަރު 30 ގައި ބުނެފައިވާ ޢިބާރާތުން ތިރީގައި އެވަނީއެވެ.

" ބާބާ ޢަބްދުﷲ ދެންނެވި ގޮތުގައި ދިވެހިރާއްޖޭގެ ރަސްގެފާނު އެދިވަޑައި ގަންނަވަނީ ބިރުންތިބި ނިކަމެތިންގެ އަތުން ޖިޒީއަތުލުން ހުއްޓާލުމަށް މާމަލޭއަށް އެންގެވުމަށެވެ. އަދި މިކަން ކޮށްދެއްވުމަށްފަހުގައި ދިވެހިރާއްޖެއިން ލިބޭ އާމްދަނީ ފޮނުއްވާނީ ޕޯޗުގަލް ރަސްގެފާނަށް ކަމަށްވެސް ދިވެހިރާއްޖޭގެ ރަދުން ވިދާޅުވި ކަމަށްވެއެވެ."

ކަޅު މުޙަންމަދު ރަސްގެފާނު، މިފަދަ ހުށަހެޅުމެއް ޕޯޗުގީޒުންނަށް ހުށަހެޅުއްވީ ގޮތް ހުސްވެވަޑައި ގަތުމުންނެވެ. އެއީ ބޭރުގެ ނުފޫޒުގަދަ ފަރާތެއްގެ އެހީގައި ހޯއްދެވި ރަސްކަމުގެ ތަޚުތުގައި، އެންމެފަހުން އިންނެވުމަށް ދަތިފުޅު ވެގެންނެވެ. އެ ރަސްކަން ހޯދައިދިން އިންޑިއާގެ ބާރުގަދަ ވިޔަފާރިވެރިޔާ މާމެލޭގެ ބާރުގެދަށް، އެންމެފަހުން ރާއްޖޭގެ މުޅި އިޤްތިސާދާއި ވިޔަފާރި ގެންދިޔައެވެ. ފޭރުމާ، ލާއިންސާނީ ކަންކަން އިންތިހާއަށް ދިޔައެވެ.

ޕޯޗުގީޒުންގެ ގަވަރުނަރު މާމަލޭ ގެންނަވައި ދިވެހިރާއްޖެއިން އޭނާގެ މީހުން، ފަސް މަސްދުވަހުގެ ތެރޭގައި ބާލަން އެންގެވީ މިހިސާބުންނެވެ. އެހިނދު މާމަލޭ ގަވަރުނަރަށް ދަންނަވާފައިވަނީ ދިވެހިރާއްޖޭގެ ރަސްކަން އޭނާއަށް ދެއްވައިފިނަމަ، ޕޯޗުގީޒް ރަސްގެފާނުގެ ނަންފުޅުގައި އޭނާ އެތާނގެ ވެރިކަން ހިންގަވާނެކަމަށެވެ. ނަމަވެސް އަލްބުކެއާރްކް އެގޮތް ޤަބޫލުފުޅު ނުކުރައްވައި ހުންނެވިއެވެ. ދުވަސްކޮޅެއްފަހުން އަލްބުކެއާރްކް ނިޔާވިއެވެ.

އެޙާދިސާއަށްފަހު، ޕޯޗުގީޒް ރަސްގެފާނު އިންޑިއާއަށް ޢައްޔަންކުރި ޕޯޒުގީޒު ގަވަރުނަރުންގެ ދުވަސްވަރު، ރާއްޖެއާއިމެދު ކަންތައްތައް ވަމުންދިޔައީ އިހާނެތި ގޮތަކަށެވެ. އެ ގަވަރުނަރުންނާއި ގުޅިފައިވާ މާމަލޭގެ ނުފޫޒުދިޔައީ އިންތިހާއަށް ރާއްޖެއަށް ފޯރުވަމުންނެވެ. މިކަންކަން ނިމުމަކަށް އައީ 1518ގައި ޕޯޗުގީޒުން އިންޑިއާއަށް ކަނޑައެޅި އައު ގަވަރުނަރު ޑިއޯގޯ ލޯޕެސް ޑި ސެކްއޭރާ ގެ ދައުރު ފެށުނު ހިނދެވެ.

ކަޅު މުޙަންމަދު ރަސްގެފާނުގެ އިޒުނަފުޅާއެކު ރާއްޖޭގައި ޕޯޗުގީޒުން ޤާއިމްކުރި ވިޔަފާރި މަރުކަޒަށްފަހު، ދެންވެސް ކަންވެގެން ދިޔައީ އިހުފަދައިންނެވެ. ޕޯޗުގީޒުންގެ ފޭރުން އައީ އިންތިހާއަށް ބޮޑުވެގެންނެވެ. މިވާހަކަ ދިވެހި ތާރީޚުގައި ލިޔެފައިވާގޮތަށް ތިރީގައި ނަކަލު ކުރެވިފައި އެވަނީއެވެ.

" މިބައިމީހުން ހިތަށް އެރިގޮތަކަށް ރާއްޖޭގެ ރަށްތަކަށް ދަތުރުކޮށް މީހުން ފޭރި ހެދުމަށްފަހު، ޖޯގޯމަސް ރާއްޖޭގެ ރަދުންހުންނަވާރަށް މާލެއަށް ފައިބައިފިއެވެ. އެރަށުގެ ވަކި ހިސާބެއްގައި ވަޒަންވެރިވުމަށްފަހު، އެހިސާބުގަނޑުގައި ބުރުޒުތައް ހަދައި މީހުން ތިބުމަށާއި ބަޑިފަދަ ހަތިޔާރު ބެހެއްޓުމަށް ތަންތަން ތައްޔާރުކުރިއެވެ. އަދި މި ބުރުޒާޖެހިގެން ޕޯޗުގީޒު ނައު ފަހަރާއި ގުރާބުތައް އަޅާނެ ފުން ބަނދަރެއްވެސް އޮތެވެ."

ޕޯޗުގީޒުންގެ މި ކިއްލާގެ އަނިޔާވެރިކަން ބޮޑުވެގަތްހިނދު، އަނެއްކާވެސް ދިވެހިންނަށް ޖެހުނީ ކޮށްޗޭގެ ވިޔަފާރިވެރިއެއްގެ އެހީގައި 12 ނަވާއި ހަނގުރާމަވެރިންގެ ބަޔަކު ގެނެސް ޕޯޗުގީޒުގެ ވިޔަފާރި ކިއްލާއަށް ޙަމަލާދޭށެވެ. މި ޙަމަލާގައި ޕޯޗުގީޒުންގެ ފަރާތުން އެންމެ އިސްކޮށްހުރި ޖޯގޯމަސް އާއި އޭނާގެ ބައިވެރިން ޤަތުލުކުރިއެވެ.

އިސްވެ މިދެންނެވި ވާހަކައަކީ 1931 ގައި ޗާޕުވެފައިވާ އެޗް.ސީ.ޕީ ބެލްގެ "ދަ ޕޯޗުގީޒް އެޓް ދަ މޯލްޑިވްސް" އިން ނަކަލުކުރެވިފައިވާ ވާހަކަ އެކެވެ.

ތިޔަ ވިދާޅުވި ތާރީޚީ ޙަޤީގަތްތަކުން ސާފުވެގެން މިދަނީ، ބޭރުގެ ނުފޫޒެއްގެ އެހީގައި ކަޅުމުޙަންމަދު ރަސްގެފާނު، ރާއްޖޭގެ ތަޚުތު ހޯއްދެއްވުމަށްފަހު، އުޅުއްވަން ޖެހިވަޑައިގަތް ޙާލުކޮޅުގެ ވާހަކައެވެ. އެއްބާރުގެ އެހީގައި ހޯއްދެއްވި ވެރިކަން ދަމަހައްޓަވަން ދެވަނަ ބާރެއްގެ އެހީ ހޯއްދަވަން ޖެހިވަޑައިގަތް ކަމެވެ. އެންމެފަހުން އެ ބާރު ފަހާލަން ތިންވަނަ ބާރަކަށް ދެއްވި ދަޢުވަތެވެ. މިއިން ކޮންމެ ފަހަރަކު، އަރާނެ އިތުރު ގޮޅިއެއް ނެތިފައި ހުންނަވަން ޖެހިވަޑައިގަތީ ކަޅުމުޙަންމަދު ރަސްގެފާނަށެވެ. އެއިން ކޮންމެ ބާރަކުން ބޮނދު ބުޑަށް ސައިކިޔަން ފެށިހިނދެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމަށް ބޭރުގެ ފަރާތްތައް ބާރުހިންގަން ޖާގަ ދެވުމަކީ، ގޯހެއްކަން މާޒީން ޔަޤީން ކޮށްދިނީ އެންމެ ފަހަރަކު ދެފަހަރަކު ނޫނެވެ. ކޮންމެ ފަހަރަކުވެސް މެއެވެ. 1163ހ. ދިވެހިން ތަޖުރިބާކުރި ހޮޅިންގެ އަޅުވެތި ކަމުގައި އެންމެފަހުން ކަނޑުފެއްތީ ހޮޅިން ރާއްޖެއަށް އައުމަށް ދަޢުވަތުދެއްވި ދެބޭފުޅުންނެވެ. މުޙަންމަދު ޝަމްސުއްދީން ފަނޑިޔާރު މަނިކުފާނާއި ޚަތީބު އަޙްމަދު މުޙްޔިއްދީނެވެ. ހޮޅިން ބޮނދުބުޑަށް ސައި ކީހިނދު، އެ ދެބޭފުޅުންނަށްވެސް އެރޭނެ އިތުރު ގޮޅިއެއް ނުފެނުނެވެ.

ނުވަވަނަ ޙަސަންރަސްގެފާނުގެ ޙަޔާތްޕުޅު ގޯވާގައި ނިމިގެން ދިޔައީވެސް އަރާނެ ގޮޅިތައް ހުސްވެފައިވާ ޙާލުކޮޅެއް ގައެވެ. އެ ރަދުންގެ ވާރިސުންގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ ނިމުންވެސް އެހައިމެ ހިއްޗެވެ. އެއްބޭފުޅަކު އަވަހާރަ ކޮށްލެވިފައިވަނީ ކުއްވެރިއެއްގެ ގޮތުގައި ޕޯޗުގީޒަށް ގެންދެވިފައި ހުއްޓައެވެ. ބޭރުގެ ބާރެއްގެ ނުފޫޒުގައި ރަސްކަން ހޯއްދެވި ކޮންމެ ރަސްކަލަކަށާއި ކޮންމެ ފަރާތަކަށް، ދިވެހި ތާރީޚުގައި ކުރަން ޖެހުނު ތަޖުރިބާއަކީ މިއީއެވެ. ކޮންމެ ފަހަރަކުމެ ސައިކީ ބޮނދު ބުޑަށެވެ. "ބޮނދު" ސަލާމަތްވާން އަރާނެ ގޮޅިތައް ހުސްވެގެންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް